ފުންނާބު އުސް ފައިވާން (ހައި ހީލްސް) އަށް އެރުމަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް އާއްމު ކަމެކެވެ. ކަމުގެ މާހިރުން ބުނާ ގޮތުގައި ފުންނާބު އުސް ފައިވާނަށް އެރުމުން، އަންހެނުން ކުދިން ދިގު ކަމަށާއި ރީތިކަމަށް ދައްކައެވެ. ނަމަވެސް އެފަދަ ފައިވާނަށް އަރާނަމަ ލިބޭ ގެއްލުންތައް އިންތިހާއަށް ބޮޑެވެ. ރީތިކަމަށް ދެއްކުމަށް ވުރެ ޞިއްޙަތު މާ މުހިންމުތާއެވެ.
ހައި ހީލްސް އަށް އަރާނަމަ ދުވާލުގެ ބޮޑުބައެއް ހޭދަކުރެވޭނީ، މީހާ ހުންނަންވީ ވަރަށް ވުރެ ބޮޑަށް ކުރިމައްޗަށް ލެނބިގެންނެވެ. އެހެން ހުންނަނީއެއް ނޫނެވެ. ހުރެވެނީއެވެ. ސަބަބަކީ ހައި ހީލްސް އަށް އެރުމުގެ ސަބަބުން އުނަގަނޑަށް އެވާ ދަތު ކުޑަވަނީ ކުރިމައްޗަށް ލެނބިލުމުން ކަމަށް ވާތިއެވެ.
ހައި ހީލްސް އަށް އަރާއިރު، އާއްމުކޮށް އެހެން ފައިވާނަށް އަރާއިރަށް ވުރެ ބޮޑަށް ފަޔަށް 'ޕްރެޝަރ' ކުރެއެވެ. ސަބަބަކީ ހައި ހީލްސް އިންނަ ބައްޓަމުން، ފައިގެ ކުރީކޮޅަށް ބޮޑަށް ބާރު ކުރާނެތީއެވެ.
މީގެ އިތުރުން ކަކުލަށް ވެސް މީގެ ސަބަބުން އަސަރު ކުރެއެވެ. ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުންގެ ކަކުލުގައި ރިއްސާކަން ފާހަގަ ވޭ ހެއްޔެވެ؟ ކަކުލުގައި ރިއްސާ އެއް ސަބަބަކީ ހައި ހީލްސް އަށް އެރުން ކަމަށް ވެދާނެއެވެ.
ހައި ހީލްސް އަށް އަރާނަމަ ފައިގެ ތަނބިކައްޓަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. ތަނބިކަށީގެ މަސްތަކަށް އެކަމުގެ ގެއްލުން ވާއިރު، އެކަމުގެ ސަބަބުން ހިނގަން އުނދަގޫވާ ފަހަރު ވެސް އާދެއެވެ.
ހައި ހީލްސްގެ ސަބަބުން ގައިގެެ އެކި ހިސާބުތަކަށް ގެއްލުން ވާއިރު، އެންމެ ބޮޑު ގެއްލުމެއް ލިބެނީ ފަޔަށެވެ. އެގޮތުން ފައިގެ ފަލަ މަސްގަނޑަށް ވެސް އަސަރު ކުރެއެވެ. އާއްމުކޮށް ވެއިންސްގެ ތެރެއިން ލޭ އާއްމުކޮށް ދައުރުވާ ވަރާ ބަލާއިރު، ހީލްސް އަށް އަރައިގެން ހުންނައިރު އެވަރަކަށް ލޭ ދައުރެއް ނުވެއެވެ. އޭގެ ސަބަބަކަށް ވަނީ ފައިގެ ފަލަ މަސްގަނޑުގައި ނާރުތަކަށް، ހީލްސްގެ ސަބަބުން އަސަރު ކުރާތީއެވެ.
ހައި ހީލްސްގެ ސަބަބުން ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރު އެހާމެ ބޮޑު ކަމުގައި ވިޔަސް، ހައި ހީލްސް އަށް އަރާ ކަނބަލުން ވަރަށް ގިނައެވެ. އޭގެ ސަބަބެއް އެނގޭނީ ހަމަ އެ ކަނބަލުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް