"ކާނާގެ ޔަޤީންކަން" ކަށަވަރު ކުރުމުގައި ދަނޑުވެރިކަން ޙިއްޞާކުރާ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން، އާބަން ގާޑެނިންގ ޕްރޮގްރާން އިފްތިތާޙު ކޮށްފި އެވެ.
މާލޭގައި "އާބަން ގާޑެނިންގ" މޮޑެލްއެއް ތަޢާރަފް ކުރުމަށް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްއީ އާއި އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑާއި ދެމެދު އޮކްޓޯބަރ 27 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި، މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު އެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ސްކޫލްގެ ދަރިވަރުން އަހުލުވެރިވުމުގެ މުހިންމުކަމާއި ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް ފަރުދީ ފެންވަރުގައި ކުރާ ދަނޑުވެރިކަމަށް ފަހި މާޙައުލެއް ކަށަވަރުކޮށްދިނުމުގައި އާބަން ގާޑެނިންގ ހިއްޞާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.
މިނިސްޓްރީގެ އިސްނެގުމާއެކު ފެށި މި ޕްރޮގްރާމް ކުރިއަށްދާނީ އައިލެންޑާރސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާ "ވަން އާތު އެކަޑަމީ" ޕްރޮގްރާމާއި ގުޅުވާލައިގެން ނެވެ.
ވަން އާތު އެކަޑަމީ ޕޮރޮގްރާމަކީ ދަރިވަރުންނަށް ނަފްސުގެ ފުދުންތެރިކަމާއެކު ތިމާވެއްޓާއި ރައްޓެހި ދިރިއުޅުމެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި އެކުންފުންނިން ފަށާފައިވާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގައި ބޭނުންކުރުމަށް ސްކޫލުން ތައްޔާރުކޮށްފައިވާ ލޯގޯވެސް ވަނީ މިރަސްމިއްޔާތުގައި ނެރެދެއްވާފަ އެވެ.
އާބަންގާޑެނިންގ ޕްރޮގްރާމްގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ޕްރޮމޯޓްކުރުމަށް ސްކޫލުން ގެންގުޅުއްވާނެ ޝިޢާރަކީ "ގްރޯ ފްރޮމް ހޯމް" އެވެ.
ކުދި ޖާގަތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަށް ހިފޭނެހެން ބައްޓަން ކުރެވޭ މިމޮޑެލްގައި ގަސްހެއްދުމަށް ވިހަ ކެމިކަލް އެކުލެވޭ ބާރުގަދަ ބޭސްތައް ބޭނުމެއް ނުކުރާނެ އެވެ.
ގަސްކާނާގެ ގޮތުގައި މައިގަނޑު ގޮތަކަށް ބޭނުންކުރާނީ އޯގަނިކް ކޮމްޕޯސްޓްގެ ބާވަތްތަކެވެ.
މީގެ އިތުރުން ގޭބިސީތަކުން އުކާލާ ތަކެތި ބޭނުންކޮށްގެން ގަސްކާނާ އުފައްދައި، އެތަކެތި ބޭނުންކުރުންވެސް މިޕްރޮގްރާމްގައި ހިމެނިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް