ރާއްޖެ އަމާޒު ހިފާފައިވަނީ ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުން ކަމަށް ރާއްޖޭގެ ތިމާވެއްޓާއި ބެހޭ ވަޒީރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ތިން ވަނަ ބައިނަލްއަޤްވާމީ ރިނިއުވަބަލް އެނަރޖީ އިންވެސްޓާރސް މީޓް އެންޑް އެކްސްޕޯގައި ތަގުރީރު ކުރައްވަމުން ނެވެ.
މި މަހުގެ 26 އިން 28 އަށް ކުރިއަށް ގެންދިޔަ މި ވަރޗުއަލް އެކްސްޕޯގައި މިނިސްޓަރ ވާހަކަފުޅުދެއްކެވީ ރާއްޖެއަށް ޚާއްސަކޮށްފައިވާ ސެޝަން ފައްޓަވައިދެއްވުމުގެ ގޮތުން ނެވެ.
މި ސެޝަން ގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ހުސެއިން ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ތައްޔާރުކުރަންޖެހޭ ޤަވާއިދުތަކާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭންތައް ތައްޔާރުކުރެވިފައިވާ ކަމަށެވެ.
އެގޮތުން މި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ޖެހޭ މުޙިންމު ޓާގެޓްތަކެއް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އޭގެތެރޭގައި ނެޓް މީޓަރިންގ ގެ ޤަވާއިދަށް ގެނެވުނު އިސްލާހާއި ހަކަތަ އަދި ޔޫޓިލިޓި ރެގިއުލޭޓްރީ އޮތޯރިޓީގެ ބިލް މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ގުޅޭ މަގުޗާޓު އެކުލަވައިލުމުގެ މަސައްކަތް ނިމުމާކައިރިވެފައިވާ ކަމަށެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢުތަކަށް އަލިއަޅުވައިލައްވާ ޑރ. ހުސެއިން ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު، ހުޅުލެ – ހުޅުމާލެ ގުޅޭ ލިންކް ރޯޑުގައި 5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރުމަށް ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓަށް މީގެކުރިން ލިބިފައިވާ ޓެރިފް ރޭޓާއި އަޅާބަލާއިރު ހެޔޮ އަގެއް ލިބިފައިވާ ކަމަށެވެ.
ސޯލަރ ޕީވީން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ގަންނަ އަގު 25 ޔޫއެސް ސެންޓުން 10.09 ސެންޓަށް ވަނީ 5 މެގަވޮޓް ސޯލަރ ޕްރޮޖެކްޓާ އާއެކު ތިރިވެފަ އެވެ. އަދި މިހާރު އިއުލާނުކޮށް ޕްރީ ކޮލިފިކޭޝަން މަރުހަލާގައި އޮތް 21 މެގަވޮޓްގެ ސޯލަރ ޕީވީގެ މަޝްރޫޢަށް މިހާރު ލިބިފައިވާ ޓެރިފް ރޭޓަށްވުރެ އަގުހެޔޮ ރޭޓެއް ލިބުމަކީ އުއްމީދެއް ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ މިނިސްޓަރ އޮފް ނިއު އެންޑް ރިނިއުވަބަލް އެނަރޖީ އާރް. ކޭ ސިންގް ވިދާޅުވީ ދިވެހިރާއްޖެއިން އިއާދަކުރަނިވި ހަކަތަ ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތުގައި އިންޑިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ރިނިއުވަބަލް އެނަރޖީ އިންވެސްޓަރސް މީޓް އެންޑް އެކްސްޕޯގައި ދިވެހިރާއްޖޭގެ ވާރޗުއަލް ސްޓޯލެއްވެސް ވަނީ ޤާއިމްކޮށްފަ އެވެ. މި ސްޓޯލުން ރާއްޖެއިން މިހާރު އިއާއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢުތަކުގެ މައުލޫމާތުތައް ލިބެންހުންނާނެ އެވެ.
މި ސެޝަންގައި ޑރ. ހުސެއިން ރަޝީދު ހަސަންގެ އިތުރުން އިންޑީއާގެ މިނިސްޓަރ އޮފް ނިއު އެންޑް ރިނިއުވަބަލް އެނަރޖީ ރާޖް ކުމާރު ސިންގް، ވަރލްޑް ބެންކްގެ ރީޖަނަލް ޑިރެކްޓަރ ގްއާންޒޭ ޗެން، ވަރލްޑް ބޭންކްގެ ދިވެހިރާއްޖެ، ސްރީލަންކާ އަދި ނޭޕާލްގެ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދީދް ޒެރްވޯސްގެ، ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާ އަދި ވަލްޑްބޭންކާއި އިންޓަރނޭޝަނަލް ސޯލާރ އެލަޔަންސް އަދި އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް