''ސާބަސް ކަލެއަށް........ ޒާރާ ޒާރާ....... މިއޮތީވާކަމެއް........އަދި ބުނެފިއެއްނު ނާޒިމާގެ ޒައިދޭ.....ބަލަ ކަލޭގެ ވެސް ދަރިއެކޭ އެއީ....... ކަލޭ ހިތުން ޒާރާ އެކަނިދޯ ކަލޭގެ ދަރިއަކަށް ހުރީ....... '' ހާމިދާ ނާޒިމާ ލޯއަޅާލަމުން ބާލީސް ރަނގަޅުކޮށްލަމުން އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ.
އެއީ އެފަދަ ކޮންމެ މައްސަލައެއް ނާޒިމާ ނިންމާގޮތެވެ. ހާމިދަށް އޭނާގެ މޫނުމަތީގައި އަމިއްލަ އަތުން ފިރުމާލުން ނޫން ކަމެއް ނުކުރެވުނެވެ. ލޮލުން ކަރުނަ ނީރާލިއެވެ. ކަރުނައިގެ ތެރެއިން ބަލާލެވުނީ އެނދުގައި ހާމިދަށް ފުރަގަސްދީގެން އޮތް ނާޒިމާ އާ ދިމާލަށެވެ. ލޮލުގެ ހިމަކޮޅުން ކަރުނަ ތިކިތައް ފައިބަމުން ބޯއަޅައިގެން އޮތް ބާލީސް ތެންމަމުން ދިޔައެވެ. އެކަން ދެނެހުރި އެއްވެސް އިންސާނެއް ނެތެވެ. މާ ގިނައިރެއް ނުވެއެވެ. ނާޒިމާގެ ނޭވާގެ އަޑު ގަދަވެގެންދިޔައެވެ. ނާޒިމާ ނިދީކަން ކަށަވަރުވުމުން ހާމިދަށް ހަމަޖެމުގެ ނޭވާއެއް ލެވުނެވެ. އެރޭގެ އަނިޔާ އެހިސާބުން ނިމުނީކަން ޔަގީންވާތީއެވެ. ދެލޯ ފޮހެލުމަށްފަހު ﷲ އަށް ވަކީލުކޮށް ލޯމަރާލިއެވެ. ފަތިސް ނަމާދަށް ހޭލުމުގެ އުންމީދާއެކުގައެވެ.
****************
އުފަލާ ހިތްހަމަޖެހުމާއެކު ފޮނަދޫގައި ދިރިއުޅެމުންދިޔަ އިމްރާނުގެ ކުޑަކުޑަ އާއިލާއަށް އިތުރު ހިތްހަމަޖެމެއް ގެނެސްދިނީ ޒާރާ ބަލިވެއިންކަމުގެ އުފާވެރި ހަބަރުންނެވެ. އެ އުފާވެރި ހަބަރު ލިބުމަށްފަހު ގޭތެރޭގެ މާހައުލު ފެންނަމުންދިޔައީ އިހުނަށްވުރެވެސް އުފާވެރިކޮށެވެ.
އިމްރާން ބޭނުންވީ ޒާރާ ވަޒީފާ ދޫކޮށްލުމަށްފަހު ގޭގައި އިނދެ އަރާމުކުރާށެވެ. ޒާރާވެސް މާބޮޑު ދެކޮޅު ހެދުމެއްނެތި އެކަމަށް އެއްބަސްވީ މައިދައިތަގެ ވެސް އެދުމުގެ މަތިންނެވެ. މައިދައިތައެއްގެ ގޮތުގައި ޒާރާއަށް ލިބިފައިވަނީ އުފަން މަންމައެއްފަދަ މީހެކެވެ. މައިދައިތަގެ ފަރާތުން ޒާރާއަށް ލޯތްބާ އޯގާތެރިކަން އިންތިހާއަށް ލިބެއެވެ. އިމްރާން ފިޔަވައި ސަރީފާގެ އެހެންދަރިޔަކު ނެތުމަކީ މިކަމުގެ ސަބަބަކަށް ވެދާނެއެވެ.
ޒާރާ ވަޒީފާ ދޫކޮށްލުމަށްފަހު ގޭގައި ހުންނަންފެށިފަހުން އިމްރާން ވެސް ގިނަވަގުތު ހޭދަކުރަމުން ދިޔައީ ވިޔަފާރިއާ ތަންކޮޅެއް ދުރުގައި، އަމިއްލަ ގޭގައި ޒާރާގެ ގާތުގައެވެ. އަންތްބަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާ އަކީ ފިރިމީހާ އަނބިމީހާއަށް ޓަކައި ހުސްކުރާ ވަގުތުކަން އިމްރާނަށް އެނގެއެވެ. އަދި ފިރިމީހާގެ އަޅާލުމާ އޯގާތެރިކަން އެންމެ ބޮޑަށް ބޭނުންވާނީ މާބަނޑު ދުވަސްވަރުކަންވެސް އިމްރާނަށް އެނގެއެވެ. ޒާރާއާއެކު ވަގުތު ހޭދަކުރުމާ، އެކުގައި ބޭރަށް ދިއުމަކީ އިމްރާން ކުރާހިތުން ކުރާ ކަންކަމެވެ. އިމްރާން ޒާރާ ދެކެ ވަނީ ހަޤީގީ ލޯބިކަމަށް ވާތީއެވެ.
ސަރީފާގެ ކަމަކީ ޒާރާއަށް މީރުހާ ކާއެއްޗިހި ހަދައިގެން ކާންދިނުމެވެ. ޒާރާ ކުޑަވެސް މަސައްކަތެއް ކޮށްލާކަށް ސަރީފާ ހިތްހަމައެއް ނުޖެހެއެވެ. އިމްރާން ގޭގައި ނެތިއްޔާ ޒާރާ އާ އެކުގައި ސަރީފާ ވަގުތު ހޭދަކުރެއެވެ. ޒާރާ އެކަނިވިޔަ ނުދެއެވެ. މާބަނޑު ދުވަސްވަރު ރަނގަޅު ކާނާ ބޭނުން ކުރަންވާނެކަން ތަކުރާރުކޮށް ޒާރާއަށް އޭނާ ހަނދާން ކޮށްދެއެވެ. ވިހެއުމަށްފަހުގައި ދަރިފުޅު ގެންގުޅޭނެ ރަނގަޅު ގޮތްތައް ބުނެދެއެވެ. އިމްރާނަށް ބަނޑުބޮޑުއިރު ސަރީފާ އަށް ކުރިމަތިވި ބައެއް ކަންކަން ވެސް ޒާރާ އާ ހިއްސާކުރެއެވެ. އެ ދުވަސްވަރުގެ މަޖާ ވާހަކަތައް ކިޔާދެއެވެ. ސަރީފާއަށް އެދުވަސްވަރު ކެވޭ އެއްޗިއްސާ ނުބައިވި ބައެއް އެއްޗިހީގެ ވާހަކަ ހީހީފައި ޒާރާއަށް ކިޔައިދެއެވެ. އަދި އިމްރާންގެ ބައްޕަގެ ރަނގަޅު ވާހަކައާއި އިމްރާން ވިހޭ ދުވަހުގެ ބައެއް ހަނދާންތައްވެސް ޒާރާއަށް ސަރީފާ ކިޔައިދިނެވެ.
އަލިބެ އަކީ އިމްރާންގެ އުފަން ބައްޕަ ނޫންނަމަވެސް އުފަން ބައްޕައެއްހާ އަލިބެ ހެވެވެ. ޒާރާ ކައިފިތޯ ބަލައެވެ. އަބަދުވެސް ގެއަށް ބޭނުންވާ އެއްޗިހި ގެއަށް ގެންނަނީ އަލިބެއެވެ. ޒާރާ ބަލިވެ އިނީއްސުރެ އަލިބެ އިސްކަންދިނީ ޒާރާ އަށް ރަނގަޅު ވާނެ އެއްޗިހި ގެއަށް ގެންނާށެވެ. ތަރުކާރީ އާއި މޭވާއެވެ. ފާޑުފާޑުގެ ނަޓްސް އާއި ފޮނި ކާއެއް އެއްޗިއްސެވެ. ހާއްސަކޮށް މީރު ކުރުނބާ ފާހަގަކޮށްގެން ކޮންމެދުވަހަކުވެސް ގެއަށް ކުރުނބާ ގެނެސް ޒާރާއަށް ކުރުބާފެން ބޯންދެއެވެ. އެ ހުރިހާ ކަމަކުން ޒާރާގެ ހިތް އުފަލުން ފުރޭހާ ވެއެވެ. އެފަދަ އާއިލާއެއްގެ ލޯތްބާ އޯގާތެރިކަން ޒާރާފަދަ ނިކަމެތި ކުއްޖަކަށް މިންވަރު ކުރެއްވީތީ ޒާރާ ﷲ އަށް ޝުކުރުވެރި ވެއެވެ. ކޮންމެ ނަމާދަކަށް ފަހުގައި އުފާވެރިކަން ދެމެހެއްޓެވުން އެދި ދުޢާ ކުރުމުގައި ވަގުތު ހޭދަކުރުމަކީ ޒާރާގެ އުފަލެކެވެ.
ހަވީރެއްގެ ހިތްގައިމު ވަގުތެވެ. ސަރީފާ އުޅެނީ ބަދިގެތެރޭގައެވެ. ހަސީނާ ލައްވާ ޒާރާއަށް މީރުވާނެހެން ކެބެޖް ބަޖިޔާއާއި ތަރުކާރީ ބިސްގަނޑު ހަދުވަނީއެވެ. ހަސީނާ ލައްވާ ކުރުވިޔަސް ސަރީފާގެ ބެލުމެ ދަށުން ނޫނީ ޒާރާއަށް ހާއްސަ ކާއެއްޗިހި ހެއްދުމަކީ ސަރީފާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ކެބެޖް ކޮޅާއި ކެރެޓްކޮޅު ދޮވެލުމަށްފަހު ކޮށަންވީގޮތް ހަސީނާއަށް ބުނެދިނެވެ.
ސަރީފާ އެނބުރިލީ ގޭގެ ދޮރު ހުޅުވުނު އަޑު އިވިގެންނެވެ. ތޮޅި މިރުސްކޮޅަކާ ތާޒާ ތޮމާޓޯ ކޮޅެއް ގަނެލަން އަލިބެ ގާތުގައި ބުނެފައޮތުމާއެކު އަލިބެއައީ ކަމަށް ހީކޮށެވެ.
''ކީއް ތިކުރަނީ ބަދިގޭގަ...... މިއޮއްފަދަ ހަވީރުވެސް......'' ވަދެގެން އައި ނާޒިމާގެ ލޮލުގައި އަޅައިގަތީ ކޮށަން ތައްޔާރުކޮށްފައިހުރި ތަރުކާރީކޮޅެވެ. ނިތްއަރުވާލަމުން ތަރުކާރީކޮޅާ ދިމާއަށް ނާޒިމާ ބަލާލިއެވެ.
''އެމަންޖެ އަށް ތަރުކާރީ އަޅާފަ ބިސްގަނޑަކާ ބަޖިޔާކޮޅެއް ހަދާދޭން ކަމަށް މިއުޅެނީ.......އާދޭ އާދޭ...... ސައިބޮއިގެން ދާންވާނީ.... ޖައްސާލާ........'' ހިތްހެޔޮކަމާއެކު ސަރީފާ ހިނިތުންވެލީ ގާތުގައި ހުރި ގޮނޑިއަށް އިޝާރާތް ކުރަމުންނެވެ. ނާޒިމާގެ ހިތުގައި ޒާރާއަށް ޓަކައި ޖަހަމުންދަނީ ހަސަދައާއި ނަފުރަތުގެ ވިންދެއްކަމެއް ސަރީފާއަށް އެނގޭނީ ކިހިނެތް ހެއްޔެވެ. އެފަދަ އެއްޗެއް ސަރީފާއަށް ވިސްނޭނީ އެފަދަ ކަމެއް ނާޒިމާގެ ފަރާތުން ފެނިފައިވާނަމަ ނޫންހެއްޔެވެ. އޭނާގެ ކުރިމަތީގައި ނާޒިމާއަކީ ނުހަނު ރަނގަޅު، ހިތްހެޔޮ، ދަރިންދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ.
''ކޮބާ އަހަރެންގެ ދަރިފުޅު...... އެމަންޖެ ދެކިލަން މިއައީ...... މިހާރު ގެއިން ނިކުމެވެނީ ވެސް ނިކަން މަދުން ވިއްޔަ.... ހާމިދު ބަލިވެއުޅޭތީ މިގެއާ ހަމައަށްވެސް ނާދެވޭ ..........'' ނާޒިމާ ގޮނޑީގައި އިށީންނާކަށް ގަސްދެއް ނުކުރިއެވެ.
''އެބައިން ކޮޓަރީގަ...... ކޮންމެވެސް އެއްޗެއް ފަހަން އިނީ........ މަސައްކަތް ނުކުރަން ކިތަންމެ ވަރަކަށް ބުންޏަސް އެމަންޖެއަށް ނިކަން އުނދަގޫ ކަމެއް ނުކޮށްހުންނަން....... ހާދަ ހީވާގި ކުއްޖެކޭ އެއީ..... މިޒަމާނުގަ އެކަލަ ކުއްޖަކު މަދުވާނެ........ އެހެންދޯ ވާނީ......... ނާޒިމާ އެބަހުރިވިއްޔާ އެމަންޖެއަށް މަސައްކަތް ދަސްކޮށްދީފަ....... '' ސަރީފާ ކިތަންމެ ރީތިކޮށް ބުނި ނަމަވެސް އެބުނެލި ޖުމްލައިން ނާޒިމާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަދެއް އިހްސާސް ކުރެވުނެވެ. ޒާރާއަށް ސަރީފާ ކުރި ތައުރީފުގެ ސަބަބުންނެވެ. ހަޤީގަތުގައި ޒާރާ ލައްވާ ކުޑައިރުއްސުރެ ނާޒިމާ މަސައްކަތް ކުރުވީ ޒާރާ ނިކަމެތި ކުރުމުގެ ބޭނުމުގައެވެ. ދެރަކުރުމުގެ ނިޔަތުގައެވެ. ހިތުގައި ޖެއްސުމުގެ މަގްސަދުގައެވެ. އެހެންނަމަވެސް އެކަމުންވެސް ޒާރާއަށް މިއަދު ލިބެމުންއެދަނީ މީހުންގެ ތައުރީފާ ލޯތްބެވެ.
''އިމްރާނުވެސް މިވަގުތުވީ ފިހާރައިގަ....... ދޭބަލަ.......ޒާރާ އެބައިން ކޮޓަރީގަ.....ދަމުން މި ޖޫސްތަށި އެމަންޖެއަށް ގެންގޮސްދީބަލަ....... '' ސަރީފާގެ އަޑު އިވުމުން ވިސްނުމުގެ ތެރެއަށް ގެނބެމުންދިޔަ ނާޒިމާއަށް ހޭވެރިކަން ވިއެވެ. އޭރު ސަރީފާ ހުރީ ކުޑަތަބަކެއްގައި ޖޫސްތައްޓެއް ބަހައްޓާލައިގެންނެވެ. އެއްކޮނޑުގައި އަޅުވާލާފައި އޮތް އަތްދަބަސް ރަނގަޅުކޮށްލަމުން ސަރީފާ ދިއްކޮށްލި ތަބަކުގައި އަވަސް އަވަހަށް ނާޒިމާ ހިފިއެވެ.
ޖޫސްތަށި ބަހައްޓާފައިވާ ތަބަށް ހިފައިގެން ޒާރާގެ ކޮޓަރިއާ ދިމާއަށް ނާޒިމާ ހިނގައިގަތުމުން ސަރީފާ އޭނާ ކުރަމުންދިޔަ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އިމްރާން ގޭގައި ނޫޅޭ ވަގުތަކަށްވުން އެއީ ނާޒިމާ ބޭނުންވިގޮތެވެ. ފުރުސަތުގެ ބޭނުން ހިފަން ނާޒިމާ ބޭނުންވިއެވެ. ޒާރާގެ ކޮޓަރި ދޮރުގެ އަތްގަނޑުގައި މަޑުމަޑުން ހިފާލިއެވެ. ދޮރު ހުރީ ތަޅުލާފައެއް ނޫނެވެ. ނާޒިމާ މަޑުމަޑުން ދޮރު ހުޅުވާލުމަށްފަހު ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ޒާރާ އިނީ ސޯފާގައެވެ. ދޮރަށް ފުރަގަސްދީގެންއިން ޒާރާ އަށް ނާޒިމާ ބަލާލީ ފަރުވާތެރިކަމާއެކުގައެވެ. އޭނާ އިނީ ލެޕްޓޮޕުން ކޮންމެވެސް އެއްޗެއް ބަލާށެވެ. ހެޑްސެޓް އަޅައިގެންނެވެ. އެހެންކަމުން ދޮރު ހުޅުވިއަޑު ޒާރާއަށް ނީވުނީކަމަށް ވެދާނެއެވެ.
އެތެރެއަށް ވަނުމަށްފަހު ދޮރުފަތް މަޑުމަޑުން ލައްޕާލިއެވެ. ޒާރާއަށް ސިހުމެއް ނުވާވަރަށް ބަލައިގެންނެވެ. ކޮޓަރިތެރެ އެއްވަސްވެފައިވަނީ 'ބަލްގޭރިއަން ރޯސް' ގެ މަޑުމަޑު މީރުވަހުންނެވެ. އެ ވަހުގެ ސަބަބުން ނާޒިމާގެ ސިނކުޑިއާ ހިސްސުތައްވެސް ތާޒާވެގެން ދިޔަހެން ހީވިއެވެ. މީގެ ކުރިން އެ ކޮޓަރިއަށް ނާޒިމާ ވަނެވެ. އޭރާ މިހާރާވެސް ހާދަ ތަފާތެއް އެބަހުއްޓޭ ނާޒިމާގެ ހިތަށް އެރިއެވެ. މުޅި ކޮޓަރީގެ އެތުރުންގަނޑާ ފަރުނީޗަރުވެސް ވަނީ ބަދަލުކޮށްލާފައެވެ. ހުވަފެނީ ޖައްވެއްފަދައިން ކޮޓަރީގެ ދިއްލުންތަކާ ފާރުގެ ކުލަތައް ގުޅުވާލާފައިވެއެވެ. އެހެންކަމުން ކޮޓަރި ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ކޮޓަރީގެ ފަރުނީޗަރު ޒާރާއަށް ހާއްސަކޮށްފައިވާ ކަހަލައެވެ. މާބަނޑު މީހުންނަށް ޚާއްސަ ގޮނޑިއާ ތަފާތުވައްތަރުގެ ކަސްރަތުކުރާ ދެތިން މެޝިންވެސް އެއްފަރާތެއްގައި ހުއްޓެވެ. ތަޅުމުގައި އަޅާފައިވާ ދޫލަތައްވެސް ވަނީ ބަދަލުކޮށްލާފައެވެ.
ދަހިވެތިކަން އުތުރި އަރަމުންދިޔަ ނާޒިމާގެ ހިތުގައި ޒާރާއަށްޓަކައި ކުރިއްސުރެ އުފެދިފައިވާ ހަސަދަވެރިކަމާ ނަފުރަތު އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ. ކުއްލިއަކަށް ނާޒިމާ ހުއްޓުނެވެ. ކޮންމެވެސް އެއްޗެއް ވިސްނިގެން ހުއްޓޭފަދަ ގޮތަކަށެވެ. ނާޒިމާގެ ނަޒަރު ހުއްޓިފައިހުރީ އަތުގައިހުރި ތަބަށް ތެރޭގައިހުރި ޒާރާއަށްޓަކައި ހާއްސަކުރެވިފައިވާ
ޖޫސްތައްޓަށެވެ. ހަމަ އެހިނދު މަކަރުވެރި ހިނިތުންވުމެއް ނާޒިމާގެ ތުންފަތްމައްޗަށް ވެރިވެގެންދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް