ކޯވިޑް-19 ގެ މި ހާލަތު މެދުވެރިފައިވީނަމަވެސް، މި ސަރުކާރަކީ ވިޔަފާރިވެރިންނަށް އޮތް ބިރުވެރިކަން ނައްތާލަދިން، ވިޔަފާރިވެރިންނަށް ފަހި ސަރުކާރެއް ކަމުގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަންގެ ނައިބުރައީސް ސައުދުﷲ އަހްމަދު ވިދާޅުވެއްޖެއެވެ.
ދުވަހަށް ދެއްވި އިންޓަވިއުއެއްގައި ސައުދުﷲ ވިދާޅުވީ ވިޔަފާރިވެރިންނަށް އޮތް ބިރުވެރިކަމާ ހާސްކަން ނައްތާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އެއްމެ ބޮޑު އެއް ވައުދު ކަމަށާއި އެ ވައުދު ރައީސް ސޯލިހްގެ ދައުރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ފުއްދަވައިދެއްވައިފި ކަމަށެވެ.
ސައުދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި އިރު ވިޔަފާރިތަކަށް މީރާ އާއި ދައުލަތުގެ މުއައްސަސާތަކުން އޮތް ބިރުވެރިކަން ވަރަށް ބޮޑު ކަމަށެވެ. އެގޮތުން މީރާގެ ވަކި ބަޔަކު ބޭނުންވެގެން ވަކި ވިޔަފާރިތަކެއް ބަނގުރޫޓުވާވަރު ކޮށްލާފައިވާވުން އެއީ މިހާރު މާޒީ ކަމަށާއި ދައްކަން ނުޖެހޭ އެއްވެސް ފައިސާ ދައްކަން ނުޖެހޭނެ ކަމުގެ ޔަގީންކަން މިހާރު ވިޔަފާރިވެރިންނަށް އެބަ އޮތް ކަމުގައިވެސް ސައުދު ވިދާޅުވިއެވެ.
"ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް، ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ނުކޮށްދޭހާ ފަހި ކަންކަން ކޮށްދީފައިވާތަން ފެނިގެން މިދަނީ، މިސާލަކަށް ބައްލަވާ އެސްއެމްއީ ބޭންކް، އެ ބޭންކުން އެދަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފައްދަން އެހީތެރިކަން ފޯރުކޮށްދެމުން" ސައުދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޯވިޑް-19 ގެ މި ހާލަތުގައިވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެމުން އަންނައިރު މި ސަރުކާރުން ވިޔަފާރިތައް ތަރައްގީކުރަން އަހަންމިއްޔަތުކަން ދެއްވާކަން ސާފުކޮށް އެނގިގެންދާކަމަށެވެ.
ރެވެނިއު ސްޓޭމްޕްގެ އަގު އެއް ރުފިޔާއަށް ބަދަލުވެގެން އެކަމުގެ ޝަކުވާ ވިޔަފާރިވެރިން މިހާރު ކުރަމުން އަންނައިރު، އެއީ މުދަލުގެ އަގު ބޮޑުކުރަންވީ ސަބަބެއް ނޫންކަން ފާހަގަކުރައްވަމުން ސައުދު ވިދާޅުވީ މި ސަރުކާރު އައި ފަހުން އެތައް މުދަލެއްގެ ޑިއުޓީ ކުޑަކޮށް ބައެއް ޑިއުޓީ މާފުކޮށްފައި ފައިވާކަމަށާއި ކޯވިޑް-19ގެ މި ހާލަތާއި ގުޅިގެންވެސް އެތައް ޑިއުޓީއެއް ކުޑަކޮށް އަދި ބައެއް ޑިއުޓީ މާފުކޮށްފައިވާއިރު އެއީވެސް ރިއާޔަތްކުރަން ޖެހޭ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި ހާލަތުގައި ވިޔަފާރިވެރިން ވިސްނަންވީ ހާލަތުގެ ނާޖާއިޒް ފައިދާ ނެގުމުގެ ބަދަލުގައި ސަރުކާރާއި ގުޅިގެން ރައްޔިތުންނާމެދު ވިސްނައިގެން މަސައްކަތް ކުރަން ކަމުގައިވެސް ސައުދު ވިދާޅުވިއެވެ.
"ވިޔަފާރިވެރިންގެ އެންމެ ބޮޑު އަނެއް ޝަކުވާއަކަށް ވެފައި އޮތީ ފްރައިޓް ފޯވާޑިން އަށް ނަގާ އަދަދުތައް، މި ފެށޭ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެކަންވެސް ހައްލުވެގެންދާ މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ، ނުސީދާކޮށް ނަގަމުންދިޔަ އެތައް އަދަދަކަށް މި ބަދަލާއެކު ނިމުން އަންނާނެ" ސައުދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުތަކުގައި ނަމަ ވިޔަފާރިއެއްގެ ނަން ފާސްކޮށްލަންވެސް މަހެއްހާ ދުވަސް ނެގި ކަމަށާއި ނަމަވެސް މިހާރު އެއް ދުވަހުން ވިޔަފާރި ރަޖިސްޓްރީ އަތަށް އަރާހާ ހަލުވިކޮށް އެކަންކަންވެސް ކުރިއަށްދާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ވިޔަފާރިތަކަށް ފަހި އެތައް ހިދުމަތްތަކެއް ދެމުން އަންނަ ކަމަށާއި ކުރީ ސަރުކާރާއި އަޅާބަލާއިރު އެ މިނިސްޓްރީން ވިޔަފާރިތަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސާދީފައިވާކަން ސައުދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވިޔަފާރިވެރިންގެ ޝަކުވާތައް އަޑުއައްސަވާ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ސީދާ ހައްލު ހޯއްދަވާދެއްވާ ރައީސެއްކަމުގައިވެސް ސައުދު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް