އަތޮޅުތެގެ ރަށްތަކުގެ ތެރެއިން ކޯވިޑް-19 އެކްޓިވް ކޭސްތައް އެންމެ ގިނައީ ކ.ހުރާގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު މާލެއިން އަލަށް 65 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އަދި އަތޮޅު ތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 69 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވެ އެވެ.
ކޯވިޑް ކޭސްތައް އެންމެ ގިނަ ރަށްތަކުގެ ތެރޭގައި ހިމެނެނީ މާލެ އާއި ހުރާގެ އިތުރުން ދިއްފުއްޓާއި، ނ. ޅޮހި، ޅ. ނައިފަރު އަދި ފެލިވަރެވެ. ދެން އެކްޓިވް ކޭސްތައް އެންމެ ގިނައީ ހއ. ދިއްދޫ އާއި ދ. ކުޑަހުވަދޫގައި އެވެ.
ހުރާގައި މިވަގުތު 97 ކޯވިޑް-19 އެކްޓިވް ކޭސް އެބަހު ހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ 77 ދިވެހިންނާއި 19 ބިދޭސީންނެވެ.
ހުރާއިން ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 27 މީހުންނަކީ ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮސިޓިވްވެފައިވާ މީހުންނެވެ. ފުރުމުގެ ކުރިން ކޯވިޑަށް ޓެސްޓު ކުރި ހަ ޓޫރިސްޓެއްގެ އިތުރުން ދެން ހުރާއިން ޕޮސިޓިވްވެފައިވަނީ 61 ކޮންޓެކްޓުންނާއި ހޯމް ކަރަންޓިން ފުރިހަމަ ކުރި ދެ މީހެކެވެ.
ދިއްފުށިން 47 މީހުން ޕޮސިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ފްލޫ ކްލިނިކަށް ދެއްކި ހަ މީހަކާއި 41 ކޮންޓެކްޓެކެވެ. ފެލިވަރުގައި 71 ޕޮސިޓިވް ކޭސް ހުރި އިރު ނައިފަރުގައި 30 މީހުން އެބަތިއްބެވެ.
އަދި ކުޑަހުވަދޫގައި 26، ޅޮހީގައި 14 އެކްޓިވް ކޭސް އެބަ ހުއްޓެވެ. މީގެ އިތުރުން ދިއްދޫގައި 16 ކޭސް އެބަ ހުއްޓެވެ.
މިވަތު އަތޮޅު ތެރޭގައި ޖުމްލަ 471 އެކްޓިވް ކޭސް އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނެނީ 337 ދިވެހިންނާއި 134 ބިދޭސީންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮތީ ރ. އުނގޫފާރު، ހުޅުދުއްފާރު، އަލިފުށި، މަޑުއްވަރި އެވެ. މޮނިޓަރިންއަށް ލާފައިވާ އިތުރު ރަށްތަކުގެ ތެރޭގައި ދ. ކުޑަހުވަދޫ، މީދޫ، ގދ. ތިނަދޫ، ޅ. ހިންނަވަރު، ނައިފަރު، ފެލިވަރު، އަދި އޮޅުވެލިފުށި ހިމެނެ އެވެ.
މިހާތަނަށް ރާއްޖެއިން ޖުމްލަ 23،671 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވާއިރު އޭގެ ތެރެއިން 20،839 މީހުން ވަނީ ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 66 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް