އުނގޫފާރުން ޕޮސިޓިވްވި ސާމްޕަލް އަލުން ޓެސްޓު ކުރުމުން ނެގެޓިވް

ރ. އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހާގެ ސާމްޕަލް އަލުން ޓެސްޓު ކުރުމުން ނެގެޓިވް ވެއްޖެ އެވެ. އެމީހާއަކީ އުނގޫފާރުގައި ބަލި ފެތުރޭތޯ ބަލަން މި ހަފްތާ ތެރޭ...

29 Oct 2020 | 14:04

ރ. އުނގޫފާރުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހާގެ ސާމްޕަލް އަލުން ޓެސްޓު ކުރުމުން ނެގެޓިވް ވެއްޖެ އެވެ.

އެމީހާއަކީ އުނގޫފާރުގައި ބަލި ފެތުރޭތޯ ބަލަން މި ހަފްތާ ތެރޭގައި ނެގި 60 ރެންޑަމް ސާމްޕަލްގެ ތެރޭގައި ހިމެނޭ މީހެކެވެ. އެމީހާ ޕޮސިޓިވްވުމާއި އެކު ރަށް މޮނިޓަރިންއަށް ލައި އުނގޫފާރަށް އަރައި ފޭބުން އޮތީ މަނާކޮށްފައި އެވެ.

އެޗްއީއޯސީން ބުނީ އެ ސާމްޕަލް މާލެ ގެނެސް ދެ ވަނަ ފަހަރު ޓެސްޓު ކުރުމުން ނެގެޓިވްވެފައިވާތީ އެމީހާ ކޯވިޑަށް ނެގެޓިވް ކަމަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު އެ ރަށް މޮނިޓަރިންގެ ހާލަތުން ނަގާފައި ނުވާކަމަށް ބުނެ އެވެ.

އެޗްއީއޯސީން ބުނީ އުނގޫފާރު އިތުރަށް މޮނިޓަރިންގައި ބާއްވަން ނިންމީ އެ އަތޮޅުގައި ރިސޯޓު ހަދަމުންދާ ކުޑަކުރަތުން ގިނަ ބަޔަކު އުނގޫފާރަށް އެކި ބޭނުންތަކުގައި ދަތުރުކޮށްފައިވާތީ އެވެ. ކުޑަކުރަތުގައި މަސައްކަތް ކުރާ 52 ބިދޭސީ އަކު ވަނީ ކޯވިޑަށް ޕޮސިޓިވްވެފައި އެވެ.

އެ ސެންޓަރުން ބުނީ އުނގޫފާރުގައި ކޯވިޑް ފެތުރޭތޯ ބަލަން އިތުރު ސާމްޕަލްތަކެއް ރަށުތެރެއިން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އުނގޫފާރު މޮނިޓަރިންގެ ހާލަތުން ނަގާނީ މި ސާމްޕަލްތަކުގެ ނަތީޖާއަށް ބެލުމަށް ފަހު ކަމަށް ބުނެ އެވެ.

އިއްޔެގެ އިރުއޮއްސި 6:00 އާ ހަމަ އަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 11,591 މީހުންނެވެ. މީގެ ތެރެއިން 92 ޕަސެންޓަށް ވުރެ ގިނަ މީހުން ރަނގަޅުވެފައި ވާއިރު 37 މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް