ލަންކާގައި ތިބި އާއިލާތަކަށް ތަކެތި ފޮނުވޭނެ ގޮތް ހަދަނީ

އަވައްޓެރި ސްރީލަންކާގައި ތިބި އާއިލާ މެންބަރުންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު ...

30 Mar 2020 | 11:33

އަވައްޓެރި ސްރީލަންކާގައި ތިބި އާއިލާ މެންބަރުންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ލަންކާގައި ތިބި އާއިލާ މެންބަރުންނަށް ބޭނުންވާ ސާމާނު ފޮނުވާނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް ބައެއް މީހުން އެދެމުންދާ ކަމަށެވެ. އަދި މިހާރު ރައީސް އިބްރާހި މުހައްމަދު ސޯލިހު ވަނީ އެ އިންތިޒާމް ހަމަޖައްސައިދިނުމަށް ހަމާ ބެހޭ އިދާރާތަކަށް އަންގަވާފައި ކަމަށް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ދެން އެންމެ އަވަހަށް މޯލްޑިވިއަންގެ ކާގޯ ފްލައިޓެއް ލަންކާއަށް އޮންނާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ. އޭގެ ކުރިން ފޮރިން މިނިސްޓްރީ އާއި މޯލްޑިވިއަން އަދި ކަމާ ގުޅުން ހުރި އިދާރާތަކުން މަޝްވަރާ ކުރުމަށް ފަހު ތަކެތި ގެންގޮސްދޭނެ އުސޫލުތަކެއް އެކުލަވާލުމަށް ފަހު އާންމު ކުރާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެކަމަކު މިވަގުތަކީ ލަންކާގައި ކޯވިޑް-19 އާއި ގުޅިގެން ކާފިއު އިއުލާނު ކޮށްފައިވާ ދުވަސް ކޮޅެއް ކަމުން ދުވަހުން ދުވަހަށް އެތަކެތި އާއިލާތަކަށް ފޯރު ނުކޮށްދެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ލަންކާގައި15،000 އަށްވުރެ ގިނަ ދިވެހިން ދިރިއުޅޭއިރު އެކި ބޭނުން ތަކުގައި ލަންކާއަށް ގޮސް ތިބި ގިނަ އަދަދެއްގެ ދިވެހިންވެސް ތިބީ މުޅި ލަންކާ ބަންދު ކުރުމުން ރާއްޖެ ނާދެވި ތާށިވެފައި އެވެ. އެ އެންމެންނަށްް ލަންކާ ސަރުކާރުން ވަނީ30 ދުވަހުގެ ވިސާ ޖަހައިދީފަ އެވެ.

މޯލްޑިވިއަން އިން ވަނީ ލަންކާގެ އިތުރުން ތިން ގައުމެއްގެ ހަތަރު ސިޓީއަކަށް ކާގޯ ފްލައިޓުތައް ބާއްވަން ފަށާފައި އެވެ. އެއީ ދުބާއީ، ބެންކޮކް، ޗެންނާއި އަދި ޓްރިވެންޑްރަމް އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް