ބޮލީވުޑްގެ ބަތަލާ ފާތިމާ ސަނާ ޝެއިހް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އޭނާއަށް ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުންދާކަން ހާމަ ކުރީ އިއްޔެ އެވެ. ސަނާ ސޯޝަލް މީޑިއާގައި އާންމުކުރި ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ ކޯވިޑަށް ޕޮސިޓިވް ވެގެން ގޭގައި ކަރަންޓީން ވެގެން ފަރުވާ ހޯދަމުންދާ ކަމަށެވެ.
ސަނާ ބުނީ ކޯވިޑަށް ޕޮސިޓިވް ވިއަސް ސިއްހީ އެއްވެސް މައްސަލައެއް ކުރިމަތިވަމުން ނުދާ ކަމަށެވެ. ސަނާ ވަނީ އޭނާ ކޮވިޑަށް ޕޮސިޓިވް ވުމުން ސަޕޯޓަރުންގެ ފަރާތުން ލިބެމުންދާ އޯގާތެރިކަމުގެ މެސެޖުތަކަށް ޝުކުރު އަދާ ކޮށްފައި އެވެ.
މި މަހުގެ ތެރޭގައި ކޯވިޑް ޖެހުނު ބޮލީވުޑް ތަރިންގެ ތެރޭގައި ސަނާގެ ފިލްމު "ދަންގާލް" ގައި ލީޑް ރޯލް ކުޅުނު އާމިރް ހާން އާއި ރަންބީރު ކަޕޫރާއި، ކާތިކް އާރްޔާންގެ އިތުރުން ޑައިރެކްޓަރު ސަންޖޭލީލާ ބަންސާނީ ހިމެނެ އެވެ. އަދި މިދިޔަ އަހަރުވެސް ގިނަ ބޮލީވުޑް ތަރިންތަކަކަށް ކޯވިޑް ޖެހިފައިވާއިރު އޭގެ ތެރޭގައި އަބީތާބް ބައްޗަންގެ އާއިލާ ހިމެނެ އެވެ.
ސަނާ ބޮލީވުޑަށް ތައާރަފުވީ ފިލްމު "ދަންގާލް" އިން 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ފެނިގެން ދިޔަ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 2018 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ތަގްސް އޮފް ހިންދޮސްތާން" ހިމެނެ އެވެ.
މިދިޔަ އަހަރު ނެޓްފްލިކްސްގައި ވަނީ ސަނާގެ ދެ ފިލްމެއް ރިލީޒް ކޮށްފައި އެވެ. އެއީ ފިލްމު "ލޫޑޯ" އާއި ފިލްމު "ސޫރަޖް ޕޭ މަންގަލް ބާރީ" އެވެ.
ސަނާ ދެން އެންމެ އަވަހަށް ފެންނާނީ ނެޓްފްލިކްސް އިން ދައްކަން ފަށާ ފިލްމު "އަޖީބް ދާސްތާން" އިންނެވެ. އެ ފިލްމުގައި އޭނާ އާއި އެކު ލީޑްރޯލް އަދާ ކުރާ ފިރިހެން ތަރިއަކީ ޖައިދީބް އަހްލަވަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް