ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވަށް 279 މިލިއަން ޑޮލަރު އިތުރު ވެއްޖެ އެވެ. 279 މިލިއަން ޑޮލަރު އިތުރުވެފައި ވަނީ އިންޑިއާއިން ގަތް ބޮންޑުގެ ފައިސާ ޖަމާވުމުންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމު ކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން، އޮގަސްޓު 20 ވަނަ ދުވަހައާ ހަމައަށް ބޭނުންކުރެވޭ ރިޒާވުގައި ހުރި ޑޮލަރުގެ އަދަދަކީ 122 މިލިއަން އެވެ. ނަމަވެސް އެ ރިޒާވަށް މިހާރު 37 ޕަސަންޓުގެ އިތުރުވުމެއް އައުމުން ރިޒާވުގެ ހުރި ޑޮލަރުގެ އަދަދު ވަނީ 279 މިލިއަނަށް އިތުރުވެފަ އެވެ.
ތަފާސްހިސާބުގައި އެމްއެމްއޭއިން ބުނެފައިވަނީ ރާއްޖޭގެ ޖުމްލަ ރިޒާވުމުގައި ހުރީ 696.9 މިލިއަން ޑޮލަރު ކަމަށެވެ. އަދި މިއީ އޮގަސްޓް މަހުގެ 20 ގެ ނިޔަލަށް ޖުމްލަ ރިޒާވްގައި ހުރި 569.6 މިލިއަން ޑޮލަރާ އަޅާ ބަލާއިރު 31 ޕަސެންޓުގެ އިތުރުވުމެކެވެ.
ރާއްޖޭގެ ބޯޑަރު ކޮވިޑް-19 އާއި ގުޅިގެން ބަންދު ކުރުމުގެ ސަބަބުން ބޭނުން ކުރެވޭ ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެއީ ފަސް އަހަރުގެ ތެރޭގައި އެ ރިޒާވް އެންމެ ދަށައް ދިޔަ ފަހަރެވެ. މިދިޔަ ފަސް އަހަރު ތެރޭގައި ރިޒާވް އެންމެ ބޮޑަށް ދަށްވެފައި ވަނީ 2016 ގެ ނޮވެމްބަރު 16 ވަނަ ދުވަހު އެވެ. އެ ފަހަރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް 45 ޕަސެންޓުގެ ދަށްވުމަކާއެކު 110.57 މިލިއަން ޑޮލަރަށް ވެއްޓިގެން ދިޔަ އެވެ.
ރިޒާވުގައި ހުންނަ ޑޮލަރަކީ ރާއްޖެއަށް މުދާ އިމްޕޯޓު ކުރުން ބޭނުންވާ ޑޮލަރު ދޫކުރާ ރިޒާވެވެ. މި ރިޒާވުގައި ދެ މަހުގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ޑޮލަރު އަަބަދުވެސް ބަހައްޓަ އެވެ.
ރާއްޖޭގެ ރިޒާވް ހާއްސަ ކޮށްފައި އޮންނަނީ ރާއްޖެ އަށް ބޭނުންވާ މުދާ އިމްޕޯޓް ކުރަން ބޭނުން ވާނެ ޑޮލަރު ފޯރު ކޮށްދޭށެވެ. އާއްމު ގޮތެއްގައި ރާއްޖޭގެ ރިޒާވްގައި ދެ މަހުގެ އިމްޕޯޓަށްވާ ފައިސާ ރައްކާ ކޮށްފައި ހުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް