ކޯވިޑް-19ގެ އާ ވޭރިއެންޓް ބިރުވެރީ ކިހާވަރަކަށް؟

އިނގިރޭސިވިލާތުން ކޮރޯނާގެ އާ ވައިރަހެއް ފެންނަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަ ކުރީ މިމަހުގެ ތެރޭގައި އެވެ. އެކަމަކު އެ ގައުމުގެ ސައިންސްވެރިން ހެދި ދިރ...

29 Dec 2020 | 06:29

އިނގިރޭސިވިލާތުން ކޮރޯނާގެ އާ ވައިރަހެއް ފެންނަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަ ކުރީ މިމަހުގެ ތެރޭގައި އެވެ.

އެކަމަކު އެ ގައުމުގެ ސައިންސްވެރިން ހެދި ދިރާސާތަކަށް ފަހު ހަމަ މި މަހުގެ ތެރޭގައި ބުނެފައިވަނީ އެއީ އާ ކޮރޯނާ ވައިރަހެއް ނޫން ކަމަށެވެ. އަލަށް ފެންނަމުން ދަނީ ކޯވިޑް-19 ގެ ވޭރިއެންޓެކެވެ.

މި ވޭރިއެންޓު އެންމެ ހަލުވިކަމާއި އެކު ފެތުރެމުން ދަނީ އިނގިރޭސިވިލާތުގައި އެވެ. މިކަމާއި ގުޅިގެން އެ ގައުމަށް ކުރާ ވައިގެ ދަތުރުތަށް ދުނިޔޭގެ ގިނަ ގައުމުތަކުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައި އެވެ.

މިހާރު މި ވޭރިއަންޓް ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުން ދާއިރު ރާއްޖެއިންވެސް ވަނީ އިނގިރޭސވިލާތުން އަންނަ ޓޫރިސްޓުން ފިޔަވާ އެންމެން ކަރަންޓީން ކުރަން ނިންމާފައި އެވެ. އާ ވޭރިއެންޓާއި ގުޅިގެން ގައުމުތަކުން ފިޔަވަޅު އަޅަމުން ދާއިރު ކޯވިޑް-19 ގެ އާ ވޭރިއެންޓުގެ ތަފާތު އެނގޭ ހެއްޔެވެ.

ރާއްޖެއިން ވަނީ އާ ވޭރިއެންޓާއި ގުޅޭ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ހޯދާފައި އެވެ. އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އާ ވޭރިއެންޓްގެ ސަބަބުން ކޯވިޑް-19 ގެ ބިރުވެރިކަން އިތުރަށް ބޮޑު ނުވާ ކަމަށެވެ.

މި ވޭރިއެންޓުގެ ތަފާތަކީ ވައިރަސް ފެތުރުން އަވަސް ވުމެވެ. ކޯވިޑް-19 ގެ އާ ކަންތައްތަކެއް ފެންނަމުން ދާކަން ފާހަގަވެ އިތުރު ދިރާސާތަކެއް ކުރަން ފެށީވެސް ވައިރަސް ކޮންޓްރޯލްވެފައިވާ ބައެއް ސަރަހައްދުތަކުގައި ކުއްލިއަކަށް ވައިރަސްއަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ.

މީގެ އިތުރުން އާ ވޭރިއެންޓް ކުޑަކުދިންނަށް ޖެހޭލެއް އިތުރުކަން ފާހަގަ ކުރެއްވި އެވެ.

ކޯވިޑް-19 އާއި އެކު އާންމުން އުޅެން ދަސްކޮށްފައިވާއިރު މި ވައިރަސް އާއި ގުޅިގެން ސިއްހީ މާހިރުން އަބަދުވެސް ކަންބޮޑުވުން ފާޅު ކުރަމުން އައީ ވައިރަސްއަށް ވަކި ފަރުވާ އެއް ހޯދިފައި ނެތުމުންނެވެ. މިހާރު ދުނިޔޭގެ އެކި ގައުމުތަކުގައި ކޯވިޑް-19 އަށް ވެކްސިން ދެމުންދާއިރު އާ ވޭރިއެންޓުގެ ސަބަބުން ވެކްސިން ބަދަލު ކުރަން ޖެހި ނުވަތަ އާ ވެކްސިނެއް ތައްޔާރު ކުރަން ނުޖެހޭ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

މިފަދަ ކޮންމެ ވައިރަސް އަކާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އާންމުން ކުރަން ޖެހެނީ ހަމަ އެއް ކަންތައްތަކެކެވެ. އެއީ ގިނަގިނައިން އަތް ދޮވުމާއި މާސްކު އެޅުމުގެ އިތުރުން ގައިދުރު ކަމާއި އެކު އުޅުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް