ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ގާއިމުކުރަން ބޭރުގެ ކުންފުންޏަކަށް

ރާއްޖޭގައި ޒަމާނީ އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމަށް ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭއާ ހަވާލުކޮށްފި އެވެ. އެ ކުންފުންޏާއި އެމްއެމްއޭ އާއި ދެމެދު އެއްބަސްވ...

29 Oct 2020 | 05:37

ރާއްޖޭގައި ޒަމާނީ އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމަށް ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ ޓިއޭޓޯ ލެޓްވިއާ އެސްއައިއޭއާ ހަވާލުކޮށްފި އެވެ.

އެ ކުންފުންޏާއި އެމްއެމްއޭ އާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ އެވެ.

އެމްއެމްއޭއިން ބުނީ މިއީ ގައުމީ ފެންވަރުގައި ހިންގޭ ބޮޑު މަޝްރޫއެއް ކަމަށާއި މި ސިސްޓަމްގެ ސަބަބުން ރާއްޖޭގެ މާލީ މުޢާމަލާތްތަކުގެ ނިޒާމު ހަރުދަނާވެ، އިތުރު ފުރުސަތުތަކެއް ދާއިރާއިން ހުޅުވިގެންދާނެއެވެ. މި އެއްބަސްވުމަކީ ދުނިޔޭގައި ފައިނޭންޝަލް ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތަކާއި އެއްހަމައެއްގައި ދިވެހިރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް، އޭގެ ސަބަބުން ދިވެހިންނަށް އިތުރު ލުއިފަސޭހަ ތަކެއް ލިބުމުގެ މަގު ފަހިކޮށްެދޭނެ އެެއްބަސްވުމެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

ރާއްޖެެއަކީ ގުދުރަތީގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމެއްކަމުގައި ވީނަމަވެސް، މި ސިސްޓަމް ގާއިމްކުރެވިގެންދިޔުމާއިއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް ފަސޭހަކާމާއިއެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެއެވެ. އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައްދޭ ފަރާތްތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

އެ ކުންފުނިން ބުނީ ރާޢްޖޭގައި ގާއިމް ކުރާ ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ޕޭމަންޓް ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި އެއްހަމައެއްގައި ބަދަލުކޮށް، އިތުރަށް ފުޅާކުރުމުގެ ގާބިލުކަން ލިބޭނެ އެވެ.

މި ސިސްޓަމް ގާއިމް ކުރަން ހަވާލު ކުރި ޓިއޭޓޯއެވްރީ އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިފަދަ ސިސްޓަމްތަކުގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ. އެގޮތުން ސްވިޑަންގައި 'ސްވިޝް'ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަން އަދި ފިންލެންޑްގައި ފުރަތަމަ ގާއިމުކުރެވުނު ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމްވެސް ފޯރުކޮށްދީފައިވަނީ ޓިއޭޓޯއެވްރީއިންނެވެ.

މީގެ އިތުރުން، ޓިއޭޓޯއެވްރީއިން ވަނީ ކެންޔާގައިވެސް ޕެސާލިންކްގެ ނަމުގައި ރިއަލްޓައިމް މަނީ ޓްރާންސްފަރ ސޮލިއުޝަނެއް ޤާއިމުކޮށްދީފައެވެ.

އެމްއެމްއޭއިން ލަފާކުރާ ގޮތުގައި މި ޕޭމަންޓް ސިސްޓަމް ރާއްޖޭގައި ބޭނުން ކުރަން ފެށޭނީ އަންނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް