ދިވެހި ޕާސްޕޯޓު ކާޑުގެ ގަވައިދަށް މޯލްޑިވްސް އިމިގްރޭޝަނުން ބަދަލު ގެނެސްފި އެވެ.
އިމިގްރޭޝަނުން މިއަދު ގެޒެޓު ކުރި ގަވައިދުގައި ވަނީ ޕާސްޕޯޓު ކާޑު ބޭނުން ކުރެވޭ ބޭނުންތަކަށް ބަދަލު ގެނެސްފައި އެވެ. ޕާސްޕޯޓު ކާޑު ރާއްޖޭގައި ތައާރަފު ކޮށްފައިވަނީ2017 ވަނަ އަހަރު އެވެ.
އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން ޑްރައިވިން ލައިސަންސްގެ ގޮތުގައި ޕާސްޕޯޓު ކާޑު ބޭނުން ނުކުރެވޭނެ ކަމަށެވެ. އެކަމަކު އެ ގަވާއިދުގައި ބުނާ ހިދުމަތްތަކުގެ އިތުރަށް އިތުރު ހިދުމަތްތައް ޕާސްޕޯޓް ކާޑު މެދުވެރިކޮށް ދިނުމުގެ ބާރު އިމިގްރޭޝަނަށް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.
ރާއްޖޭގެ ޕާސްޕޯޓު ކާޑު ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރުފަތުރު ކުރުމާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާސްޓާ ކާޑާއި އެލައިޑް އިންޝުއަރެންސްގެ ހިދުމަތްތަކަށް ބޭނުން ކުރުމުގެ އިތުރުން އައިޑީކާޑާއި ސިއްހީ ހިދުމަތް ހޯދުމާއި، ލައިސަންސްގެ ބަދަލުގައި ވެސް ބޭނުން ކުރެވޭ ގޮތަށް އޮތް ކާޑެކެވެ.
މި ކާޑު ހިދުމަތް ހޯދުމުގައި ބޭނުން ކުރެވޭ ގޮތަށް ހަމަޖެއްސީ ރާއްޖޭގައި މި ވަގުތު ބޭނުންކުރާ ކާކުކަން އަންގައިދޭ ލިޔުންތަކުގެ ތެރެއިން ޕާސްޕޯޓް ފިޔަވައި ސަލާމަތީގޮތުން އެންމެ ރައްކާތެރި، ނަކަލު ނުކުރެވޭނެގޮތަށް ހަދާފައިވާ ކާކުކަން އަންގައިދޭ ލިޔުމަކީ އެއަށް ވާތީ އެވެ.
ޕާސްޕޯޓް ކާޑު ދޫކުރަނީ ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓް އޮންނަ މީހުންނަށެވެ. އިމިގްރޭޝަން ގަވައިދު ބުނާގޮތުން ޕާސްޕޯޓް ކާޑު އޮތަސް ރާއްޖެއިން ބޭރަށް ދަތުރު ކުރާ ނަމަ، އާންމު އުސޫލުން އިލެކްޓްރޯނިކް ޕާސްޕޯޓް ގެންދަން ޖެހޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް