މިއަދުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ އުތުރުގެ އަތޮޅުތަކާއި މެދުރާއްޖެތެރެއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރުފޯރާނެ ކަމަށް ލަފާ ކުރެ އެވެ.
ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ އުތުރުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ އެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވެ، މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވާނެ ކަމަށެވެ. އަދި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވިނަމަވެސް ވިލާގަނޑުގައި ކަނޑުތައްގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ދެކުނުގެ އަތޮޅުތަކުގައި ކަނޑުގެ ރާޅުގެ އުސްމިނުގައި 4–7 ފޫޓު ހުންނާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުގެ ރާޅުގެ އުސްމިނުގައި ހުންނާނީ 2–4 ފޫޓު ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެން ވެއެވެ.
މެޓް އޮފީހުން ވަނީ މެދުރާއްޖެތެރެ އާއި ދެކުނުގައި ކަނޑުދަތުރުކުރާ ހުރިހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް