ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް އެހީތެރުވުމުގެ ގޮތުން ހަ ލައްކަ ޑޮލަރުގެ އެހީ ދޭން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ން ނިންމައިފި އެވެ.
މީގެ ތެރެއިން އެއް ލައްކަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ވަނީ މިމަހު ކުރީކޮޅު ރާއްޖެއަށް ދީފައި އެވެ. މި އެހީ ދީފައިވަނީ ރާއްޖެއިން އެދުމުންނެވެ.
އިތުރު ފަސް ލައްކަ ޑޮލަރު (7.7 މިލިއަން ރުފިޔާ) ދޭން ނިންމާފައިވާކަން އިއްޔެ ވަނީ ހާމަކޮށްފައި އެވެ. އޭޑީބީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ސަރުކާރާ އެކު އެ ބޭންކުން ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖެއަށް ބޭނުންވާ އެހީތައް މި ދަނޑިވަޅު ފޯރުކޮށްދެމުންދާ ކަމަށެވެ.
އެ ބޭންކުން ރާއްޖެއަށް ފުރަތަމަ ދިން އެއް ލައްކަ ޑޮލަރަކީ ފަންނީ ކަންކަން ހަރުދަނާ ކުރުމަށް އެހީވުމުގެ ގޮތުން ދިން އެހީއެވެ. މިފަހަރު ފަސް ލައްކަ ޑޮލަރު ދިނީ ސިއްހީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ސާމާނާއި ބަލި ދެނެގަތުމަށާއި އައިސީޔޫތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވާ ރައްކާތެރިކަމުގެ އާލާތްތައް ހޯދުމަށެވެ.
އޭޑީބީން ވަނީ އެ ބޭންކުގެ އޭޝިއާ ޕެސިފިކް ޑިޒާސްޓާ ރެސްޕޮންޑް ފަންޑުން މެންބަރު ހުރިހާ ގައުމަކަށް އެހީވުމަށް 6.5 ބިިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައި އެވެ.
އެ ބޭންކުގެ އިތުރުން ވޯލްޑް ބޭންކުންވެސް ވަނީ ރާއްޖެއަށް10 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޯވިޑް-19 ގެ ހާލަތުން އަރައިގަތުމަށާއި އިގްތިސޯދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން އެކި މާލީ އިދާރާތަކުން ލޯނު ނަގާނެ ކަމަށެވެ. އެކަމަކު ލޯނު ދޫކުރުމުގައި ވަކި ކަންކަމަށް ޝަރުތު ކުރާތީ މި ދަނޑިވަޅުގައި އައިއެމްއެފްއިން ލޯނު ނުނަގާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް