ގައުމުގެ ހާލަތު ރަނގަޅު ކުރެވޭނީ އިސްލާމީ ދައުލަތް ފެށިގެން އައިއިރު، މުސްލިމުން ދެއްކި ފަދަ، ހިތްވަރުގަދަކަމާއި މަސައްކަތްތެރިކަމުގެ ނަމޫނާއެއް ދިވެހިންގެ ފަރާތުން ފެނިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާޏު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ކީރިތި ރަސޫލާގެ އީދު މީލާދުގެ މުނާސަބަތުގައި ދެއްވި ތަހުނިޔާގެ މެސެޖުގައި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިތުރު އެކަލޭގެފާނުގެ މަތިވެރި ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، މީސްތަކުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުމާއި، ޢަދުލު އިންސާފަށް ލޯބިކުރުމާއި، އަނެކުންގެ ޙައްގުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ މާތް ސިފަތައް ހަރުލެއްވުންކަމަށެވެ. މީގެ އިތުރުން އެކަކު އަނެކަކަށް އެހީތެރިވެ އުޅުމާއި، ދަތި އުނދަގޫ ޙާލަތްތަކުގައި ވެސް ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމުގެ ރިވެތި ސިފަތަކާއި ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، މަޢާފްކުރުމާއި ހިތްހެޔޮކަމާއެކު މުޢާމަލާތުކުރުންފަދަ އެކަލޭގެފާނު ދެއްކެވި އަޚްލާޤީ ނަމޫނާތަކުން އިބުރަތް ޙާޞިލްކުރަންޖެހޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވީ ކީރިތި ރަސޫލާގެ އީދު މީލާދުގައި ހަނދާނަށް ގެނެސްދެނީ، އިތުރު އެކަލޭގެފާނު މެދުވެރިކުރައްވައި، اللهُ سُبْحَانَهُ وَتَعَالَى މުޅި އިންސާނިއްޔަތަށް ދެއްވެވި އެންމެ މަތިވެރި ނިޢުމަތްކަމަށްވާ، އިސްލާމް ދީނުގެ ހިދާޔަތުން އިންސާނިއްޔަތަށް ދިރުން ލިބިގެން ދިޔަ ގޮތްކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތާރީު ލިޔަން ފެށުނީ، ދިވެހިން އެއްކައުވަންތަކަމުގެ އަޤީދާ ގަބޫލުކޮށް، ދިވެހިންނަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުމާ ހަމައިންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އިސްލާމީ ގައުމުތަކުގެ ވެރިންނާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމު އަހުންނާއި އުހުތުންނަށް މި އުފާވެރި މުނާސަބަތުގެ ތަހުނިޔާއާ މުބާރަކްބާދީ އަރިސްކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް