ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަންގެ ހަބަކަށް ރާއްޖެ ހަދަން ޖެހޭ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.
ރޭ ޓީވީ ޗެނެލައްގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، ބައިނަލްއަގުވާމީ ޓެލެކޮމިއުނިކޭޝަންގެ ހަބެއްގެ ގޮތުގައި ރާއްޖެ ތަރައްގީ ކުރެވޭނެ ކަމަށާއި، އަދި އެކަމާއި ގުޅުންހުރި ގާނޫނީ އޮނިގަނޑު އެކުލަވަލާން ވަރަށް ފަސޭހަވާނެ ކަމަށެވެ. ގާނޫނީ އޮނިގަނޑު އެކުލަވާލުން ފަސޭހަވަނީ ރާއްޖޭގެ ގުދުރަތީ ވެށި އޮންނަ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް އިތުރު ކޭބަލްތަށް ގެނެސް ޓެލެކޮމިއުނިކޭޝަންގެ އުމްރާނީ ބިނާތަށް ގާއިމުކުރުމުގެ ވިސްނުން ސަރުކާރު ގެންގުޅޭކަމަށް މަލީހު ވިދާޅުވި އެވެ. އަދި އެ ވިސްނުމުގެ ތެރެއިން މާލެއާއި ހުޅުމާލެ ދެމެދުގައި ކޭބަލް އަޅަން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ ކޭބަލް އަޅަނީ ސިނަމާލެ ބްރިޖު މެދުވެރިކޮށެވެ.
މި ބަލިމަޑުކަމުގެ ތެރެއިން ސަރުކާރަށް ދަސްވި ފިލާވަޅަކީ ގައުމުގެ އާމުދަނީ އެންމެ ދާއިރާއެއްގެ މައްޗަށް ބިނާ ނުކުރުންކަން އޭނާ ފާހަގަކުރި އެވެ. އަދި ވިދާޅުވީ ޓޫރިޒަމްގެ ސިނާއަތަށް އެކަނި ބަރޯސާ ވެގެން ދިވެހި އިގްތިސާދު އަރާސްތު ކުރެވެން ނެތް ކަމަށާއި ބައިނަލްއަގްވާމީ ޓެލެކޮމިއުނިކޭޝަންގެ ހަބަކަށް ރާއްޖެ ހަދަން ޖެހޭނީ އެހެންވެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް