ބެލަރޫސް ގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން މިހާރު ކުރަމުން ގެންދާ މުޒާހަރާތަކާއި ގުޅިގެން ބެލަރުސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
އެގައުމުގައި ވެރިކަން ކުރައްވާތާ 26 އަހަރު ވެފައިވާ ލުކަޝެންކޯ އާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު އެގައުމުގެ ވެރިކަމުގެ ނިޒާމު އޮތް ގޮތަށް އެހެން ރައީސަކަށް ފުރުސަތު ދިނުން ރަނގަޅު ނޫނެވެ.
އެ އިސްލާހުތައް ގެނައުމުން އޭނާ ދެން ވެރިކަމުގައި ނުހުންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އަދި އެގައުމުގެ ރައީސްގެ ބާރުތައް ކުޑަ ކުރުމަށް ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ލުކަޝެންކޯ އެފަދައިން ވިދާޅުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފައި މިވަނީ އޭނާގެ ސަރުކާރަށް އެންމެ ބޮޑަށް ވާގިވެރިވާ ރަޝިއާއިންވެސް ބެލަރޫސްގެ ގާނޫނު އަސާސީ އިސްލާހު ކުރުމަށް ލަފާ ދީފައިވާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ އޮގަސްޓު މަހުގެ ނުވައެއްގައި އެގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބު ލުކަޝެންކޯ ކާމިޔާބު ކުރެއްވުމުން، އެގައުމުގައި މުޒާހަރާތައް ފަށާފައިވަނީ އިންތިޚާބު އޮޅުވާލިކަމަށް ބުނެއެވެ.
އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެ އިންތިޚާބުގައި ލުކަޝެންކޯއަށް 80 ޕަސެންޓު ވޯޓު ލިބިވަޑައިގެންނެވި އިރު، އެންމެ ގާތުން ވާދަ ކުރެއްވި ސްވެތުލާނާ ތިކަނޯސްކަޔާއަށް ލިބިވަޑައިގަތީ 9.9 ޕަސެންޓު ވޯޓު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް