އަންނަ އަހަރުގެ ފުރަތަމަ ދުވަހު 4 ގަޑިއިރު ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ޖެނުއަރީ އެއްވަނަ ދުވަހު ހަތަރު ގަޑިއިރަށް މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކޮށްފައިވާ ކަމަށެވެ.
" މިއަހަރަކީ ކޮވިޑް-19ގެ ސަބަބުން މާލޭ ސިޓީގެ ގިނަ ރައްޔިތުން ފުރަ ބަންދުވެ، ދަތުރު ފަތުރުކުރުން ހުއްޓިފައިވާ ހާލަތުގައި ދުވަސްތައް ހޭދަ ކުރަން ޖެހިފައިވާ އަހަރެއް. މިއަދާ ހަމައަށްވެސް އާންމު ހާލަތަށް ނުދެވި ވާތީ، މިހާލަތުގައި ތިބި ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ކައުންސިލުން ބޭނުންވޭ." މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.
އެ ކައުންސިލުން ބުނީ މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައި ދިނުމަށްޓަކައި އަންނަ އަހަރުގެ ޖެނައަރީ މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4 ން ރޭގަނޑު 8 އަށް ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މި ވަގުތުތަކުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދުއްވޭނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދާއި އެމްބިއުލެންސް، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޙާއްސަ ކުރެވިފައިވާ ސައިކަލު ކަމަށް ވެސް ބުނެއެވެ. އަދި ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންދާ ބަހުގެ ޚިދުމަތާއި އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތައް ވެސް ދުއްވޭނެ ކަމަށް ބުނެއެވެ.
މި އެންގުމާ ޚިލާފްވާ ފަރާތްތައް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް