ޕޮސިޓިވްވި މީހާ ކުރިން ހުރީ އެޗްއައިއެޗްގައި، އެންމެން އިތުރު 14 ދުވަހު ކަރަންޓީން ގައި

ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ދެ ދިވެހިންގެ ތެރެއިން އެކަކު ހުޅުލޭ އައިލެންޑް ހޮޓެލްގައި ކުރިން ހުރުމުން އެ ހޮޓަލުން ރިސޯޓުތަކަށް ބަދަލު ކުރި އެންމެން އިތުރު14 ދުވަހު ކަރަންޓީންގައި މަޑު ކުރަން...

30 Mar 2020 | 12:00

ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި ދެ ދިވެހިންގެ ތެރެއިން އެކަކު ހުޅުލޭ އައިލެންޑް ހޮޓެލްގައި ކުރިން ހުރުމުން އެ ހޮޓަލުން ރިސޯޓުތަކަށް ބަދަލު ކުރި އެންމެން އިތުރު14 ދުވަހު ކަރަންޓީންގައި މަޑު ކުރަން ޖެހިއްޖެ އެވެ.

އެތަން އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރުމަށް އެޗްއައިއެޗްގައި ކަރަންޓީން ކޮށްފައި ތިބި137 މީހަކު ވަނީ ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރާ ރިސޯޓުތަކަށް ބަދަލު ކޮށްފައި އެވެ. ބައެއް މީހުން ރިސޯޓުތަކަށް ބަދަލު ކުރި އިރު ކަރަންޓީންގެ މުއްދަތު ނުނިމި އޮތީ ދެ ދުވަހެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ އެޗްއައިއެޗްގެ ނިންމުން ނިންމަން ޖެހުނީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ކަރަންޓީންގައި ތިބެންޖެހިފައިވާ މީހުންނަށް އެއީ ދަތިކަމަކަށް ވާނެ ކަމަށާއި އެކަމަށް މައާފަށް އެދިވަޑައިގެންނަވާ ކަމަށެވެ.

އެކަމަކު ޓެކްނިކަލް ޓީމުން ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ އެމީހުން ރިސޯޓަށް ބަދަލު ކކުރި ދުވަހުން ފެށިގެން އަލުން އެމީހުންގެ ކަރަންޓީންގެ މުއްދަތު ގުނަން ފަށާށެވެ. މިގޮތަށް ނިންމީ އެޗްއައިއެޗުން ރިސޯޓަށް ގެންދިޔަ އިރު ވައިރަސް ފެތުރުފިފައި ހުރެދާނެ ކަމުގެ ބިރަަށެވެ.

މިކަމާ ހިތްހަމަ ނުޖެހިގެން ބައެއް އެޗްއައިއެޗްގައި އޭރު ކަރަންޓީންކޮށްފައި ތިބި ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފަ އެވެ.

މިހާތަނަށް ރާއްޖޭގައި ޕޮސިޓިވްވެފައިވަނީ އިނގިރޭސިވިލާތުން އައި ދެ ދިވެހިންނެވެ. އޭގެ ތެރެއިން އެކަކު ޕޮސިޓިވްކަން އެނގުނީ ހޮލިޑޭ އައިލެންޑް ރިސޯޓުގެ ކަރަންޓީންގައި ހުއްޓައެވެ. ދެވަނަ މީހާ ޕޮސިޓިވްވެފައިވަނީ ރޯޔަލް އައިލެންޑް ރިސޯޓު ކަރަންޓީން ފެސިލިޓީގައި ހުއްޓައެވެ.

މީގެ ތެރެއިން އެޗްއައިއެޗްގައި ކުރިން ހުރީ ކާކުކަމެއް ނޭނގެ އެވެ.

މި ދެމީހުންނަށް ފަރުވާ ދިނުމަށް މިހާރު ވަނީ ޕޮސިޓިވްވާ މީހުންނަށް ފަރުވާ ދިނުމަށް ތައްޔާރުކޮށްފައިވާ ވެލިދޫ އައިލެންޑް ރިސޯޓުގެ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް ފަރުވާ ދޭން ފަށާފައި އެވެ. އެ ދެމީހުންގެ ހާލުވެސް ރަނގަޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް