ތޫނު ހަތިޔާރާއި އެކު ދޯންޏަށް އެރި މީހުންގެ ތެރެއިން އިތުރު ބަޔަކު ހައްޔަރުކޮށްފި

ލ. ގަން ކައިރީ އެންދަމަން އޮތް "ފަސްކުރި" ކަންނެލި ދޯންޏަށް ތޫނު ހަތިޔާރާއި އެކު އެރި މީހުންގެ ތެރެއިން އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެރޭ އެވެ.30 ވަ...

29 Oct 2020 | 13:26

ލ. ގަން ކައިރީ އެންދަމަން އޮތް "ފަސްކުރި" ކަންނެލި ދޯންޏަށް ތޫނު ހަތިޔާރާއި އެކު އެރި މީހުންގެ ތެރެއިން އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެރޭ އެވެ.30 ވަރަކަށް މީހުންގެ ގްރޫޕަކުން ހަތިޔާރާއި އެކު އަރައި އެއްވެސް ހަމަލާއެއް ދިނުމެއް ނެތި ދޯނީގެ ކެޕްޓަނަށް އަންގާފައިވަނީ ލ. ގަމު ފަޅަށް ދޯނި ވެއްދުމަށެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގަ އިތުރު ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުންޏެވެ.

އިތުރަށް ފުލުހުން ބުނީ މި މައްސަލައިގަ މީހަތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން ނުވަ މީހަކު ދޫކޮށްލާފައިވާ ކަމަށެވެ.

އެ ގްރޫޕު އެދޯންޏަށް އެރީ ވެރި ފަރާތުން އަންގައިގެން ކަމަށްވެ އެވެ. ވެރިފަރާތުން އެ ދޯންޏަށް ތޫނު ހަތިޔާރާއި އެކު ބަޔަކު ފޮނުވީ ދޯނީގެ ވެރިފަރާތް ކަމަށްވާ އިދުރީސް ހުސައިންއަށް ޖާބިރުގެ ކުންފުނިން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކަމަށްވެ އެވެ.

އިދުރީސް މީޑިއާގައި ބުނެފައިވަނީ މީގެ ދެ އަހަރު ކުރިން ޖާބިރުގެ ކުންފުންޏަށް އެ ދޯނި ވިއްކީ ހަތް މިލިއަން ރުފިޔާއަށް ކަމަށެވެ. އެކަމަކު އެ ކުންފުނިން މިހާތަނަށް އިރުދީސްއަށް ދައްކާފައިވަނީ ހަތް ލައްކަ ރުފިޔާ ކަމަށް އޭނާ ބުންޏެވެ.

މި މައްސަލައިގަ ރިޗް ކްލަބް މޯލްޑިވްސް އާއި ދެކޮޅަށް އިދުރީސް ގަމު މެޖިސްޓްރޭޓް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައިއެވެ. އަދި އިއްޔެ ކޯޓުން ވަނީ އެ މައްސަލައިގަ ވަކިގޮތެއް ނިމެންދެން ދޯނި އިދުރީސް އާއި ހަވާލު ކުރުމަށް ވަގުތީ އަމުރެއް ނެރެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް