އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގެން ޗައިނާ-ރާއްޖެ ގުޅުމަށް ބުރޫ އަރުވަން މަސައްކަތް ކުރެއްވި ކަމަށް ޗައިނާ އިން ބުނެފި އެވެ.
ޗައިނާ އިން މިހެން ބުނެފައި މިވަނީ ޕޮމްޕޭއޯ އިއްޔެ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ކޮމިއުނިސްޓް ސަރުކާރުން މި ސަރަހައްދުގައި ގާނޫނުތަކާ ޚިލާފު ކަންކަން ކުރަމުންދާ ކަމަށް ބުނެ، ޗައިނާ އަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައިވާތީ ނެރުނު ބަޔާނެއްގަ އެވެ.
ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ޕޮމްޕޭއޯގެ މި ދަތުރުފުޅުގައި ވަރުބަލިކަމެއް ނެތި ޗައިނާއާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް ފެތުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމަށް ވެސް ބުރޫ އަރުވަން މަސައްކަތް ކުރެއްވި ކަމަށެވެ.
" އެމެރިކާގެ އަމިއްލަ އެދުމާއި އެހެން ގައުމުތަކަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތަކީ ހަމަޖެހޭ ބައިނަލްއަގުވާމީ ގުޅުންތަކަށް އޮތް ނުރައްކަލެއް. މިނިވަން ސުލްހަވެރި ހާރިޖީ ސިޔާސަތެއް ގެންގުޅުމަކީ ކޮންމެ ގައުމަކަށް ވެސް ލިބިގެންވާ ހައްގެއް. އެކަމަކު ޕޮމްޕޭއޯ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވަކި ކޮޅެއް ނެގުމަށް ކުދި ގައުމުތަކަށް ބާރު އެޅުއްވި." ޗައިނާ އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެހެން ގައުމުތަކުގެ އިސްތިގުލާލަށް އެމެރިކާ އިން އިހުތިރާމް ކުރާނެ ކަމަށް ޕޮމްޕޭއޯ ވިދާޅުވުމުން އެކަން ޖޯކަކާ ވައްތަރު ކަމަށް ވެސް ޗައިނާގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޗައިނާ އިން ގައުމުތަކުގެ ތަރައްގީ އަށް ވަމުންދާ އެހީތަކަކީ ނުރައްކަލެއްގެ ގޮތުގައި ނުދެކުމަށް ވެސް މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.
https://twitter.com/AmbassadorZhang/status/1321761789902684160
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް