ކޯވިޑް-19ގެ އާ ވޭރިއެންޓު އިންޑިއާއިން ފެނިއްޖެ އެވެ.
ކޯވިޑްގެ އާ ވޭރިއެންޓް އެންމެ ފުރަތަމަ ފެނުނީ އިނގިރޭސިވިލާތުންނެވެ. އާ ވޭރިއެންޓު އެ ގައުމުގައި ފެތުރެމުންދާ ހަލުވިކަމުން އެ ގައުމަށް ކުރާ ވައިގެ ދަތުރުތައް މެދުކަނޑާލި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިހާތަނަށް އިންޑިއާއިން ކޯވިޑް-19 ގެ އާ ވޭރިއެންޓުގެ ހަ ކޭސް ފެނިފައިވެ އެވެ. އެ ހަ މީހުންނަކީ މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުން އެ ގައުމަށް ދަތުރު ކުރި މީހުންނެވެ.
އިންޑިއާގެ ހެލްތް މިނިސްޓްރީން ވަނީ އެ ހަމީހުންނާއި އެމީހުންނާއި ގުޅުން ހުރި މީހުން ދެނެގަނެ ކަރަންޓީންކޮށްފައި އެވެ.
އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އިއްޔެގެ ނިޔަލަށް އިނގިރޭސިވިލާތުން 33،000 އަށްވުރެ ގިނަ މީހުން އިންޑިއާއަށް ގޮސްފައިވެ އެވެ. އޭގެ ތެރެއިން ކޯވިޑް-19 އަށް 114 މީހަކު ޕޮސިޓިވްވެފައިވާއިރު އާ ވޭރިއެންޓް ފެނިފައިވަނީ އޭގެ ތެރެއިން ހަ މީހުންގެ ގައިންނެވެ.
އިންޑިއާއިން މިއަދުގެ މިހާތަނަށް 16،432 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު މިހާތަނަށް އިންޑިއާއިން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ10.2 މިލިއަނަށް އަރާފައި އެވެ.
މިހާތަނަށް މި ބަލީގައި އިންޑިއާއިން 148,153 މީހުން މަރުވެފައިވެ އެވެ. އިންޑިއާއިން ލަފާ ކުރާ ގޮތުގައި އަންނަ މަހުގެ ކުރީ ކޮޅު 300 މިލިއަން މީހުންނަށް އެ ގައުމުގައި ވެކްސިން ދޭން ފެށޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް