ދިއްލީގައި ދަނޑުވެރިން ހަޅުތާލު ކުރާ ސަރަހައްދުން އިންޓަނެޓް ކަނޑާލާފައި

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ދަނޑުވެރިން ބަނޑުހައި ހޫނު ކަމުގެ ހަޅުތާޅު ކުރާ ސަރަހައްދުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލައިފި އެވެ. އިންޓަނެޓް ހިދުމަތް ކަނޑާލުމަށް ތައްޔާރަށް ތިބުމަށް ޓެލެކޮމި...

30 Jan 2021 | 15:55

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ދަނޑުވެރިން ބަނޑުހައި ހޫނު ކަމުގެ ހަޅުތާޅު ކުރާ ސަރަހައްދުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

އިންޓަނެޓް ހިދުމަތް ކަނޑާލުމަށް ތައްޔާރަށް ތިބުމަށް ޓެލެކޮމިއުނިކޭޝަން ކުންފުނިތަކަށް އެ ގައުމުގެ މައި ސަރުކާރުން އެންގީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ މުޒާހަރާ ދިއްލީގެ ވަކި ސަރަހައްދަކަށް ޖަމާވެގެން ދަނޑުވެރިން ކުރަން ފެށީ އިންޑިއާގެ ޖުމްހޫރީ ދުވަހާއި ދިމާކޮށް އެ ދުވަހު އެވެ.

އެކަމަކު ދިއްލީގެ ވަށައިގެންވާ ހުސް ބިންތަކުގައި ކޭމްޕު ޖަހައިގެން އެމީހުން ސުލްހަވެރިކަމާއި އެކު އިހުތިޖާޖު ކުރާތާ ދެ މަސްވެއްޖެ އެވެ. އިންޑިއާގެ ދަނޑުވެރިން ސަރުކާރާއި ދެކޮޅަށް މުޒާހަރާ ފެށީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން އެމީހުންނަށް ފައިދާވުމުގެ ބަދަލުގައި ބޮޑެތި ކުންފުނިތަކަށް ފައިދާވާނެ ކަމަށް ބުނެ އެވެ.

އިންޑިއާގެ ދަނޑުވެރިން ކުރަމުންދާ މުޒާހަރާ ތަކާއި ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކުރުމުން އެކަކު ވަނީ މަރުވެފައި އެވެ. ދަނޑުވެރިން މިއަދު ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަން ފެށީ އެމީހާ މަރުވުމާއި ގުޅިގެންނެވެ.

ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކުރާނީ އެއް ދުވަހަށެވެ.

މުޒާހަރާ ކުރާ ސަރަހައްދުތަކުން އިންޓަނެޓް ކަނޑާލީ މިއަދު ހަވީރު 5:30 ން ފެށިގެންނެވެ. އިންޑިއާގައި މާ ގަދައަށް މުޒާހަރާ ކުރާ ނަމަ އެ ސަރަހައްދަކުން ސަރުކާރުގެ އެންގުމަށް އިންޓަނެޓްގެ ހިދުމަތް ކަނޑާލުމަކީ އާންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް