ޕްރިމިއާ ލީގު: ކަވާނީގެ ލަނޑުތަކުން ޔުނައިޓެޑަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތެމްޕްޓަންއާއި ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. މެންޗެސްޓާ ޔުނައިޓެޑުން މި މެޗު ކާމިޔާބު ކުރީ ބަލިވާން ދަނިކޮށް ފަހަތުން އަރައެވެ....

29 Nov 2020 | 16:37

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސައުތެމްޕްޓަންއާއި ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. މެންޗެސްޓާ ޔުނައިޓެޑުން މި މެޗު ކާމިޔާބު ކުރީ ބަލިވާން ދަނިކޮށް ފަހަތުން އަރައެވެ.

ޔުނައިޓެޑުން ފަހަތުން އަރައި ސައުތެމްޓަން ބަލިކުރީ 2-3 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ރަނގަޅަށް ކުޅުނީ ސައުތެމްޕްޓަން އިންނެވެ. ނަމަވެސް މެޗުގެ ކުޅުން ފެށުނު ތަނާހެން ޔުނައިޓެޑްގެ މޭސަން ގްރީންވުޑަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ކީޕަރު ކައިރިން ނައްޓާލާފައި ގްރީންވުޑް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. އޭގެ ފަހުން ވެސް ގްރީންވުޑާއި ބްރޫނޯ ފެނާންޑޭސް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ސައުތެމްޓަންގެ ގޯލްކީޕަރު އެލެކްސް މެކާތީ ވަނީ މަތަކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ސައުތެމްޓަނުން ލީޑު ނަގައިފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖޭމްސް ވާޑް-ޕްރައުސް ނަގައިދިން ކޯނަރަކުން ޑިފެންޑަރު ޔަން ބެޑްނަރެކް އެވެ. ސައުތެމްޓަންގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ 33 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ވާޑް-ޕްރައުސް އެވެ.

ސައުތެމްޕްޓަންއިން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ޔުނައިޓެޑުން ފެށީ ބަދަލުތަކަކާއި އެކުގައެވެ. އެގޮތުން ދެވަނަ ހާފުގައި އެޑިން ކަވާނީ ކުޅެން ނިކުތްއިރު، ލިބުނު އަނިޔާއެއްގެ ސަބަބުން އެޓީމުގެ ގޯލްކީޕަރު ޑެހެޔާވެސް ވަނީ ބަދަލުކޮށްފައެވެ. ޑެހެއާގެ ބަދަލުގައި ކުޅެން އެރީ ބަދަލު ކީޕަރު ޑީން ހެންޑަސަން އެވެ. މި ބަދަލުތަކާއި އެކު ބަދަލާ އެކު ޔުނައިޓެޑްގެ ކުޅުން ރަނގަޅުކުރިތަން ފެނިގެން ދިޔައެވެ. އެގޮތުން 59 ވަނަ މިނެޓުގައި ބުރޫނޯ ފެނާންޑޭސް ވަނީ ލަނޑެއް ޖަހައިދީ ފަރަގު ކުޑަކޮށްފައެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ފަހު ދެ ލަނޑު ޖަހައިދިނީ އެޑިންސަން ކަވާނީއެވެ. ކަވާނީގެ ފުރަތަމަ ލަނޑު ފެނާންޑޭސް ނަގައިދިން ހުރަހަކުން ޖެހިއިރު މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި ވައްދާލީ މާކަސް ރަޝްފާޑް ނަގައިދިން ހުރަހަކުންނެވެ. މިއީ މި ސީޒަނުގައި ކަވާނީ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ތިން ވަނަ ލަނޑެވެ.

ކަވާނީގެ ލަނޑުތަކުން ޔުނައިޓެޑް މުހިއްމު މޮޅެއް ހޯދައި އެޓީމު މިހާރު ވަނީ އަށް މެޗުން ލިބުނު 16 ޕޮއިންޓާ އެކު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ޔުނައިޓެޑް ހަތް ވަނައިގައި އޮތްއިރު 10 މެޗުން 17 ޕޮއިންޓް ހޯދައިގެން ސައުތެމްޓަން އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް