ކޯވިޑް-19 އާއި ގުޅިގެން އަމިއްލަ ކުންފުނިތަކަށް ލިބެމުންދާ ގެއްލުމާއި ގުޅިގެން މުވައްޒަފުންގެ ވަޒީފާއަށް ބަދަލު ގެންނަ ނަމަ އެކަން ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް އަންގަން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ދުވަސް ވަރު އަމިއްލަ ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މުވައްޒަފުންގެ މުސާރަ ކުޑަކޮށް ނުވަތަ މުސާރަ ނުދޭގޮތަށް ޗުއްޓީއަށް ފޮނުވަމުންދަނީ ވަޒީފާ އާއި ބެހޭ ގާނޫނާއި ހިލާފަށް ކަމަށެވެ. އެ އޮތޯރިޓީން ބުނީ މިފަދަ ގިނަ ޝަކުވާތަކެއް މުވައްޒަފުންގެ ފަރާތުން ހުށަހަޅަމުންދާ ކަމަށެވެ.
އެ އޮޓޯރިޓީން ބުނީ މިފަދަ ދަނޑިވަޅެއްގައި ކުންފުނިތަކަށް ދިމާވާނެ ގޮންޖެހުންތަކަށް ހައްލު ހޯދައި ދިނުމަށް ލުއިތަކާއި އެކު ސަރުކާރުން ލޯނު ދިނުމަށް ނިންމާފައިވާ ކަމަށެވެ. މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް އެމީހުންގެ ހައްގުތައް ރައްކާތެރިކޮށްދޭ ކުންފުނިތަކަށް މި ލުއިތަކާއި ލޯނުތައް ދިނުމުގައި އިސްކަން ދޭނެ ކަމަށް ބުނެފައިވެ އެވެ.
އިތުރަށް ބުނެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެނެވޭނީ ލޭބާ ރިލޭޝަންސް އޮތޯރިޓީ އާއި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އެގޮތުން މިމަހުގެ އެ ވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ ވަޒީފާއަށް އެއްވެސް ބަދަލެއް ގެނެސްފައި ވާނަމަ ނުވަތަ ކުރިޔަށް އޮތްތާ ގެންނަ ނަމަ އެކަމުގެ ތަފްސީލް ލޭބާ ރިލޭޝަންސް އޮތޯރިޓީގެ ވެބްސައިޓުގައިވާ ޝީޓުގައި ފުރިހަމަ ކުރުމަށް ފަހު އޭޕްރިލް15 ގެ ނިޔަލަށް އީމެއިލް ކުރަން ޖެހޭނެ އެވެ.
އެ ތަފްސީލްތައް ފޮނުވަން ޖެހެނީ [email protected] އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ގުޅަން ޖެހޭ ނަމްބަރަކީ7208282 އެވެ.
އިކޮނޮމިކް މިނިސްޓްރީއަށް މިދިޔަ ހަފްތާގެ ނިޔަލަށް ވަނީ ވަޒީފާއަށް ބަދަލު ގެނެސްގެން100 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް