މުދާ އެތެރެކުރާ ފަރާތްތަކަށް ލުއި ގޮތްތަކެއް އެމްޕީއެލް އިން ހަމަޖައްސައިފި

ރާއްޖެ އަށް މުދާ އެތެރެކުރާ ފަރާތްތަކަށް ލުއި ގޮތްތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ހަމަޖައްސައިފި އެވެ. އެމްޕީއެލްއިން މިއަދު ބުނީ ރާއްޖެ އަށް މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ލުއިތަ...

30 Mar 2020 | 12:31

ރާއްޖެ އަށް މުދާ އެތެރެކުރާ ފަރާތްތަކަށް ލުއި ގޮތްތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން ހަމަޖައްސައިފި އެވެ.

އެމްޕީއެލްއިން މިއަދު ބުނީ ރާއްޖެ އަށް މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ހަމަޖައްސާދީފައިވާ ކަމަށެވެ. ބޭނުމަކީ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ނުގޮސް ހިފެހެއްޓޭނެ ގޮތެއް ހަދައި ވިޔަފާރިވެރިންނަށް ކޯވިޑް-19 ގެ ހާލަތުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުން ކަމަށް އެމްޕީއެލްއިން ބުނެ އެވެ

މުދާ ގެނެސް ހުޅުމާލެ އާއި މާލޭގެ ބަނދަރުގައި ބެހެއްޓުމަށް ނަގާ ޑެމަރޭޖު ޗާޖުން 20 ޕަސެންޓް ކުޑަ ކުރުމަށް އެމްޕީއެލް އިން ވަނީ ނިންމައިފަ އެވެ. އަދި ކުޅުދުއްފުށީ ޕޯޓާއި ހިތަދޫ ޕޯޓުގެ ޑެމަރޭޖު ޗާޖުގެ 50 ޕަސެންޓް ކުޑަ ކުރުމަށް ވަނީ ނިންމައިފަ އެވެ.

މިއަދު ގެނައި ބަދަލުތަކާއި އެކު ފްރީ ސްޓޯރޭޖުގެ މުއްދަތު 10 ދުވަހުން 12 ދުވަހަށް ވަނީ އިތުުރުކޮށްދީފަ އެވެ. އެގޮތުން މިހާތަނަށް ކްލިއާ ނުކޮށް ހުރި މުދަލާއި އަންނަ ޖޫން މަހުގެ30 ގެ ނިޔަލަށް ރާއްޖެ އެތެރެ ކުރާ މުދަލަށް މި މުއްދަތު ލިބޭނެ އެވެ.

މީގެ އިތުރުން އެމްޕީއެލްއިން ނިންމާފައިވަނީ ސްޓޯރޭޖާއި ޑެމަރޭޖު ފައިސާ އިންސްޓޯލްމެންޓަށް ދައްކަން ޖެހޭ މުއްދަތު ހަތަރު މަހުން ހަމަހަށް އިތުރު ކޮށްދޭށެވެ. މިހާރު ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން މާޗް، އޭޕްރިލް އަދި މެއި މަހުގެ އިންސްޓޯލްމެންޓް ޖޫން މަހުން ފެށިގެން ދައްކަން ފަށަން ޖެހޭ ގޮތަށް ބަދަލު ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުން ދަނީ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ލުއިގޮތްތަކެއް ހަމަޖައްސައި ދެމުންނެވެ. އެކަމަކު އަމިއްލަ ކުންފުނިތައް، ހާއްސަކޮށް ޓޫރިޒަމް ދާއިރާގަިއ މަސައްކަތް ކުރާ މުވައްޒަފުންގެ ވަޒިފާތައް ގެއްލި ދަނީ ބިކަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް