އަހަރުގެ ތިންވަނަ ކުއާޓާ ބީއެމްއެލްއިން ނިންމާލީ ގަދަކޮށް

ބޭންކް އޮފް މޯލްޑިވްސްއިން މި އަހަރުގެ ތިންވަނަ ކުއާޓަރގައި ހަރުދަނާ މާލީ ނަތީޖާއެއް ހޯދައި، މިއަދު ތިންވަނަ ކުއާޓަރުގެ ނަތީޖާ ހާމކޮށްފިއެވެ. ވޭތުވެދިޔަ ކުއާޓަރގައި ބޭންކުގެ ހިގުމުގެ ފައިދާގެ ގޮތުގައި...

29 Oct 2025 | 08:23
ބޭންކް އޮފް މޯލްޑިވްސް -

ބޭންކް އޮފް މޯލްޑިވްސް -

ބޭންކް އޮފް މޯލްޑިވްސްއިން މި އަހަރުގެ ތިންވަނަ ކުއާޓަރގައި

ހަރުދަނާ މާލީ ނަތީޖާއެއް ހޯދައި، މިއަދު ތިންވަނަ ކުއާޓަރުގެ ނަތީޖާ ހާމކޮށްފިއެވެ.

ވޭތުވެދިޔަ ކުއާޓަރގައި ބޭންކުގެ ހިގުމުގެ ފައިދާގެ ގޮތުގައި 791 މިލިއަން ރުފިޔާ ހޯދާފައިވާއިރު،

މިއީ ދެވަނަ ކުއާޓަރއާ ދާދި އެއްވަރުގެ ނަތީޖާއެކެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތާ

އަޅައިބަލާއިރު 10% ކުރިއެރުމެކެވެ. ވޭތުވެދިޔަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި

475 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ބޭންކުގެ ހިންގުމުގެ ހަރުދަނާކަމާއި ކުރިއެރުން

ދައްކުވައިދޭ ކަމެކެވެ.

ބޭންކުން ދޫކޮށްފައިވާ ޖުމްލަ ލޯނު އިތުރުވަމުންދާއިރު،

މި އަހަރުގެ މިހާތަނަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 6.5 ބިލިއަން ރުފިޔާ

ދޫކޮށްފައިވެއެވެ. ތިންވަނަ ކުއާޓަރގެ ނިޔަލަށް ބޭންކުގެ ޖުމްލަ އެސެޓް 51.1 ބިލިއަން

ރުފިޔާއަށް އަރާފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 33.7 ބިލިއަން ފުރިޔާއަށް އަރައެވެ.

ބޭންކުގެ ކެޕިޓަލް އަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި

ދެމެހެއްޓިފައިވެއެވެ.

ނަތީޖާއާ ގުޅޭ ގޮތުން ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ

ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "އަޅުގަނޑުމެން ފަޚުރުވެރިވަނީ ހަމައެކަނި

މި ހަރުދަނާ ނަތީޖާއަކަށް ނޫން. މީގެ އިތުރުން އެކި މުޖުތަމައުތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި

އިގްތިސާދީ ކުރިއެރުންތަކަށް އެހީތެރިކަން ފޯރުކޮށްދީ، ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމަށް

ބޭންކުން ކުރަމުންދާ މަސައްކަތާމެދު ވެސް އަޅުގަނޑުމެން ފަޚުރުވެރިވޭ."

ވޭތުވެދިޔަ ކުއާޓަރގައި ބޭންކުން މުޅި ރާއްޖެއަށް ޚިދުމަތްތައް

ފުޅާކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށްވެސް މާލީ ޚިދުމަތްތަކަށް ވާސިލުވެވޭނެ

ވަސީލަތްތައް ގާއިމުކޮށްފައި ވެއެވެ. 'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' މަޝްރޫއުގެ

ދަށުން، މި އަހަރުގެ ފެބްރުވަރީ މަހުން ފެށިގެން އެންމެ 9 މަސްދުވަހުގެ ތެރޭގައި

105 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އޮކްޓޫބަރު މަހުގައި މި މަޝްރޫއު ކާމިޔާބު

ކަމާއެކު ވަނީ ނިންމާލައިފައެވެ.

މީގެ އިތުރުން، ވޭތުވެ ދިޔަ ކުއާޓަރގައި ބޭންކުން ވަނީ

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގަނެފައެވެ. މި ސްޓްރެޓިޖިކް

ނިންމުމާއެކު، އެސްޑީއެފްސީއަކީ ޝަރީއާ ކޮމްޕްލައިންޓް ޚިދުމަތެއް ފޯރުކޮށްދޭ، އެންމެ

ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްވެސް

ޚިދުމަތް ފޯރުކޮށްދޭ ޑިޖިޓަލް ފަސްޓް ސަބްސިޑައިރީއަކަށް ބަދަލުކުރެވިގެންދާނެއެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ޚިދުމަތް ގާއިމުކުރުމާއެކު،

ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ގޮތުގައި ބޭންކުގެ ނަން އިތުރަށް ހަރުދަނާ ވެގެންދެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ބްރާންޗް، އޭޓީއެމް އަދި ސެލްފް ސަރވިސް

ބޭންކިންގ ސެންޓަރުތަކާއި ޑިޖިޓަލް ފަސްޓް ޕޮލިސީއާއެކު ބޭންކުން އަބަދުވެސް މަސައްކަތް

ކުރަނީ އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކާއި އެކި މުޖުތަމައުތަކަށް އެންމެ ފުރިހަމަ

ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް