ރަންބީރު މިފަހަރު އާލިއާ އާއި އެކު އެއްގެއެއްގައި އުޅެވިދާނެތޯ ބަލަނީ!

ބޮލީވުޑްގައި މިހާރު އެންމެ މަޝްހޫރު ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާ އާލިއާ ބަޓް ދިރިއުޅެމުންދަނީ އެއް ގެއެއްގައި ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ފިލްމީތަރިންގެ އާންމު ދިރިއުޅުމުގެ ފޮޓޯތައް ސިއްރ...

30 Mar 2020 | 07:05

ބޮލީވުޑްގައި މިހާރު އެންމެ މަޝްހޫރު ދެ ލޯބިވެރިން ކަމަށްވާ ރަންބީރު ކަޕޫރާ އާލިއާ ބަޓް ދިރިއުޅެމުންދަނީ އެއް ގެއެއްގައި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ފިލްމީތަރިންގެ އާންމު ދިރިއުޅުމުގެ ފޮޓޯތައް ސިއްރުން ނަގާ މަޝްހޫރު ޕަޕަރާޒީ އަކާއި ހަވާލާދީ އިންޑިއާގައި ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވަނީ އެ ދެ ތަރިން އުޅެނީ އެއް އެޕާޓްމެންޓެއްގައި ކަމަށެވެ. އެ ދެމީހުން ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅައިގެން އެޕާޓްމެންޓު ހުންނަ ސަރަހައްދުން ފެނިފައިވާ ކަމަށް ބުނެ ނަގާފައިވާ ފޮޓޯއެއް އާންމު ކޮށްފައިވެ އެވެ.

އެ ދެމީހުން އެއްކޮށް ދިރިއުޅެނީ ކޮން ގެއެއްގައި ކަމެއް ނޭނގެ އެވެ. އާލިއާ އާއި ރަންބީރުގެ އަގުބޮޑެތި އަމިއްލަ އެޕާޓްމަންޓުތަކެއް ހުރެ އެވެ.

ފިލްމީ ކެރިއަރު ފެށިތާ ކައިރީގައި އާލިއާ އެޕާޓްމެންޓެއް ގަނެ، އާއިލާ އާއި ވަކިން އެކަނި ދިރިއުޅެން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އާލިއާ ވަނީ ކައިވެންޏަށް ފަހު ނޫނީ ލޯބިވެރިޔާ އާއި އެކު އެއްކޮށް ދިރިއުޅުމަކީ އޭނާ ގަބޫލު ކުރާ ކަމެއް ނޫން ކަމަށް މީގެ ކުރިން ބުނެފައި އެވެ.

ރަންބީރަކީ އެއާ ހިލާފަށް އޭނާގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކެއިފް އާއި އެކު ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު އެއް އެޕާޓްމެންޓެއްގައި އުޅެފައިވާ މީހެކެވެ. ދެމީހުން މައްސަލަ ޖެހި ނޫޅެވިގެން އެންމެ ފަހުން ވަނީ ކުއްޔަށް ހިފައިގެން އުޅުނު އެޕާޓްމަންޓުވެސް ދޫކޮށްލާފަ އެވެ.

ރަންބީރު ކެޓްރީނާ އާއި އެކު ކައިވެނި ނުކޮށް އެއް ގެއެއްގައި ދިރިއުޅުނީ މައިންބަފައިންގެވެސް ނުގަބޫލުގައި އެވެ.

ބެލެވޭގޮތުގައި ރަންބީރާއި އާލިއާ އެކުގައި ދިރިއުޅެމުންދަނީ އިންޑިއާގައި އިއުލާނުކޮށްފައިވާ ލޮކްޑައުން އާއި ހެދި އެވެ.

ރަންބީރާއި އާލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ދެ އަހަރެއްހާ ދުވަސް ވަނީއެވެ. އެ ދެމީހުންގެ ކައިވެނި މިއަހަރު އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު ރަންބީރުގެ ބައްޕަ ރިޝީ ކަޕޫރު މާ ބޮޑަށް ބަލި ކަމުން އެ ކައިވެނި ފަސް ކުރަން ޖެހިފައިވާކަމުގެ ރިޕޯޓުތައް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް