ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބު ކޮށްފިއެވެ.
ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ބާސާ މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މި މެޗުގައި ދެޓީމުންވެސް ރަނގަޅު ކުޅުމެއް ދެއްކި އިރު، ދެޓީމުން ވެސް ވަނީ ހަމަލާތަކެއް ވެސް އުފައްދާފައެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އޭރިއާ ބޭރުން ބާސާގެ ފޯވާޑް އުސްމާން ޑެމްބެލޭ ފޮނުވާލި ބާރުހަމަލާއެއް ޔުވެންޓަސްގެ ޑިފެންޑަރެއްގެ ފައިގައި ޖެހި މިސްރާބު ބަދަލުވެ ބޯޅަ ގޮސްވަނީ ގޯލުގެ މަތީ ކަނަށެވެ.
ބާސާއިން ކާމިޔާބުކުރި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކޮށްދިން ލަނޑެވެ. މިއީ މި ސީޒަނުގައި މެސީ އެޓީމަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ.
މި މޮޅާއި އެކު ބާސާ އޮތީ ކުޅުނު ދެމެޗުންވެސް މޮޅުވެ 6 ޕޮއިންޓާއި އެކު ގްރޫޕް ޖީގެ އެއްވަނާގައެވެ.
ގްރޫޕް ޖީގައި ރޭ ޔޫކްރެއިންގެ ޑިނެމޯ ކިޔޭވް އާއި ހަންގޭރީގެ ފެރެންކަވަރޯސް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް