ލޮބުވެތި އަޚާއެވެ! އުފަންވުމަށްފަހު ތިބާއަށް އެންމެ ޔަޤީންކަން ބޮޑުއެއްޗަކީ ތިބާގެ މަރެވެ.

ދުނިޔޭގައި ހިގާ ކަންތައްތަކުގެ ތެރެއިން އެކަކަށްވެސް އެކަމަކާއިމެދު އިންކާރުނުކުރެވޭނެ ކަމަކީ މަރުކަން ކަށަވަރެވެ. ކޮންމެ މީހަކީވެސް މަރުވެ، މިދުނިޔެ ދޫކޮށްދާނެ މީހެއްކަމީ ހަޤީޤަތެކެވެ. ދުނިޔޭގައި ހިގ...

29 Sep 2020 | 14:28

ދުނިޔޭގައި ހިގާ ކަންތައްތަކުގެ ތެރެއިން އެކަކަށްވެސް އެކަމަކާއިމެދު އިންކާރުނުކުރެވޭނެ ކަމަކީ މަރުކަން ކަށަވަރެވެ. ކޮންމެ މީހަކީވެސް މަރުވެ، މިދުނިޔެ ދޫކޮށްދާނެ މީހެއްކަމީ ހަޤީޤަތެކެވެ. ދުނިޔޭގައި ހިގަމުންދާ އެއްވެސް ކަމަކީ ބޭކާރު ތާކުންތާކު ނުޖެހޭ ގޮތަކަށް ހިގާކަމެއް ނޫނެވެ. އެގޮތުން މަރަކީވެސް އޭގެފަހަތުގައި ސިއްރުރަކަކާއި ، ހިކުމަތްތަކެއް ފޮރުވިފައިވާކަމެކެވެ. މަރުވުމުގެ ހިކުމަތަށް ބާލާއިރު ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީކުރައްވަނީ: الذي خلق الموت والحياة ليبلوكم أيكم أحسن عملاً

މާނައަކީ: "އެކަލާނގެ އެއީ ތިޔަބައި މީހުންގެތެރެއިން ރަނގަޅު އަމަލުތައްކުރާ ބަޔަކީ ކޮބައިކަން އިމްތިހާން ކުރެއްވުމަށްޓަކައި، މަރާއި ދިރިހުރުން އުފެއްދެވި ކަލާނގެއެވެ."

މަރަކީ އޭގެ ރަހަ ކޮންމެ މީހަކުވެސް ބަލާނެ އެއްޗެކެވެ. މޮޅެތި މީހުންނާއި ދެރަމީހުން، މުއްސަދިންނާއި ފަޤީރުން، ކުޑަކުދިންނާއި ބޮޑެތިމީހުންވެސް މަރުވާތަން އަޅުގަނޑުމެން އެންމެންނަށްވެސް ފެނެއެވެ.

ލޮބުވެތި އަޚާއެވެ! ޤަބޫލުކުރަން ކިތަންމެ އުނދަގޫވިއަސް އުފަންވުމަށްފަހު އެހެން ހުރިހާކަމަކަށްވުރެ ތިބާއަށް ޔަޤީންކަން އެންމެ ބޮޑުކަމަކީ މަރުވުމެވެ. އަހަރަމެންގެ ޢުމުރުންފުރޭ ކޮންމެ އަހަރަކީ މަރު އަހަރަމެންނާއި ކާރިވަމުން އަންނަކަމުގެ ޢަލާމާތެކެވެ. އިހުނައްވުރެ ގާތްވި ގާތްވުމެކެވެ. ފާއިތުވީ އަހަރު އަލުން ނުލިބޭނޭކަމާއި، އަހަރަމެންގެ މައްޗަށް ކަނޑައެޅި ބަޔާންވެފައިވާ އަޖަލު ކުރުވެއްޖެކަން ދެނަހުރީ އަހަރަމެންގެ ތެރެއިން ކިތައް މީހުންބާވައެވެ. ފަހެ، އަހަރަމެން ބަލަބަލާތިއްބާ އަހަރަމެންނާ ނުހަނުގާތުގައި، ހިނދުކޮޅެއްކުރީން އުޅުނު، އަހަރަމެންގެ ގާތް ރަޙްމަތްތެރިއަކު، ގާތްތިމާގެމީހަކު، އެއްބަނޑުއެއްބަފާ މީހަކު ނުވަތަ އަހަރުމެން މިދުނިޔެއަށް އުފަންވުމަށް މެދުވެރިވި އަހަރުމެން އެބަޔެއްދެކެ ނުހަނުލޯބިވާ މަންމަޔަކު ނުވަތަ ބައްޕަޔަކު މިދުނިޔެއާއި އަލްވަދާޢު ކިޔުމަށްފަހު އަހަރުމެންނާއި ވަކިވެގެން އާޚިރަތުގެ ގޮވައްޗާއި ދިމާއަށް ދަތުރު އެފެށީއެވެ. ކައްވަޅުގެ އަދިރި ކަމުގެ ތެރެއަށެވެ. އަހަރުމެންގެ އަތުން އެވަޅަށް ކަޅުހިރަފުސް ވެލިއެޅުމަށްފަހު އަތްފޮޅާލާފައި ސަހަަރާއިން ނިކުމެ، އަަހަރުމެން މިތިބަގެން ދަނީއެވެ. ޤިޔާމަތާއި ޖެހެންދެން އޮންނާން ކައްވަޅު އެއީހާދަހާ ކުޑަކުޑަ ޖަގަހައެކެވެ. ބިރުވެތިވާށެވެ.!

ދަންނާށެވެ.! ފަހަކަށް އައިސް ބައްޔެއް ހުރިކަން ނޭނގި ނުވަތަ ދުރާލާ ސިއްހީ އިންޒާރެއް ނުލިބި މީހުން މަރުވާ ހާދިސާތައް ފަހަކަށް އައިސް މިވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ގޭގައި މަސައްކަތުގައި މަޝްޢޫލުވެ ހުއްޓާ، ފުޓްބޯޅަ ކުޅެން ގޮސް ހުއްޓާ ނުވަތަ ކޮފީގައި އަނގަތަޅަން މަޖަލުގައި އިންދާ ކުއްލިއަކަށް މަރުވެގެން ވެއްޓިދާނެ އެވެ. ހެނދުނު ނިދާ ނުހޭލައިގެން ބަލާ އިރު މަރުވެފައި އޮވެދާނެ އެވެ. ދީނީ ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ކުއްލި މަރު ގިނަ ވުމަކީ ޤިޔާމަތުގެ އަލާމާތެކެވެ.

ދަންނައެވެ.! މީސްމީޑިއާ ހުޅުވާ ބަލައިލާ ހަމަ ކޮންމެ ފަހަރަކު ހެން ކޮންމެ ވެސް މީހެއްގެ ކަށުނަމާދަށް ގޮވާ ޕޯސްޓު ޖަހާފައި ހުންނަތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ. އެކި އުމުުރުގެ އެކި މީހުންނެވެ. ޒުވާނުންނާއި މުސްކުޅިންނެވެ. ދެބައި އުމުރުގެ މީހުންނާއި ކުޑަކުދިންނެވެ.

އޭޒުވާނާއެވެ! ޒުވާން ކަމުގެ ޖޯޝުގައި މަޖަލުގައި ހުރިހާ ވަގުތެއް ހޭދަކުރަމުން ގެންދާއިރު، މަރު ތިބާ އަތުލާނެކަން ހަނދާން ނައްތާލީ ކިހިނަކުން ހެއްޔެވެ!

ލޯމަތިން ފެންނަމުންދާ މަންޒަރުތަކުން ޢިބުރަތް ޙާޞިލުކުރާށެވެ. ތިބާގެ ރަށުން ހިނގަމުންދާ ކުއްލި މަރުތަކާމެދު ވިސްނާށެވެ. މަރަކީ އެފަދަ އެއްޗެކެވެ. ނޭންގި ހުއްޓައި އަތުވެދާނެއެވެ. މަރަށް ފިލޭނޭ ހަމަ އެކަކުވެސް ނުވެއެވެ. އެ މަރަށް ފިލޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ.

އޭ ޒުވާނާއެވެ! ބަލި އެނދުގައި އަމިއްލަ ޙާލައިގެން ނޫޅެވޭވަރުގެ މީހުން އެބަތިއްބެވެ. އެހެނަސް އެމީހުންނަށް ވުރެއް ކުރިން ހަމަ ކުއްލިއަކަށް ވަކިވެ އެދިޔައީ ގަދަފަދަކޮށް ހެލިފެލިވެ އުޅޭ ވަރުގަދަ މީހުންނޫންތޯއެވެ.

ލޮބުވެތި އަޚާއެވެ. މި އަހަރު ފެށުނު އިރު، ތިބާ ފަދައިން ހޭލަމޭލަވެ އުޅުނު ކިތައް ޒުވާނުން މަރުވެ ހިނގައްޖެ ހެއްޔެވެ؟ މިއަދު ޒުވާން ކަމުގެ ޖޯޝާއި ފޯރީގައިއުޅޭ މީހާގެ ނަން މާދަމާ ކަށުނަމާދު ފޭސްބުކް ޕޭޖުގެ ޕޯސްޓަކުންވެސް ފެނިދާނެއެވެ.

އޭ އަޚާއެވެ.! ތައުބާވެ ހެޔޮޢަމަލުކުރަން ފަށާށެވެ. އެމަގު ތިބާއަށް މާހެޔޮކަން ބޮޑެވެ.

މަރަށް ތައްޔާރުވެ ދަތުރު ހަދައިގެން ތިބެމާހެއްޔެވެ. ކުއްލިއަކަށްވެސް މަރު އަތުވެދާނެއެވެ. ދެންއޮތީ ތިބާކަމެއް ނުވަތަ އަހަރެންކަމެއް ހަމަ އެކަކަށްވެސް ނޭންގެއެވެ. އެނގޭކަމަކީ މަރުއައިސް ބައްދަލުކުރާނެ ކަމެވެ.

﴿19﴾ وَجَاءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ

“އަދި މަރުގެ ސަކަރާތް حق ގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ.“​ (ސޫރަތު ޤާފް:19)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް