ކޯވިޑް-19: ދަރިވަރުންގެ ލޯނުތައް ދެއްކުންވެސް ބީއެމްއެލްއިން ހަ މަހަށް ފަސްކޮށްދީފި

ކޮވިޑް19 އާ ގުޅިގެން ފަރުދުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ  ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ނެޝަނަލް ސްޓޫޑަންޓް ލޯނ...

30 Mar 2020 | 18:33

ކޮވިޑް19 އާ ގުޅިގެން ފަރުދުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ވަނީ  ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ނެޝަނަލް ސްޓޫޑަންޓް ލޯނު ސްކީމް އާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކުންވެސް ފަސްކޮށްދީފިއެވެ.

އެގޮތުން މި ދަނޑިވަޅުގައި ދަރިވަރުންނަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ލޯނަށް ދައްކަންޖެހޭ ފައިސާ މިވަނީ މާރިޗު 2020 އިން ފެށިގެން 6 މަސް ދުވަހަށް ފަސްކޮށްދެވިފައިވާކަމުގައި ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ. އަދި ލޯނު ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތައްވެސް މިވަނީ 6 މަސްދުވަސް އިތުރު ކުރެވިފައިކަމުގައިވެސް އެ ބޭންކުން ބުނެއެވެ.

"އެހެންކަމުން ލޯނުގެ ބާކީ އޮންނަ މުއްދަތުގައި މަހުންމަހަށް ދައްކަމުންދާ އަދަދަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. މި ގޮތަށް އަމަލުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާނީ ބޭންކުގެ ފަރާތުންނެވެ.  އަދި މި ގޮތަށް އަމަލުކުރުމަށްޓަކައި ދަރިވަރުން މިކަމަށް އެދި ހުށަހަޅާކަށްވެސް ނުޖެހޭނެއެވެ. " ބޭންކުން ބުނެފައިވެއެވެ.

މީގެ އިތުރުން މިހާތަނަށް ލޯނަށް ދައްކަންޖެހި، ނުދައްކާ ހުރި އެއްވެސް ފައިސާ އެއް ހުރިނަމަވެސް ލޯނު އަނބުރާ ދެއްކުން ފަސްކޮށްފައިވާ މުއްދަތުގައި އެ ފައިސާއެއް ބޭންކުން ނުކަނޑާނެ ކަމުގައިވެސް ބޭންކުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް