ކުރީގެ މިނިސްޓަރު ޒިޔާޒުގެ މައްޗަށް އުފުލީ އަސާސެއް ނެތް ދައުވާއެއް: އިދިކޮޅު

ޒިކުރާ މިސްކިތް ހުރި ބިމުގައި10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކުރި މައްސަލައިގަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވަނީ އެއްވެސް އަސާސެ...

29 Sep 2020 | 07:04

ޒިކުރާ މިސްކިތް ހުރި ބިމުގައި10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލު ކުރި މައްސަލައިގަ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވަނީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

ޒިޔާދުގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން ފޮނުވި މައްސަލައިގަ ބުނެފައިވަނީ އެ ކުންފުންޏާއި މަސައްކަތް ހަވާލު ކުރުމުގައި ޑރ. ޒިޔާދު އަމިއްލަ މަސްލަހަތު އިސްކޮށް ވަކި ބަޔަކަށް ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ދައުލަތަށް ގެންލުން ވާގޮތަށް އެ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އިިިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ސިޔާސީ ދައުވާއެއް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުވަތަ އެމަނިކުފާނުގެ ވެރިކަމުގައި އިސް މަގާމެއް އަދާ ކޮށްފައިވާ ކޮންމެވެސް ބޭފުޅަކާ ގުޅުވައިގެން މައްސަލައެއް އުފައްދާ ދައުވާ ކުރުމަށް ފޮނުވުމަކީ މިސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ޒިޔާދުގެ މައްޗަށް ދައުވާ ކުރުމަކީ ސަރުކާރުގެ ކޮރަޕްޝަނާއި އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ މައްސަލައިގައި ރައްޔިތުންގެ މިސްރާބު އަނބުރާލުމަށް ކުރަމުން އަންނަކަމެއްކަމަށެވެ. އަދި ބުނެފައިވަނީ އިދިކޮޅު ކޯލިޝަންގެ ވެރިންނާއި ދެކޮޅަށް ދައުވާ ކުރި ނަމަވެސް އެ ކޯލިޝަނުން ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރާނޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް