ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، ސިފައިން ދައްކަނީ އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާ: މިނިސްޓަރ މާރިޔާ

މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، ސިފައިންގެ ލީޑަރޝިޕްގައި ތިއްބެވި ބޭލަންގެ އިރުޝާދާއެކު، މުޅި މުއައްސަސާއިން ފެނިގެންދިޔަ ކެތްތެރިކަމާއި، ހިތްވަރާއި އެއްބ...

29 Dec 2020 | 11:47

މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، ސިފައިންގެ ލީޑަރޝިޕްގައި ތިއްބެވި ބޭލަންގެ އިރުޝާދާއެކު، މުޅި މުއައްސަސާއިން ފެނިގެންދިޔަ ކެތްތެރިކަމާއި، ހިތްވަރާއި އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާ އެއް ކަމަށް ދިފާޢީ ވަޒީރު އަލް އުސްތާޛާ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެމްއެންޑީއެފް އިން ނެރޭ "އައްޑަނަ" މަޖައްލާގައި " މިނިސްޓަރުގެ ގަލަންކޮޅުން: އެއްބައިވަންތަކަން ދެމެހެއްޓުމުގައި ސިފައިން" މި މަޢުޟޫއަށް ލިޔުއްވާފައިވާ ލިޔުއްވުމުގަ އެވެ.

އެ ލިޔުއްވުމުގައި ވިދާޅުވެފައިވަނީ އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރުމަށް ދެވޭ ވަގުތުތަކުގައި ވެސް ސިފައިން އެތިބީ ގައުމީ ޚިދުމަތަށް ވަގުތު ހުސްކޮށް، ގައުމު ދިފާއު ކުރުމަށް އެއްބައިވަންތަކަމާއެކު މަތިވެރި އަޒުމްގައި ކަމަށެވެ.

"އާއިލާއާ ގާތް ރަހުމަތްތެރިންނާ ދުރުގައި އެތައް ދުވަހެއް ސިފައިން މި " ޕެންޑެމިކް" އާ ގުޅިގެން މިއަދު ވެސް ހޭދަކުރަމުން އަންނައިރު، މި ދަޑިވަޅުގައި ވެސް ރައްޔިތުގެ މެދުގައި އެއްބައިވަންތަކަމައި ހަމަޖެހުން ކަށަވަރުކުރުމަށް ޤައުމީ ދިފާޢީބާރުން ކުރި ބުރަ މަސައްކަތްތައް ދިވެހި ރައްޔިތުން ބަލައިގަތީ ހިނިތުންވުމާއި އުފަލާއެކު" މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

މީގެ 16 އަހަރު ކުރިން، ސުނާމީ ކާރިސާގެ ހަނދާން އަޅުގަނޑުމެން އާކުރަންވީ ހަމައެކަނި އެ ދުވަހުގެ ބިރުވެރިކަމަކަށް ނޫން ކަމަށާއި އެދުވަހުގެ ހަނދާން އާކުރަން މަޖުބޫރު ކުރުވަނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ކުޑަ ގައުމެއް ނަމަވެސް މުޅު ދުނިޔެއަށް ދެއްކި ނަމޫނާ ދިވެހިން ފަޚުރުވެރި ކުރުވާ ކަމަށާއި ވަކިން ޚާއްސަކޮށް ދިވެހި އަސްކަރިއްޔާއިން އެދުވަހު ދެއްކި އެއްބައިވަތަންތަކަމުގެ ރޫޙު ދިވެހި ތާރީޚުގެ ސޮފްހާތަކުގައި ތާއަބަދަށް ލިޔެވިގެންދާ ދިއުމާމެދު ނުހަނު އުފާކުރާ ކަމެއް ކަމުގައި ވެސް މާރިޔާ ވިދާޅުވެފައިވޭ.

މާރިޔާ ވިދާޅުވީ ޤައުމަށް ކުރިމަތިވާ ޤުދުރަތީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި އަސްކަރިއްޔާ އަދާކުރަމުންގެންދާ އިސްދައުރުގެ މޭސްތިރިކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރީޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ގެންގުޅުއްވާ ޙިކުމަތްތެރި ވިސްނުންފުޅު މިއަދު މުޅި ގައުމު ބަލައިގަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް