ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ނުލިބޭތީ އެ މައްސަލަ ކޯޓަށް ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް ހަ ވަނަ ދުވަހު އެވެ. އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު އީސީން ދީފައިވަނީ ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އެކުލަވާލާފައިވާ އެއްވެ އުޅުމާއި ބެހޭ ގައިޑްލައިނާއި އެއްގޮތަށް އަމަލު ކުރާ ގޮތަށެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގައި އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އެގޮތުން އަތޮޅުތެރެއަށް ދަތުރު ކުރުމުގެ ފުރުސަތު ނެތުމަކީ އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލަ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމަހަމަކަމާއި އެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތްކަމުގެ ޝަކުވާ ކުރަން ޖެހެނީ ސަރުކާރަށް ބޭނުން ކޮންމެ ވަގުތެއްގައި އަތޮޅުތެރެއަށް އެކި މަޝްރޫއުތަކައި ގުޅުވައިގެން ކެމްޕެއިނަށް އަތޮޅުތެރެއަށް ދަތުރު ކުރަމުންދާތީ ކަމަށެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ގާނޫނީ ވަކީލުންގެ ޓީމާއި އެކު މަޝްވަރާތައް ކުރިޔަށްދާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ކެމްޕެއިންކުރަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސްވެރިންނަށް ދަތުރުނުކުރެވުނު ނަމަވެސް ރަށްރަށުގައި ކުރަމުން އަންނަ ކެމްޕޭންތައް މެދުނުކެނޑި ފޯރިއާ އެކު ކުރިއަށް ގެންދަން އޭނާ އެދިވަޑައިގަތެވެ. އަދި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ދަތުރުކޮށްގެން ކެމްޕެއިން ކުރުމަށް އެދިވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް