ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ރޭ ރަޝިއާގެ ކްރަސްނަޑާރް އާއި ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކޮށްފިއެވެ.
ރޭގެ މެޗު އެޓީމުން ކާމިޔާބު ކުރީ މައްޗަށް 0-4 ގެ ނަތީޖާއިންނެވެ.
ރޭގެ މި މެޗުގައި ރަނގަޅަށް ކުޅެ ފައިވަނީ ޗެލްސީންނެވެ. އެގޮތުން އެޓީމަށް ވަނީ މެޗުގެ 14 ވަނަ މިނެޓުގައި ޕެނަލްޓީއެއް ވެސް ލިބި ބޭކާރުވެފައެވެ. ޖޯޖީނިއޯ ފޮނުވާލި މި ޕެނަލްޓީ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
މެޗުގައި ޗެލްސީން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހަޑްސަން އޮޑޯއިއެވެ. މިއީ ކައި ހަވާޓްސްގެ އެހީތެރިކަމާއިއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ޗެލްސީގެ ދެވަނަ ލަނޑަކީ ދެވަނަ ހާފުގެ 75 ވަނަ މިނެޓުގައި ޗެލްސީގެ ޕުލިސިޗް އޭރިއާތެރެއިން ފޮނުވާލި ހަމަލާ ކްރަސްނަޑާރްގެ އެލެކްސަންޑްރާ މާޓިނޮވިޗްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ޓިމޯ ވާނާއެވެ.
ޗެލްސީގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަކީމް ޒިޔެޗްއެވެ. މިއީ އޭނާ ޗެލްސީއާ ގުޅުނު ފަހުން އެޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މެޗުގައި ޗެލްސީން ޖެހި ފަހު ލަނޑު މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗެވެ.
މި ގުރޫޕުގައި ރޭ ކުޅުނު ދެވަނަ މެޗު ފްރާންސްގެ ރެނެސްއާއި ދެކޮޅަށް ކުޅެ ސެވިއްޔާ މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މި ނަތީޖާތަކާއި އެކު ޗެލްސީއަށް ދެމެޗުން 4 ޕޮއިންޓް ލިބިފައިވާއިރު، އެޓީމަށް ގުރޫޕް އީގެ ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާ ސެވިއްޔާ އޮތީ ގްރޫޕްގެ ދެވަނާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް