އިނގިރޭސިވިލާތުން ފެނުނު ކޯވިޑް-19ގެ އާ ވޭރިއެންޓާއި ގުޅިގެން ސައުދީ އަރަބިއްޔާގެ އެއްގަމާއި، ވައި އަދި ކަނޑުގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަ މުއްދަތު އިތުރު ކޮށްފި އެވެ.
އާ ވޭރިއެންޓާއި ގުޅިގެން ސައުދީގެ ބޯޑަރުތައް ބަންދު ކުރީ މިމަހުގެ 21 ވަނަ ދުވަހުން އިއްޔެގެ ނިޔަލަށެވެ. އެކަމަކު ސައުދީ ސަރުކާރުން ވަނީ އެ މުއްދަތު އިއްޔެއިން ފެށިގެން އިތުރު އެއް ހަފްތާއަށް އިތުރު ކޮށްފައި އެވެ.
ސައުދީގެ އިންޓީއަރާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯޑަރުތައް ބަންދު ކުރި ނަމަވެސް ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އެގައުމުން ފުރައިގެން ދެވޭނެ އެވެ. އަދި ބައެއް ހާއްސަ ހާލަތުގައި މީހުންނަށް އެގައުމަށް ވަންނަން ހުއްދަ ދޭނެ އެވެ.
ސައުދީގެ އިތުރުން ޔޫރަޕާއި މެދުއިރު މަތީގެ އެހެން ގައުމުތަކުން ދަނީ އިނގިރޭސިވިލާތަށް ކުރަމުންދާ ވައިގެ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލަމުންނެވެ. އެ އެ ސަރަހައްދުތަކުގެ ބައެއް ގައުމުތަކުން ވަނީ ކޯވިޑްގެ އާ ވޭރިއެންޓް ފެނިފައި އެވެ.
އިނގިރޭސި ސަރުކާރުން ބުނީ އެވައިރަސް ފެތުރެމުން ދަނީ އެ ގައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި ކަމަށާއި ވައިރަސް ފެތުރުން ކޮންޓްރޯލުން ނައްޓާފައިވާ ކަމަށެވެ. އާ ވޭރިއެންޓުގައި ހުރި ތަފާތަކީ ކުޑަކުދިންނަށް ބަލި ޖެހުން އިތުރުވުމާއި ވައިރަސް ފެތުރޭލެއް އަވަސް ކަމެވެ.
އާ ވައިރަހާއި ގުޅިގެން ސައުދީގައި ފިޔަވަޅުތައް ވަރުގަދަ ކުރި އިރު ކޯވިޑް-19 އެ ގައުމުގައި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައި އެވެ. އަދި ސައުދީ އަރަބިއާގައި މިހާޜު ވަނީ ކޮރޯނާވައިރަހުގެ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް