ލަދުވެތިކަމަކީ މީހާގެ ޢީމާންތެރިކަމާއި ވަރަށް ގުޅި ލާމެހިފައިވާ އެއްޗެކެވެ. ލަދުވެތިކަމުގެ ސިފަ ހުރެއްޖެ މީހާ ފާފަ އާއި ޢައިބުތަކާއި ކުށްތަކަށް ޖެހިލުންވެ އެއާ ދުރުހެލިވެއެވެ.
ކީރިތ ރަސޫލާ ޙަދީސް ކުރެއްވި އެވެ: (اَلإِيْمَانُ بِضْعٌ وَسِتُّونَ شُعْبَةً، وَالْحَيَاءُ شُعْبَةٌ مِنَ اْلإِيْمَانِ) "އީމާންކަން ފަސްދޮޅަސް އެތައް ބަޔަކަށް ބެހިގެންވެ އެވެ. އަދި ލަދުވެތިކަމަކީ އޭގެ ތެރެއިން ބައެކެވެ.
އާދެ! އެހެންކަމުން ލަދުވެތިކަމާއި އީމާންކަމަކީ އެކެތި އަނެކެއްޗާ ގުޅި ލާމެހިފައިވާ ދެ ސިފަ އެވެ.
ކީރިތ ރަސޫލާ ޙަދީސް ކުރެއްވި އެވެ: (اَلْحَيَاءُ وَاْلإِيْمَانُ قُرَنَاءُ جَمِيعًا، فَإِذَا رُفِعَ أَحَدُهُمَا رُفِعَ الآخَرُ). "އީމާންކަމާއި ލަދުވެތިކަމަކީ ގުޅި ލާމެހިފައިވާ ދެ ކަމެވެ. އެ ދެ ކަންތައް އެއް ކަންތައް އަނެއް ކަންތަކާ ވަތްކެއް ނުވާނެ އެވެ. ފަހެ އެއިން ކަމެއް އުފުއްލަވައިފިނަމަ އަނެއް ކަންތައް ވެސް އުފުލިގެން ހިނގައިދާނެ އެވެ"
ވީމާ ލަދުވެތިކަން ނެތް މީހާގެ އީމާންކަމެއް ނުހުންނާނެ އެވެ. ނަމަވެސް ލަދުވެތިކަން މުސްލިމަކަށް ޙައްޤުބަސް ބުނުމަކަށް ހުރަހެއް ނާޅަ އެވެ. ނުވަތަ ޢިލްމު އުނގެނުމަށާއި ހެޔޮކަންކަމަށް އަމުރުކުރުމަށާއި ނުބައިކަންކަން ނަހީ ކުރުމަކަށް ހުރަހެއް ނާޅަ އެވެ. މިއީ ލަދުގަންނަންޖެހޭ މަޤާމުތަކެއް ނޫނެވެ. ނަމަވެސް މުސްލިމު އަޅާ މި ކަންކަން ކުރަންވާނީ ދީނުގައި އަންގަވާފައިވާ އިމުގެ ތެރޭގަ އެވެ. ދީނުގައި އަންގަވާފައިވާ ކަމެއް ނޭނގުމުން އެ ކަމެއް އޮޅުންފިލުވަން ސުވާލުކުރުމަކީ އެންމެ މޮޅު ގޮތެވެ.
ކީރިތި ރަސޫލާގެ ޞަޙާބީން ޢަމަލުކުރެއްވީ މިގޮތަށެވެ. ކީރިތި ރަސޫލާގެ ޞަޙާބީން އެ ކަލޭގެފާނުގެ އަރިހުން އެކި ކަންކަމާ ސުވާލު ކުރައްވައި އުޅުއްވި އެވެ. އަދި އެ ކަލޭގެފާނު ވަރަށް ޞަރީޙަކޮށް އެ ސުވާލުތަކުގެ ޖަވާބު ދެއްވި އެވެ. ﷲ ތަޢާލާ ވެސް ލަދުވެތިވެވޮޑިގަންނަވަ އެވެ. ލަދުވެތިކަމަކީ ﷲގެ ސިފަފުޅެކެވެ.
ކީރިތި ރަސޫލާ ޙަދީސް ކުރެއްވިއެވެ: (إن الله حَيِيٌ سِتِّيرٌ، يُحِبُّ الْحَيَاءَ وَالسِّتْرَ) ހަމަ ކަށަވަރުން ﷲ ތަޢާލާ އަކީ ވަރަށް ލަދުވެތިވެވޮޑިގެންވާ ލަދުވެތިވާ ކަންތައް ފޮރުއްވަވާ ކަލާނގެ އެވެ. އަދި އެ ކަލާނގެއީ ލަދުވެތިކަމާއި އެ ފަދަ ކަންކަން ފޮރުއްވެވުމަށް ލޯބިކުރައްވާ ކަލާނގެ އެވެ. ހަމަ އެފަދައިން ﷲގެ ރަސޫލާ އަކީ ލަދުވެތިވެވަޑައިގަންނަވާ ބޭކަލެކެވެ.
ކީރިތި ރަސޫލާ އަކީ މީސްތަކުން ކުރެ ލަދުވެތިކަން ބޮޑު ބޭކަލެކެވެ. އެ ކަލޭގެފާނު ރުހިވަޑައިނުގަންނަވާ ކަމެއް ހިނގައިފިނަމަ ޞަޙާބީންނަށް އެ ކަލާގެފާނުގެ މޫނުފުޅުގެ ކުލަވަރުން އެ ކަން އެނގިވަޑައިގަނެ އެވެ. މީހެއްގެ ކިބައިން އެ ކަލޭގެފާނު ނުރުއްސަވާ ކަމެއް ހިނގިޔަސް ސީދާ އެ މީހަކަށް ނިސްބަތްކުރައްވައި ވާހަކަ އެއް ނުދައްކަވަ އެވެ. އަދި ޙަދީސް ކުރައްވާނީ މިވެނި އެވެނި ގޮތަކަށް ޢަމަލުކުރާ ބައެއްގެ ޙާލަކީ ކޮބައި ހެއްޔެވެ؟ މި ފަދަ ބަސްފުޅެކެވެ. އެ މީހަކު ނުވަތަ ބަޔަކު ފަޟީޙަތެއް ނުކުރައްވަތެވެ.
މުސްލިމުން ﷲދެކެ ލަދުވެތިވާން ޖެހެ އެވެ. ދީނުގައި ކަނޑައެޅިގެން ހުއްދަ ނުކުރާ ލަދުވެތި ޢަމަލުތައް ކުރާ ހިނދު ﷲ ދެކެދެނެވޮޑިގެންވާކަން ދަނެ، އެ ފަދަ ޢަމަލުތަކާ ދުރުހެލިވުން ހުއްޓެވެ. ފަހެ އަޅަމެން އެންމެންނަކީ އިސްލާމް ދީނުގައި ލަދުވެތިވުން ޙައްޤުވެގެންވާ އެންމެ ފުރިހަމަ ގޮތުގައި ލަދުވެތިވާ ބަޔަކު ކަމުގައި ލައްވައިފާނދޭވެ. އާމީން
މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ޝައިޚް ޙުސެއިން ފަހުމީ ދީދީ ލަތުވެތި ކަމާއި ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުމަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް