ރާއްޖޭގައި ހިންގާ ސިނަމާތަކާއި ތިއޭޓަރުތައް މުއްދަތެއް ނެތް ގޮތަށް ބަންދު ކުރަން އަންގައިފި އެވެ.
މިގޮތަށް އެންގީ އާާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ސިނާމާތަކާއި ތިއޭޓަރުތައް ބަންދު ކުރަން އެންގީ ކޯވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެ އެންގުމުގައި ބުނެފައިވަނީ މުއްދަތެއް ނެތް ގޮތަށް އެތަންތަން ހުއްޓަލުމަށް އަންގަނީ މިއަދުން ފެށިގެން ކަމަށެވެ.
މީގެ ކުރިންވެސް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމަކުން ވަނީ މިތަންތަން ބަންދު ކުރުމަށް އަންގާފައި އެވެ. އެފަހަރު ބަންދު ކުރުމަށް އެންގީ ދެ ހަފްތާގެ މުއްދަތަކަށެވެ. އެ މުއްދަތު މިއަދަށް ހަމަވާނެ އެވެ.
ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެ އިދާރާއިން ވަނީ ގިނަ މީހުން އެއްތަނަކަށް މި ދުވަސްވަރު އެއްވެ އުޅުމަކީ ރައްކާތެރި ކަމެއް ނުން ކަމަށް ބުނެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް17 މީހަކު ޕޮސިޓިވް ވެފައިވާއިރު އޭގެ ތެރެއިން ފަރުވާ ދެމުންދިޔަ13 ބިދޭސީން ވަނީ ރަނގަޅުވެފައި އެވެ. މިހާރު ފަރުވާ ދެމުންދަނީ ދެ ދިވެހިންނަށެވެ.
އަނެއް ދެ ބިދޭސީން ބައްޔަށް ޕޮސިޓިވްކަން އެނގުނީ އެމީހުން ރާއްޖެއިން ފުރި ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް