ލައިސަންސް އާ ގުޅުން ހުރި ބައެއް ޖޫރިމަނާތައް މަޢާފް ކޮށްދޭން ހުށަހަޅައިފި

ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ގޮވާލައި މަޖިލީހުގެ އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހ...

30 Mar 2021 | 05:29

ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ ފަރާތްތަކުގެ ޖޫރިމަނާއަށް ލުޔެއް ހޯދައިދިނުމަށް ގޮވާލައި މަޖިލީހުގެ އެމްޑީޕީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ލަތީފް ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ލައިސަންސް ލިބުނު ކަމުގައިވިޔަސް ޓްރެފިކް ގަވާއިދުތަކާއި ހިލާފުވެގެން ކުރެވޭ ޖޫރިމަނާ ނުދެއްކިގެން ލައިސަންސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮވެ ޖޫރިމަނާ އިތުރުވުމުގެ ސަބަބުން ލައިސަންސް ނުނެގިފައިވާ އެތައް ފަރާތެއްވެސް އެބަ ތިބިކަމަށެވެ. އަދި އެފަރާތްތަކަށް ހައްލެއް ހޯދައިނުދެވި ގިނަ ދުވަސް ފާއިތުވަމުންދާ ދިޔުމަކީ އޭގެ ސަބަބުން އެފަރާތްތަކަށް ގިނަގުނަ މާލީ ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމެއްކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

ޖޫރިމަނާގެ ޢަދަދު ދިހަ ހާސް ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކުގެ ޖޫރިމަނާގެ ބަދަލުގައި، އެ މީހަކު މުޖުތަމަޢަށް ފައިދާ ކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ޝަރީޢަތަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށް ހަސަން ލަތީފް ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.

ޤަވާއިދުގައި ލަތީފް ހުށަހަޅުއްވާފައިވާ 6 ކަންތައް:

1- ކޮމިއުނިޓީ ސަރވިސްގައި ބައިވެރިވެވޭނެ ހާލަތްތަކާއި އެކަމުގައި ޢަމަލުކުރާނެ އުޞޫލުތަކާއި،

2- ކޮމިއުނިޓީ ސަރވިސްގެ ގޮތުގައި ކުރެވިދާނެ މަސައްކަތްތަކާއި، އެމަސައްކަތް ކުރެވިދާނެ ތަންތަން ކަނޑައެޅުމާއި،

3- އެމަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާ އަދާކުރުމުގެ ގޮތުން ފައިސާ އުނިކުރެވޭނޭ އުޞޫލު ބަޔާންކުރުމާއި،

4- ކޮމިއުނިޓީ ސަރވިސްގެ މަސައްކަތަށް ނުކުތުން ޝަރުޠުކުރެވުމާއެކު އެފަރާތްތަކަށް ލައިސަންސް ނެގުމަށް ހުރަހެއް ނޯންނާނެކަން ބަޔާންކުރުމާއި،

5- ދައްކަންޖެހި ނުދައްކާވާ ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އުޞޫލު ބަޔާން ކުރުމާއި،

6- ޖޫރިމަނާ އެކުގައި މަޢާފްކުރެވޭނޭ ހާލަތްތައް ބަޔާން ކުރުން

ލަތީފް އިތުރަށް ވިދާޅުވީ ޒުވާންނަށް ދިމާވެފައިވާ މިމައްސަލައަކީ އަވަސް ހައްލެއް ހޯދަން ޖެހޭ މައްސަލައެއްކަމަށެވެ. އަދި މުޅި ހަޔާތް މި ޖޫރިމާނާތަކުގެ ދަށުގައި ތާށިވެފައި ބޭތިއްބުމުގެ ބަދަލުގައި މިކުދިންނަށް އަވަސް ހައްލެއް ހޯދުމަށް ޤާނޫނުގެ ދަށުން ކުރަންޖެހޭ މަސައްކަތް އަވަސް ކުރަންްޖެހޭކަމަށް ލަޓީފް ވިދާޅުވިއެވެ.

2019 އާއި 2020 ވަނަ އަހަރު،ގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު 2365 ފަރާތެއް، އަދި 2020 ވަނަ އަހަރު 2658 ފަރާތް ވަނީ ޖޫރިމަނާ ކޮށްފައެވެ. މީގެ ތެރޭގައި ޢުމުރުން 18 އަހަރު ނުފުރޭ 330 ކުދިން އެބަތިއްބެވެ. މިފަރާތްތަކުގެ ތެރެއިން އެތައް ބަޔަކީ އެއްފަހަރަށްވުރެ ގިނަ ފަހަރު ޖޫރިމަނާ ކުރެވުމުގެ ސަބަބުން އެތައް ހާސް ރުފިޔާއެއް ދައްކަންޖެހި އެހެންނަމަވެސް އެ ޖޫރިމަނާ ދައްކާނެ ގޮތެއް ނެތިފައި ތިބި ޒުވާނުންކަމަށް މިމައްސަލާގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް