އަޅުގަނޑުމެންގެ ދިވެހިންގެ އާދަކާދަ ހުންނަގޮތުން ކެއުމުގެ އާދައަކީ އެހާ މާ ބޮޑު އަހައްމިޔަތު ކަމެއް ދޭ ކަމަކަށް ނުވެއެވެ. އެގޮތުން ގިނަ މީހުން ގެ ކއުމުގެ ގަޑިތަށް ވަކި ތަރުތީބެއް ނެތި އޮޅިފައިވެއެވެ. އެގޮތުން އަޅުގަނޑު މިޔުމުގައި ބަލާލާނީ ރޭގަނޑުގައި ލަސްކޮށް ކާ މީހުންނަށް ސިއްޚީ ގޮތުން ދިމާވާ ނުރައްކާތަކަށެވެ.
ދުނިޔޭގެ ސިއްޚީ މާހިރުން ވިދާޅުވާ ގޮތުގައި ރޭގަނޑު ކާ ވަގުތު ލަސްކުރުމަކީ ސިއްހީ ގޮތުން ތަފާތު ނުރައްކަލާއި ކުރިމަތިލާން ޖެހޭ ކަމެކެވެ. އޭގެ ތެރޭގައި ކާތަކެތި ހަޖަމްވުމުގެ މައްސަލައާއި ކެންސަރު ފަދަ ބަލިތަށް ޖެހުމަށް މަގުފަހިވުން ހިމެނޭ ކަމެއްކަމަށް އެފަރާތްތަކުން ވިދާޅުވެއެވެ.
އިންޓަނެޝަނަލް ޖާނަލް އޮފް ކެންސާގައި ޝާއިއުކޮށްފައިވާ ދިރާސެއްގައި ބުނެފައިވާ ގޮތުގައި ރޭގަނޑުގެ ކެއުން 9:00 އަށް ވުރެ ލަސްނުކުރާށެވެ. އޭގެ މާނައަކީ އެންމެ ލަސްވެގެންވެސް ރޭ ގަނޑުގެ ކެއުން އެރޭ 9:00 ގެ ކުރިން ނިންމަން ވާނެއެވެ. އަދި މީގެ އިތުރުން ރޭ ގަނޑުގެ ކެއުން އެންމެ ލަސްވެގެން ވެސް ނިދުމުގެ ދެ ގަޑި އިރު ކުރިން ކާން އާދަ ކުރުން މުހިންމެވެ. އެއީ ބައެއް ބާވަތްތަކުގެ ކެންސަރު ޖެހުމުން ސަލާމަތްވާނެ ރަނގަޅު އާދައެއް ކަމުގައި މި ދިރާސާގައި ވެއެވެ.
އިންޓަނެޝަނަލް ޖާނަލް އޮފް ކެންސާގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުގައި އުރަމަތީގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރަކީ އާންމު ކެންސަރުގެ ދެ ބާވަތައް ވާއިރު، މިފަދަ ކެންސަރުތަކުން ދުރުވުމަށް މިފަދަ އާދަތަށް މުހިންމު ކަމަށެވެ. މި ދިރާސާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ރޭގަނޑު ޝިފްޓް ޑިއުޓީ ނެގުމަކީ ވެސް އުރަމައްޗާއި ޕްރޮސްޓޭޓް ކެންސަރަށް މީހާ ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމެކެވެ. އެގޮތުން ދުޅަހެޔޮކަން މަތީގައި ދެމި ތިބުމަށް މިފަދަ ކަންކަމުން ދުރުހެލިވެ ތިބުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ވެސް މި ދިރާސާއި ބުނެއެވެ.
މި ދިރާސާ އިން އެންމެ ބޮޑަށް ފާހަގަ ކޮށްފައިވާ އެއް ކަމަކީ ކެންސަރާއި މީހާގެ ކެއުމުގެ ވައްޓަފާޅިއާ ވެސް ބޮޑު ގުޅުމެއްވާކަމެވެ. އެހެންކަމުން ރޭގަނޑުގެ ކެއުން އަވަސްކޮށްފައި، ރޭގަނޑުގެ ނިދި ހަމަކުރުން މުހިންމެވެ.
އިންޓަނެޝަނަލް ޖާނަލް އޮފް ކެންސާގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ބުނާ ގޮތުގައި އެމީހުން ދިރާސާ ކުރުމަށް، ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާ 621 މީހަކާއި އުރަމަތީ ކެންސަރު ޖެހިފައިވާ 1،205 މީހަކާއި ކެންސަރު ނެތް 872 ފިރިހެނުންނާއި 1،321 އަންހެނެއްގެ މައުލޫމާތު އެއްކޮށްފައިވެ އެވެ.
އެހެން ކަމުން އަޅުގަނޑުމެން ދުޅަހެޔޮ ސިއްޚަތެއްގައި ދެމި ތިބުމަށް ސިއްޚީ މާހިރުން ދޭ ލަފަޔާއި އިރުޝާދާއި އެއްގޮތަށް އަމަލުތައް ބެހެެއްޓުމަކީ މުހިންމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް