ހުޅުމާލޭ މަގުތައް އަނދިރިވުމުން ދިމާވާ މައްސަލަ ހައްލުކުރަން 1،330 މަގު ބައްތި ހަރުކުރަނީ

ހުޅުމާލޭ ފޭސް1 ގެ ބައެއް މަގުތައް އަނދިރިވުމުން ރައްޔިތުންނަށް ދިމާވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މީހުން ދިރިއުޅޭ އަދި އަ...

29 Dec 2020 | 09:07

ހުޅުމާލޭ ފޭސް1 ގެ ބައެއް މަގުތައް އަނދިރިވުމުން ރައްޔިތުންނަށް ދިމާވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މީހުން ދިރިއުޅޭ އަދި އަލަށް އާބާދުވަމުން އަންނަ ސަރަހައްދުތަކުގެ ގިނަ މަގުތަކެއް އަނދިރިވެ މަގު މަތީގައި ޖަހައިފައި ހުންނަ މަގުބައްތި މަދުވުމަކީ އާންމުން ވަރަށް ބޮޑަށް ޝަކުވާ ކުރާ މައްސަލައެއް ކަމަށެވެ. މި މައްސަލަ ހައްލު ކުރުމަށް އެޗްޑީސީން ވަނީ ސްޓްރީޓް ލައިޓް މާސްޓާ ޕްލޭނެއް އެކުލަވާލާފައި އެވެ.

އެޗްޑީސީން ބުނީ މި މާސްޓާ ޕްލޭންގެ ދަށުން ހުޅުމާލޭ ފޭސް 1 ގެ 14 ސަރަހައްދެއްގައި 1،330 މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެ ސަރަހައްދުތަކުގެ ތެރެއިން ބައެއް މަގުތަކަކީ އެއްވެސްވަރަކަށް އަލިކަން ނެތް ސަރަހައްދުތަކަށް ކަމަށާއި އަނެއް ސަރަހައްދުތަކުގައި ހުރި މަގު ބައްތިތައް ހުރީ ހަލާކުވެފައި ކަމަށް ބުނެ އެވެ.

މި މަސައްކަތް ކުރަނީ އެޗްޑީސީ އާއި ގުއަންގެޒޯ ޔުއަން މެކޭނިކަލް އެންޑް އެލެކްޓްރިކް ކޯ ލިމިޓެޑް އާ ގުޅިގެންނެވެ.

އެޗްޑީސީން ބުނީ މިމަސައްކަތް ކުރިޔަށް ގެންދާއިރު އެ މަގުތަކުގައި ހުރި ގަސްތަކާއި ދިމާވާތީ، އެގަސްތަށް ނެގުމަށް ފަހު އެހެން ސަރަހައްދަކަަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިގޮތުން ނެގޭ ގަސްތައް ނެގުމުގައި އަމަލު ކުރާނީ އީޕީއޭގެ ގަވައިދުތަކާއި އެއްގޮތަށް ކަމަށް ބުނެ އެވެ.

މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޖޫން އެކެއްގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް