ސިލްސިލާ ވާހަކަ: ޒާރާ - ފަސްދޮޅަސްވަނަބައި

''އަހަރެން ދެން ނުރޯނަން......... އިމްރާން ބައްޕަ އަކީ ހަމަ އަހަރެންގެ ވެސް ބައްޕަ......... އެންމެ ބޮޑަށް ހިތްހަމަޖެހެނީ އިމްރާނާއެކު ފަހުދުވެސް ދާތީ .......އޭނާ ދާކަން ހަމަ ނަސީބު........ އެހެން ނޫން...

29 Dec 2020 | 04:05

''އަހަރެން ދެން ނުރޯނަން......... އިމްރާން ބައްޕަ އަކީ ހަމަ އަހަރެންގެ ވެސް ބައްޕަ......... އެންމެ ބޮޑަށް ހިތްހަމަޖެހެނީ އިމްރާނާއެކު ފަހުދުވެސް ދާތީ .......އޭނާ ދާކަން ހަމަ ނަސީބު........ އެހެން ނޫންނަމަ...............'' ޒާރާއަށް ބުނެވެން އުޅުނު އެއްޗަކާމެދު އަމިއްލައަކަށް ވިސްނާލިއެވެ. އަވަސް އަވަހަށް ބަލާލެވުނީ އިމްރާނުގެ މޫނަށެވެ. ފަހުދާ ބެހޭގޮތުން ޒާރާއަށް އެ ބުނެވުނު އެއްޗަކުން އިމްރާން ހިތުގައި ސުވާލެއް އުފެދިދާނެ ބާވައެވެ. އެ މޫނުން ފެންނަންހުރި އިހްސާސްތައް ދެނެގަނެވޭތޯ ޒާރާ މަސައްކަތް ކުރިއެވެ.

''އާނ...... ފަހުދު ދާން އެއްބަސްވިކަން ހަމަ ނަސީބު......... ޑޮކްޓަރެއް ހުރުމުން ވަރަށް ގިނަ ކަންތައްތައް ފަސޭހަވާނެ....... ފަހުދު ދާން އެއްބަސްނުވިނަމަ ނަރުހުންވެސް މި ދަތުރުގަ ގެންދަން ޖެހޭނެ.....އެވެސް ކިހާ އުނދަގޫވާނެކަމެއް.............'' ޒާރާ ދެއްކި ވާހަކަ އިމްރާނަށް ދޭހަވީ ކޮންގޮތަކަށް ކަން އެނގުމުން ޒާރާ އަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލެވުނެވެ. ފަހުދާ ބެހޭގޮތުން ޒާރާއަށް ބުނެވުނު އެއްޗަކުން ނުކިއްސަރު ގޮތަކަށް އިމްރާނު ނުވިސްނީތީ ޒާރާ އުފާކުރިއެވެ.

ދެރަވަނީ ޒާރާގެ ދެމައިން އެކަނި ވާނެ ވަރު ހިތަށް އަރާފަ........ މަންމަވެސް ކިހާ އެކަނިވެރިވާނެ ދޯ........... މިބަޔަށް ބަދަލުވާން މަންމަ ގާތު ބުނާނަން އިނގޭ......... އޭރުން ޒާރާ އެކަންޏެއް ނުވާނެ އެއްނު.........'' އިމްރާންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަވަސްކަމެވެ.

''މަންމަ އެކަނިވިޔަކަ ނުދޭނަން.......... އެހެންނޫނަސް ޖީނާ ވެސް ހުންނާނެއެއްނު........ދެން ތިބުނީ އަހަރެން އެކަނިވާނެ ވާހަކަ........... ޒިލީ އެއޮތީނު.......... މިހާރު އެކަންޏެއް ނޫނެއްނު........ ''  ޒާރާ ބެލީ އިމްރާން ހިތްހަމަ ޖައްސައިދެވޭތޯއެވެ. ޚުދު ޒާރާގެ ހިތް ހިތާމައިގެ ކަނޑަށް ގެނބެމުންދާއިރު އެކަން އެއްފަރާތް ކޮއްލުމަށްފަހު އިމްރާންގެ ހިތަށް އުފަލެއް ލިއްބައިދެވޭތޯ އޭނާ މަސައްކަތް ކުރަމުންދަނީއެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމަށް ކެތްކުރުމަކީ އެންމެ އުނދަގޫ އެއްކަންތަކެވެ. އެހެނަސް ހިތްވަރާއެކު ދިރިއުޅުމުގެ މައިދާނުގައި ދިމާވާ ދަތިތައް ގިރާކުރެވޭތޯ މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ޒާރާއަށް ގަބޫލުކުރެވެއެވެ. ކެތްތެރިކަމުގެ މާތްސިފަ އޭނާއަށް ދަސްވީ އޭނާގެ ލޯބިވާ ބައްޕަގެ ފަރާތުންނެވެ. އެންމެ ތުއްތު އިރުއްސުރެ ޒާރާގެ ދިރިއުޅުމުގައި ގިރާ ކުރަންޖެހުނު ހުރިހާ އަޑިގުޑަންތައް ގިރާކުރެވުނީ އިންތިހާއަށް ކެތްކޮއްގެންނެވެ.

''އޭތް........... ކޮންކަމަކަށް ގެއްލިފަ .......... އަދިވެސް ދެރަވެފަ ދޯ......... '' ގަޑިއަށް ބަލާލުމަށްފަހު އިމްރާން ދަބަސް ކޮނޑުގައި އަޅުވާލިއެވެ. މަޑުމަޑުން ގޮސް ހުއްޓުނީ ޒިލީގެ ކުޑައެނދު ކައިރީގައެވެ. އެ ތުއްތު ދަރިފުޅު ނުހަނު ލޯބިކޮށް ނިދާލާފައި އޮތެވެ. ދުނިޔޭގައި ހިނގާއެއްވެސް ކަމެއް އެ ތުއްތު ދަރިފުޅަށް އިހްސާސްނުވާހާލު، އެއްވެސް ޚިޔާލެއް ފިކުރެއްނެތި ނުހަނު ފުންނިންޖެއްގެ ތެރޭގައި އޮތް ޒިލީގެ މޫނުގައި އިމްރާން ފިރުމާލިއެވެ. އެ ތުއްތު ކޯތާފަތުގައި ބޮސްދިނެވެ. އެވަގުތު ނިދީގެ ތެރެއިން ޒިލީ ހީލިއެވެ. އެ ތުއްތު މޫނަށް ކަޅިޖަހާނުލާ  ބަލަންހުރި އިމްރާންގެ ހިތް އެދަރިފުޅަށްޓަކައި ލޯބިން ފުރި އުތުރިގަތެވެ. ލޮލުން ފާއްދާލި ކަރުނަ ތިކި އަމިއްލަ އަތުން ފޮހެލިއެވެ. އެވަގުތު އިމްރާންގެ ލޮލުން އޮހޮރިގެން ދިޔަ ކަރުނައިގެ ފަހަތުގައި ފޮރުވިފައިވާ އިހްސާސް ދެނެގަންނަން ޚުދު އިމްރާންވެސް ވަނީ ނުކުޅެދިފައެވެ.

ޒާރާއަށް ފެނުމުގެ ކުރިން ލޯ ފޮހެލިއެވެ.  އެނބުރި ހިނގައިގަތީ އެނދުމަތީގައި ހުރި އޭނާގެ ފޮއްޓާ ދިމާއަށެވެ. އެވަގުތު އިއްބެގެ ކޯލެއް އިމްރާނަށް އައެވެ. އެ ކޯލަށް އިމްރާން އިންތިޒާރުކުރާތާ އިރުކޮޅެއް ވެއްޖެއެވެ. އިއްބެއަށް ދެފަހަރަކު ގުޅާލުމުން ފަހުން ގުޅާނެކަމަށް ބުނެ މެސެޖްކުރިފަހުން ފާއިތުވެގެން މިދިޔަ ގަޑިއެއްހާއިރު އިމްރާން އެ އިންތިޒާރުކުރީ އެ ކޯލަށެވެ.

''ހަލޯ........... އޭ ކޮބާ....... މިހާރު މިއުޅެނީ ނައްޓާލަން ......... އެއާޕޯޓަށް............އެހެންތަ........ތީ ވަރަށް ދެރަގޮތެއްދޯ ......ދެން ކުރާނެ ކަމެއްނެތް......... އެކަމަކު ވާނެ އިނގޭ މަ ބުނިކަންތައް ............އެހެންވިއްޔާ ތި ނިމުނީ............ ތޭންކްސް ވަރަށްބޮޑަށް........ އަންހެނުން ކައިރީވެސް ބުނެލާފަ ބާއްވާނަން......... ނޫނޭ.......... ވަރަށް އަންޑަސްޓޭންޑިން ކުއްޖެއް މަގޭ ވައިފަކީ.......... މާބޮޑަށްވެސް...... ހެހެ........ އޯކޭ....... ގުޅާނަން އެކޮޅަށް ދެވުނީމަ .........މިކޮޅުންވެސް.......... '' އިމްރާން ފޯނު ބާއްވަމުން ބަލާލީ  އޭނާގެ މޫނަށް ބަލަން ހުރި ޒާރާއަށެވެ. ޒާރާގެ ދެ ކޮނޑުގައި ހިފާ އިމްރާނާ ގާތަށް ދަމާލިއެވެ.

''ކާކު..............'' ޒާރާ ސުވާލުކޮއްލިއެވެ. އެ ސުވާލަށް އިމްރާން ހުރީ މާކުރީއްސުރެވެސް ތައްޔާރުވެގެންހެން ހީވެއެވެ.

''އިއްބެ............'' ޒާރާގެ ލޮލާ ލޯ ގުޅާލަމުން ހަމަޖެހުމުގެ ނޭވާއެއް އިމްރާނަށް ބޭރުކޮއްލެވުނެވެ.

''އިއްޔެ އޮފީހަށް ގެނެސްގެން އޭނާއަށް ވަރަށް ކިޔާދީފަ ހުންނާނީ ކުރަންޖެހޭ މަސައްކަތް........... ޒާރާއާ މީޓްކޮއްދެން ކަމަށް ގުޅީ.......އެކަމަކު މިވަގުތު މާލެއިން ބޭރުގަޔޯ........ އިއްބެއާ ހަވާލުކޮއްފަ މިދަނީ އޮފީހުގެ މުހިންމު ބައެއް މަސައްކަތް........ އަދި އޭގެ އިތުރުން މަންމަ އާ އަދި ޒާރާގެ ހުރިހާކަމެއްވެސް.......އިއްބެއަކީ ވަރަށް ބަރާބަރު މީހެއް...... މިހާތަނަށް މަށަށް ފެނުނު އެންމެ ތަފާތު އެކަކު އެއީ............ ޒާރާގެ އެކައުންޓަށް ފަންސާސްހާސް ދިވެހިރުފިޔާ ޖަމާކޮއްފިން ދެންމެ..........ޒާރާގެ ދެމައިންގެ އެއްވެސް ކަމެއް ދަތިވާކަށް އަހަރެން ބޭނުމެއްނޫން............... ބޭނުން އެއްވެސްކަމެއް ނުކޮށް ނުހުންނާތި.........އިތުރަށް ފައިސާ ބޭނުން ވިޔަސް ނުބުނެ ނުހުންނާތި......'' އިމްރާން އެއް ނޭވާއިން އޭނާ ބުނަންބޭނުން ހުރިހާއެއްޗެއް ކިޔާ ނިންމާލިއެވެ. ހީވަނީ ކުރިއްސުރެ ހިތުދަސްކޮށްގެން ހުރިހެނެވެ.

''ނުވެސް ދަންނަ މީހުންނާ އަނބިދަރިން ހަވާލުކުރަން އިމްރާން ބިރެއް ނުގަނޭތަ.......... '' އިމްރާނާ ދުރަށް ޖެހިލަމުން ޒާރާ ސުވާލުކޮއްލިއެވެ. އިމްރާނުގެ އެ ނިންމުމާމެދު ޒާރާ އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެއެވެ. ޒާރާކުރީ އިމްރާން ހިތަށްވެސް ނާރާފަދަ ސުވާލެކެވެ.

'' އިއްބެ އަށް އަހަރެން އިތުބާރުކުރަން............ އަހަރެންވެސް އެގޮތަށް ނިންމީ އެތައްގޮތަކަށް ވިސްނާފަ....... ޒާރާއަށް ހީވޭތަ އަހަރެން ހަމަ ''މީހެއްގެ'' ބެލުމުގެ ދަށަށް މަގޭ ފުރާނައަށްވުރެ ލޯބިވާ އަންހެނުންނާ ދަރިފުޅު ދޫކޮއްލާނެއޭ........'' ޒާރާކުރި އެ ސުވާލަށްވެސް އިމްރާން ދިނީ ނިކަން ފުރިހަމަ ޖަވާބެކެވެ.

''ދެރައީ އޭނާއަށް ޒާރާ އިންޓްރޮޑިއުސް ކޮށް ނުދެވިއޮތީމަ.......... އެކަމަކު މަންމައާވެސް މިހާރު އިއްބެ ވަރަށް ރައްޓެހި ވެއްޖެ....... އެބަޔަށް ވަރަށް ގިނައިން ދާތީ މަންމަ ވަރަށް އަނގަތަޅާނެ އިއްބެއާ ................'' އިމްރާން ބެލީ ޒާރާ ހިތްހަމަޖައްސައިދެވޭތޯއެވެ. އިއްބެގެ މައްޗަށް ޒާރާގެ ރުހުން ހޯދޭތޯ އެވެ.

އެތައް ގޮތަކަށް ވާހަކަދެއްކުމުން އެންމެފަހުން ޒާރާއަށް ޖެހުނީ އެއްބަސް ވާށެވެ. ކަމެއް ދިމާވެއްޖެއްޔާ އިއްބެގެ އެހީތެރިކަން ޒާރާ ހޯދަން އެއްބަސްވީ އިމްރާން ހިތްހަމަޖެއްސުމަށްޓަކައެވެ.

**********

އިމްރާން ބައްޕަ ގޮވައިގެން ބެންކޮކަށް ފުރިފަހުން ހޭދަވީ ކޮންމެ ދުވަހެއް، އެތައް ދުވަހެއްފަދައެވެ. މަޖަލާ އުފާވެރިކަމާއެކު ހީ ސަމާސަކުރަމުން ދިޔަ ގޭތެރެވަނީ ފަޅުވެފައެވެ. ގޭގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިޔަސް ފެންނަމުންދަނީ ފަޅުކަމާ އެކަނިވެރިކަމެވެ. ގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމެވެ.

މައިދައިތަ ޒާރާގެ އެޕާޓްމަންޓްގައި ނިދިއެއްކަމަކު ގިނަ ވަގުތު ހޭދަކުރަނީ ތިރީގައެވެ. ވިޔަފާރި ބަލަހައްޓާނެ އިތުރު މީހަކު ނެތުމުން ދޭތެރެ ދޭތެރެއިން އޮފީސްބައިގެ އިތުރުން ގޭގެ ތިރީބައިގައި ހުރި ފިހާރަތަކަށްވެސް ސަރީފާ ވަދެލައެވެ. އަލިބެއަށް ދިމާވި ހިތާމަވެރި ހާދިސާއަށްފަހު ސަރީފާގެ މޫނުމަތިންވެސް ފެންނަނީ ހިތާމަވެރިކަމެވެ. އަބަދުހެން ވިސްނެނީ އަލިބެއާ ދޭތެރޭގައެވެ. އެހެންކަމުން އެ އުމުރުގައި މާގިނައިން ފިކުރު ކުރަންވެއްޖެނަމަ އޭގެ ސަބަބުން ސިއްޚަތަށް ނޭދެވޭ އަސަރު ކުރާނެކަމަށް ސަރީފާއަށް ޒާރާ އޮތީ ވިސްނާދީފައެވެ. އަދި ކޮންމެވެސް ކަމެއްގައި މަޝްއޫލުވެ ވަގުތު ހޭދަކުރަން ސަރީފާ ނިންމީ ޒާރާގެ ވެސް އެދުމުގެ މަތިންނެވެ. ޒާރާގެ އެފަދަ ކޮންމެ ނިންމުމަކުން ސަރީފާގެ ހިތުގައި ޒާރާގެ މައްޗަށް އޮތް ލޯބި އެތައް ގުނައެއް އިތުރު ވެގެންދެއެވެ. ޒާރާ އަބަދުވެސް އޭނާގެ އަމިއްލަ ނަފުސާ ދޭތެރޭ ވިސްނާވަރަށްވުރެ ބޮޑަށް އެހެން މީހުނާ ދޭތެރޭ ވިސްނައެވެ.

އިމްރާން ފުރައިގެން ދިޔަތާ ދެތިންދުވަސް ފަހެވެ. އިރުއޮއްސުމާއެކު ޒާރާއަށް އާދަޔާ ޚިލާފަށް އެކަނިވެރިކަން އިހްސާސް ކުރެވެން ފަށައިފިއެވެ. އާދައިގެ މަތިން ދަރިފުޅު ނިންދަވާލުމަށްފަހު މަޣްރިބް ނަމާދު ކޮއްލިއެވެ. ނަމާދުގެ ސަބަބުން ރޫޙަށް ދިރުން ގެނެސްދެއެވެ. އުންމީދު އާލާވެއެވެ. ދިރުން ނެތެމުންނާ ހިތްތަކަށް ދިރުން ގެނެސްދެއެވެ. އެއީ ޒާރާ އަބަދުވެސް ޤަބޫލުކުރާ ހަޤީގަތެކެވެ. އެއީ އޭނާގެ އަޤީދާ ވަރުގަދަ ކަމުގެ ހެއްކެކެވެ. ނަމާދުކޮށް ނިމުނުއިރު ޒާރާގެ ހިތުގެ އުދާސްކަން ކުޑަވެއްޖެ ކަމުގައި ޒާރާއަށް ގަބޫލު ކުރެވުނެވެ. މުސައްލަ ފަތްޖަހާލުމަށްފަހު ކަބަޑުގައި ބާއްވާލިއެވެ. އެވަގުތު ޒިލީ މަޑުމަޑުން ކުކުރާލިހެން ޒާރާއަށް ހީވިއެވެ. ކުޑައެނދު ކައިރިއަށް ޖެހިލީ ޔަގީންކޮއްލުމަށެވެ.  ފިނިވެގެން އުޅޭހެން ހީވުމުން އޭސީ ފިނި މަޑުކޮއްލުމަށްފަހު ގައިމަތީއޮތް ރަޖާ ރަނގަޅުކޮއްލިއެވެ. އެއަށްފަހު މަޑުމަޑުން ޒިލީގެ ބުރަކަށީގައި ފިރުމާލުމުން ހަރަކާތް މަޑުވެ އިސާހިތަކު ނިދައިފިއެވެ.

ބެލްކަނީ ކުޑަދޮރުކައިރިއަށް ޖެހި ދޮރުފޮތިގަނޑު ކަހާލީ ވާރޭވެހޭއަޑު ކެނޑިނޭޅި އިވޭތީއެވެ. ހަވީރު ވެހެންފެށި ވާރޭ އޭރުވެސް ހުއްޓުމެއްނެތި ވެހެމުންދެއެވެ. ބާރުވަޔާއެކު ވިއްސައިގެންދާ ވާރޭގެ ތިކިތައް ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޖެހިފައި، ހަރުފަތަކެއްފަދައިން ގޮތްގޮތަށް ގުދުލައްވަމުން ތިރިޔަށް ސޮހެމުން ދިޔައެވެ. ވާރޭ ވެހޭމަންޒަރު ކިތަންމެ ހިތަގައިމު ނަމަވެސް މިރޭ އެ މަންޒަރުގެ ސަބަބުންވެސް ޒާރާގެ ރޫހަށް ތާޒާކަމެއް ނުލިބުނެވެ.  މިރޭ ވެހެމުން އެދާ ވާރޭގެ ސަބަބުން އޭނާގެ ހިތަށް އެއްވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނުހެނެއް ހިޔެއް ނުވެއެވެ. ވާނީވެސް އެހެންނެވެ. އިމްރާން ނެތުމުގެ ފަޅުކަން އެހެން އެއްވެސް ކަމަކުން ނުފިލާނެކަން ޒާރާއަށް އެނގެއެވެ. ކުޑައިރުކޮޅަކު މަޑުކޮއްލުމަށްފަހު ކުޑަދޮރުގެ ފޮތިގަނޑުން ކަހާލާފައިވާ ބައި ލައްޕާލިއެވެ.

ސިޓިން ރޫމްތެރެއިން ގޮސް ބަދިގެބަޔަށްވަނީ ހޫނު ސައިތައްޓެއް ބޯލުމުން މޫޑު ހަމައަކަށް އެޅިދާނެކަމުގެ އުންމީދުގައެވެ. ޒިލީ އަށް ބަނޑުބޮޑުކަން އެނގުނު ދުވަހުން ފެށިގެން ކޮފީ ބުއިން ޒާރާ ހުއްޓާލީ ދަރިފުޅަށް އެއިން ލިބިދާނެ ގެއްލުމަކަށްޓަކައެވެ. ގާތުން ދޭ ދުވަސްވަރު ކޮފީއާ އަދިވެސް އެފަދަ އެހެން ބުއިންތަކާ ޒާރާ ދުރުހެލިވީ އެކަމުގެ ސަބަބުން ދަރިފުޅަށް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބުނަ ނުދިނުމަށްޓަކައެވެ.

ފެން ހޫނު ކުރުމަށްފަހު ސައިފަތް ޕެކެޓެއް ޖޯޑަށް ލުމަށްފަހު ފެން އަޅާލިއެވެ. އެވަގުތު ބެލް ޖަހާލިއަޑު އިވުމުން ޒާރާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. މިވަގުތު ބެލްޖަހަނީ ކާކުބާވައެވެ. މަންމަ އަންނާނީ އިޝާ ނަމާދަށް ފަހުގައެވެ.

''އެވާނީ ޖީނާ ކާއެއްޗިހި ހިފައިގެން އައީކަމަށް...........'' ޒާރާ ހިތާހިތުން ނިންމިއެވެ.

ދޮރާ ގާތްވެލުމަށްފަހު ޕީޕް ހޯލްގައި ލޯ ޖަހާފައި ބޭރު ބަލާލިއެވެ. މާލޭގެ މާހައުލު ޒާރާއަށް ނިކަން ރަނގަޅަށް އެނގެއެވެ. އެހެންކަމުން އެގޮތަށް އެކަނި ހުރެ ދޮރު ހުޅުވަން ޒާރާ ބިރުގަންނަނީއެވެ. ބޭރުގައިހުރީ ފިރިހެނެކެވެ. އެމީހާ ހުރީ ދޮރާދިމާއަށް ފުރަގަސްދީގެންކަމުން އެމީހާގެ މޫނެއް ޒާރާއަކަށް ނުފެނުނެވެ. ދެވަނަ ފަހަރަށް ބެލް ޖަހާތޯ މަޑުކޮއްލުމުންވެސް ޚަބަރެއް ނުވިއެވެ. އޭގެ ފަސްވަރަކަށް މިނެޓްފަހުން ބަލާލިއިރުވެސް އޭނާ ހަމަ އެތަނުގައި އެހުރިގޮތަށް އެބަހުއްޓެވެ. ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަނީއެވެ. މާގިނައިރެއް ނުވެ ޒާރާގެ ފޯނަށް އިމްރާން ގުޅިއެވެ. ބޭރުގައި އިއްބެ ހުރި ވާހަކައާއި އޭނާ އަތުގައި އޮތް ފައިލާ ހަވާލުވާން ބުނުމުން ޒާރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ބޭރުގައިހުރީ ކާކުކަން ޔަގީންވުމުން އިތުރަށް މަޑުކުރާކަށް ޒާރާ ބޭނުމެއް ނުވިއެވެ. އަވަސް އަވަހާ ކޮޓަރިއަށްވަދެ ބުރުގާ އަޅާލުމަށްފަހު ނިކުމެ ދޮރު ހުޅުވާލިއެވެ. އެވަގުތު ފުރަގަސްދީގެން ހުރި ފިރިހެންމީހާ އެނބުރިލިއެވެ.

------------------------------

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 31 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް