ހުޅުމާލޭގައި ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެމެދުގައި ގުރުއަތު ނަގައިފި އެވެ.
ހުޅުމާލޭގައި ދަނޑުވެރިކަން ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ނެއިބާހުޑް ތިނަކުން ޖުމްލަ 19.877.26 އަކަފޫޓު 16 ޕްލޮޓެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ދަނޑުވެރިކަމަށް ބިން ދޫކުރަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނަށް ހާއްސަ ކެޓަގަރީ، ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އަދި އެހެނިހެން ބައެވެ.
ކޮންމެ ކެޓަގަރީއަކުން ފުރުސަތު ދެނީ ފަސް ގްރޫޕު ނުވަތަ ހަ ގްރޫޕަށެވެ. ކޮންމެ ގްރޫޕަކަށް ލިބޭ ޕްލޮޓުގައި ދަނޑުވެރިކަން ކުރާނީ ތިން މީހަކު އެކުވެގެންނެވެ.
އެޗްޑީސީން ބުނީ ޖުމްލަ 393 މީހަކު ފޯމު ހުށަހެޅި ކަމަށެވެ. އެކަމަކު މިވަގުތު ދޫކުރުމަށް ހަމަޖެހިފައިވާ ޕްލޮޓުތަކަށް ގުރުއަތުން ނުހޮވުނު ފަރާތްތަކުން ޖެހޭނީ ވެއިޓިން ލިސްޓުގައި މަޑު ކުރަން ކަމަށާއި އެމީހުންނަށް ޕްލޮޓު ލިބޭނެ ތަރުތީބު ކުރުމަށްވެސް ގުރުސަތު ނަގާފައިވާ ކަމަށެވެ.
ގުރުއަތުން ހޮވުނު މީހުންގެ މައުލޫމާތާއި ކެޓަގަރީތަކުގެ މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބޭނެ އެވެ.
މިމަޝްރޫއު ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ދަނޑުވެރިކަމުގެ ސިނާޔަތް ކުރިއަރުވާ ދަނޑުވެރިކަމަށް އަޙުލުވެރިކޮށް މި ދާއިރާއިން ގިނަ ބަޔަކު ބިނާކުރުން ކަމަށް އެޗްޑީސީން ބުނެ އެވެ.
މިއީ މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް ބޯހިޔާވެހިކަމަށް ދިމާވެފައިވާ ދަތިތަކަށް އެދެވޭ ހައްލެއް ހޯދުމުގެ ގޮތުން އެކުލަވަލާފައިވާ ހުޅުމާލެ މާސްޓާ ޕްލޭންގެ ދަށުން، ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މިގޮތުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ހޯދައިދިނުމަށް ގިނަ ޕާކުތަކާއި ހުސް ޖާގަތަށް މި ޕްލޭންގައި ހިމަނާފައިވެ އެވެ.
މިގޮތަށް ހުންނަށް ހުސްޖާގަތަށް ހެޔޮގޮތުގައި ބޭނުންކޮށް އަދި ކޯވިޑް-19 ގެ ސަބަބުން މާލީގޮތުން އެއްމެ ބޮޑު ގެއްލުމެއް ލިބިފައިވާ ފަރާތްތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އާމްދަނީ ލިބޭން ގޮތެއް ހޯދައިދިނުމަަކީ ވެސް މި މަޝްރޫޢުގެ އެއްމެ މައިގަނޑު އެއް މަގުސަދު ކަމަށް އެޗްޑީސީން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް