ފެނަކަށް ކޯޕަރޭޝަން ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަންނަން ޝަރޫއަށް 17 މިލިއަން ރުފިޔާ ދިނުމުން ޑޮލަރު ދޫކުރަން ޝަރޫއިން ފެނަކައަށް ދިން ޗެކުތަށް ބައުންސްވުމުން، އެ 17 މިލިއަން ރުފިޔާ އަނބުރާ ޝަރޫ އަތުން ހޯދަން ފެނކައިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން، އެ ފައިސާ ހަތަރު މަސް ތެރޭގައި އަނބުރާ ފެނަކައަށް ދެއްކުމަށް ސިވިލް ކޯޓުން ކުރި އަމުރު ރަނގަޅު ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
އެ މައްސަލަ ޝަރޫއިން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ޝަރޫއަށް 17 މިލިއަން ރުފިޔާ ފެނަކައިން ދިން ކަމަށާއި، އަދި ޝަރޫއިން ފެނަކައަށް ދޫކުރިި ޑޮލަރު ޗެކުތަށް ބައުންސްވުމާ ގުޅިގެން އެ ފައިސާ ލިބިފައިނުވާ ކަމަށެވެ. އެކަމާ މެދު ދެ ފަރާތުގެ ދެމެދުގައި އެއްވެސް ސުވާލެއް ނެތް ކަމަށެވެ. އެ ފައިސާ އަކީ ޝަރޫއިން ފެނަކައަށް އަނބުރާ ދައްކަން ޖެހޭ ފައިސާކަމަށް ހައި ކޯޓުގެ ހުކުމްގައި ވެ އެވެ.
ހައި ކޯޓުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުވެފައިވަނީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ފެނަކައަށް ދިން ޑޮލަރު ޗެކުތަށް ބައުންސްވުމުން އެ މައްސަލަ ފުލުހުން ވަނީ ތަހުގީގުކޮށްފަ އެވެ. އަދި އެ ތަހުގީގު ތެރެއިން މޮރިޝަސް ކޮމާޝަލް ބޭންކު (އެމްސީބީ)ގެ މުވައްޒަފާކާއި އިތުރު ބަޔަކު ހައްޔަރުކުރި އެވެ.
އަދި ބޭރު ފައިސާ ވިއްކުމުގެ ހުއްދަ ނެތް ޝަރޫ ކުންފުންޏަށް ޑޮލަރު ގަތުމަށް ހަވާލުކުރުމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އޭރު ހުންނެވި މުހައްމަދު ނިމާލް ހިމެނޭ ގޮތަށް އިތުރު ބައެއް މުވައްޒިފުންނަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފަ އެވެ. ނަމަވެސް ޕީޖީ އެ މައްސަލައިގައި ނިންމާފައިވަނީ ދައުވާ ނުކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް