ރުގްޔާގެ ނަމުގައި އަނިޔާގެ ޝިކާރައަކަށްވާ އާއިލާތަށް ގިނަ!

ރުގްޔާގެ ނަމުގައި އަނިޔާގެ ޝިކާރަކައަށްވާ އާއިލާތަށް ގިނަ ކަމަށް ރުގްޔާކުރާ މީހުންގެ ޖަމިއްޔާ، "ދި އިސްލާމިކް އެކްސޮސިޒަމް" އިން ބުނެފި އެވެ. އެ ޖަމިއްޔާ އަކީ ޝަރުއީ ރުގްޔާއަކީ ކޮބައިކަން ބުނެދީ، ޖަރީ...

29 Nov 2020 | 08:36

ރުގްޔާގެ ނަމުގައި އަނިޔާގެ ޝިކާރަކައަށްވާ އާއިލާތަށް ގިނަ ކަމަށް ރުގްޔާކުރާ މީހުންގެ ޖަމިއްޔާ، "ދި އިސްލާމިކް އެކްސޮސިޒަމް" އިން ބުނެފި އެވެ.

އެ ޖަމިއްޔާ އަކީ ޝަރުއީ ރުގްޔާއަކީ ކޮބައިކަން ބުނެދީ، ޖަރީމާތައް ހިންގާ މީހުންނާ މެދު ސަމާލުކުރުވުމަށް ރާއްޖޭގައި އުފައްދާފައިވާ ދީނީ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާއިން މިހެން ބުނެފައިވަނީ އުތުރުގެ ރަށެއްގައި ރުގްޔާގެ ނަމުގައި ނަފްސާނީ އަދި ޖިންސީ އަނިޔާ މަންމައަކާއި ތިން އަންހެން ދަރިންނަށް ދިން މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

"ދި އިސްލާމިކް އެކްސޮސިޒަމް" އިން ނެރެފައިވާ ބަޔާނެއްގައި ބުނީ ތަޅައި އަނިޔާކޮށް، ޖިންސީގޯނާކޮށް، ބަނޑުހައި ހޫނުކަންމަތީގައި ބައިތިއްބައިގެން ހަތަރު މައިންނާއި މެދު ހިންގި އަމަލުތަކަކީ ރުގްޔާއެއް ނޫން ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ މީޑިއާގައި ހާމަކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއި އިރު އެއީ ޝަރުއީ ރުގްޔާގެ އުސޫލްތަކާ މުޅިން ހިލާފަށް ހިންގާފައިވާ އަމަލުތަކެއް ކަމަށް ބުންޏެވެ.

ޖަމިއްޔާ އިން ބުނިގޮތުގައި ރުގްޔާގެ ނަމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ކަހަލަ ޖަރީމާތައް އެކަން ކުރާ މީހުންގެ އަމިއްލަ ފައިދާއަށް ދަނީ ހިންގަމުންނެވެ. އަދި އެފަދަ މައްސަލަތަށް އެ ޖަމިއްޔާގެ ސަމާލުކަމަށް އެ ރަށްރަށުން ގެންނަ ކަމަށް ބުނެ އެވެ.

ޝަރުއީ ރުގްޔާއަކީ އިސްލާމްދީނާއި ގުރުއާނާއި ސުންނަތުން ސާބިތުވާން އޮތް ކަމެއް ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރޫހާނީ އަދި ޖިސްމާނީ ކޮންމެ ބައްޔަކަށް ވެސް ގުރުއާނާއި ސުންނަތުގެ އަލީގައި ޝިފާ ހޯދުމުގެ ނިޔަތުގައި ރުގްޔާ ކުރެވިދާނެ ކަމަށެވެ.

ޖިސްމާނީ ބަލިތަކަށް ޑޮކްޓަރެއްގެ ލަފާގެ މަތިން ފަރުވާ ހޯދުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި އެހެން ނޫން ނަމަ އެއީ ބަލިމީހާގެ ހާލަތު ގޯސްވެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެ އެވެ.

"ދި އިސްލާމިކް އެކްސޮސިޒަމް" ގެ އުފެއްދުމުގެ މަގުސަދުތަކުގެ ތެރޭގައި، އަމިއްލަ އަށް ރުގްޔާ ކުރާނެ ގޮތްތައް ބުނެދިނުމާއި ރައްކާތެރިވާނެ އިރުޝާދުތައް ފޯރުކޮށްދިނުން ހިމެނޭ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް