އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބު މިހާރު އެ ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ކާމިޔާބު ކުރައްވައިފި އެވެ.
މިއަދުގެ އިންތިހާބުގައި ޕާޓީގެ ނައިބު ރައީސްގެ ގޮތުގައި އިމްރާންގެ ރަނިން މޭޓު އަހުމަދު ޝަރީފު ވަނީ އިންތިހާބު ކޮށްފައި އެވެ.
އިމްރާން އިންތިހާބު ކާމިޔާބު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާ ވާދަ ކުރައްވައި އެވެ. މި އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 8:00 ން ރޭގަނޑު 9:00 އަށް އޮންލައިންކޮށެވެ.
އަދާލަތު ޕާޓީން އާންމު ކޮށްފައިވާ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިމްރާން އިންތިހާބު ކާމިޔާބު ކުރެއްވީ 921 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 84،6 ޕަސެންޓު ވޯޓެވެ.
ޑރ. ޒާހިރަށް ލިބިވަޑައިގެންނެވީ 167 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 15 ޕަސެންޓެވެ.
މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލާފައިވަނީ 1،088 މީހުންނެވެ. މި އިންތިހާބުގައި ވޯޓުލުމަށް 4،556 މީހުން ރެޖިސްޓްރީ ކުރި ކަމަށް އެ ޕާޓީން ބުނެ އެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 6،866 މީހުން ތިބި އިރު ވޯޓުލާން ރެޖިސްޓްރީ ކުރީ އޭގެ ތެރެއިން 66 ޕަސެންޓު މީހުންނެވެ.
މިއަދު ބޭއްވި އިންތިހާބާއި ގުޅޭގޮތުން ނުވަ ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އަދާލަތުން ބުނެ އެވެ. ދާއިމީ ނަތީޖާ އިއުލާނު ކުރާނީ މި ޝަކުވާތަކަށް ޖަވާބު ދިނުމަށް ފަހު އެވެ.
އިންތިހާބާއި ގުޅިގެން ހުށައެޅުނު ޝަކުވާތަކަށް ބެލުމަށްފަހު ޕާޓީގެ ރިޔާސީ އިންތިހާބުގެ ގަވާޢިދުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފަސް ދުވަހުގެ ތެރޭގައި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް