ޒާރާ ތައްޔާރުވެލައިގެން ނުކުތްއިރު ސިޓިން ރޫމުގައި ނާޒިމާއިންތަން ފެނުމުން ހިތާހިތުން އޭނާއަށް ނަފުރަތު ކުރެވުނެވެ. އަވަސްއަރުވާލާފައި ކަމަށް ހަދާފައި ނާޒިމާގެ މޫނަށް ބެލުމެއްނެތި ޒާރާ ނިކުތީ ބޭރަށެވެ. ފަހަތުން ސަރީފާ ނިކުތެވެ. އޭރު އިމްރާން ޒާރާގެ އިންތިޒާރުގައި ބޭރުގައި ހުއްޓެވެ. ސަރީފާ ޒާރާގެ ގާތަށް ހުއްޓި ލޯބިން ބަލާލިއެވެ. އެ ދެލޮލުން ޒާރާއަށް ފެނުނީ ހަގީގީ ލޯބި ކަމުގައި އެވަގުތު އިހްސާސް ކުރެވުނެވެ. ސަރީފާއަށްޓަކައި ޒާރާގެ ހިތުން މަގާމެއް ދެވުނެވެ. އެއީ ކިހާރަނގަޅު މަންމަ އެއް ހެއްޔެވެ. އެފަދަ މަންމައެއް ލިބޭނީ މަދު މީހަކަށެވެ.
ދުވަސްތައް ފާއިތުވަމުންގޮސް ޒާރާ އާއި އިމްރާނުގެ ކައިވެންޏަށް ދެމަސް ދުވަސް ވެއްޖެއެވެ. އިމްރާނުގެ އޯގާތެރިކަމާ ހިތްހެޔޮކަމުގެ ސަބަބުން ޒާރާއަށް އިމްރާން އާ ދޭތެރޭގައި ވިސްނަން މަޖުބޫރުވާ އެތައް ހާލަތްތަކެއް ކުރިމަތިވެއެވެ. ހާއްސަކޮށް އިމްރާންގެ ކެތްތެރި ކަން، އެފަދަ ދެވަނަ މިސާލެއް ނެތްފަދައެވެ. ޒާރާގެ ކިބައިން އެއްވެސް ލޯތްބެއް އަޅާލުމެއް ނުލިބޭއިރުވެސް ޒާރާއާ ދޭތެރޭގައި އިމްރާން ކަންތައް ކުރަނީ ނުހަނު އޯގާތެރިކަމާއެކުގައެވެ.އެހާމެ ލޯބިންނެވެ. ޒާރާ އެނދުގައި ނިދަން ބާއްވާފައި ސޯފާގައި ނިދާތާ މަސްދުވަސް ވީއިރުވެސް އެކަމުގެ ޝަކުވާއެއް ނުކުރާތާނގައި ނުރުހުމުގެ ކުލައެއް މޫނުމަތިންވެސް ދައްކާނުލައެވެ. ޒާރާ ޑިއުޓީއަށް ގެންގޮސްދިނުމާ ގެއަށް ގެނައުމަކީ އިމްރާން ކުރާހިތުން ކުރާކަމެކެވެ. ވިޔަފާރީގެ ކަންތައްތަކުގައި އަވަދިނެތި އުޅެމުންވެސް ޒާރާގެ ކަންތައްތަކަށް އިމްރާން ވަގުތު ހުސްކުރެއެވެ. އަބަދުވެސް އިމްރާންގެ އުފަލަށްވުރެ ޒާރާގެ އުފަލަށް އިސްކަންދެއެވެ. ޒާރާ ކައިފިތޯ ބަލައެވެ. ޒާރާއަށް މީރުހެންހީވާ ކާއެއްޗިހި ހަސީނާލައްވާ ކައްކުވައެވެ. ރީތި އަގުބޮޑު ހެދުން ތަކުން ޒާރާގެ އަލަމާރި ހުރީ ފުރިފައެވެ. ރީތި އަގުބޮޑު ގަހަނާތައް ހަމައެފަދައެވެ. ޑްރެސިންޓޭބަލްގެ ވަތްގަނޑުތައް ފުރިފައިވަނީ ދުނިޔޭގެ ނަން މަޝްހޫރު ބުރޭންޑްތަކުގެ ރީތިވާ ސާމާނާއި މީރުވަސްދުވާ އެކިވައްތަރުގެ ސެންޓުންނެވެ.
އެހުރިހާ ކަމެއް ޒާރާއަށްޓަކައި އިމްރާން ކުރަނީ ޒާރާދެކެ ލޯބިވާތީއެވެ. އިމްރާން ޒާރާދެކެ ވަނީ ހަގީގީ ތެދުވެރި ލޯތްބެވެ. ކޮންމެވެސް ދުވަހަކުން ޒާރާގެ ލޯބި ވެސް އިމްރާނަށް ލިބޭނެ ކަމުގައި އަބަދުވެސް އިމްރާން ގަބޫލު ކުރެއެވެ. ލޯބި ލިބޭނީ ލޯބި ދީގެން ކަމުގައި ގަބޫލުކުރެވޭތީ ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން ދިޔައީ ޒާރާގެ ހިތުގައި އިމްރާނަށްޓަކައި ލޯބީގެ ވިންދެއް ޖަހާލާނެ ދުވަހަކަށެވެ. ކޮންމެ ނަމާދަކަށް ފަހުގައި ކުރެވޭ ދުޢާ އަކީ ޒާރާގެ ލޯބި މިންވަރުކުރެއްވުން އެދި ކުރެވޭ ދުއާއެވެ. ޒާރާއާއެކު އުފާވެރި ހަޔާތެއް ދެއްވުން އެދި ކުރެވޭ ދުއާއެވެ.
**********************************
ހަވީރު ވެހެންފެށި ވާރޭ ރޭނގަޑު އަށެއް ޖެހިއިރުވެސް ތުނިކޮށްނުލައެވެ. އިމްރާންގެ މަންމަމެން ބެންކޮކަށް ފުރި ފަހުން ދެތިންދުވަސް ފާއިތު ވެއްޖެއެވެ. އިމްރާންގެ މަންމަ މެނާއެކު ޒާރާގެ ދޮންމަންމަ ވެސް ދިޔައެވެ. ޑިއުޓީ ނެތް ރެއެއްކަމުން ޒާރާ ހުރީ ފޫހިވެފައެވެ. އިމްރާން އަންނާނެ އިރަކަށް އިންތިޒާރު ކުރެވެނީއެވެ. އެއީ ކީއްވެ ހެއްޔެވެ. އިމްރާން ހުއްޓަސް ޒާރާ އިމްރާނާ މާގިނައިން ވާހަކަދައްކައެއް ނަހަދައެވެ. އެހެންނަމަވެސް އިމްރާން އަބަދުވެސް ކޮންމެވެސް ވާހަކައަކުން ޒާރާގެ އެކަނިވެރިކަން ފިލުވާދެވޭތޯ ބަލައެވެ.
އިމްރާނަކީ މިޒާޖުގައިވެސް މަޖާގޮތް ހުންނަ މީހެކެވެ. ބައެއްފަހަރު ޒާރާއާ ސަމާސަކޮށްލުމަކީ އިމްރާން ކުރާކަމެކެވެ. ކޮޓަރިތެރޭގެ ކޮންމެ މަސައްކަތެއްގައިވެސް އިމްރާން ޒާރާއަށް އެހީތެރިވެދެއެވެ. އެނދުތަންމަތި އެޅުމާއި ފޮޅާސާފު ކުރުން ކަމުގައިވިޔަސް މެއެވެ.މިފަދަ އާދަތަކުގެ ސަބަބުން ޒާރާގެ ހިތް އިމްރާނުގެ މައްޗަށް ލެނބެން ފަށައިފިއެވެ. އިމްރާން ބޭރަށް ހިނަގައްޖެނަމަ ގެއަށް އަންނާނެ އިރަކަށް އިންތިޒާރު ކުރެވެން ފަށައިފިއެވެ. އިމްރާން ގޭގައި ނެތިއްޔާ ޒާރާއަށް ފޫހިކަން އިހްސާސް ކުރެވެއެވެ. އިމްރާންގެ އާދަތައް ކަމުދާން ފަށައިފިއެވެ. އިމްރާން ވާހަކަދައްކާ ގޮތެވެ. ޒާރާއާ ދިމާއަށް ބަލާލާގޮތެވެ. އެ ހިނިތުންވުމެވެ. އެ ދެލޮލުން ޒާރާއަށް ދޭ މެސެޖްތަކެވެ. އެ މެސެޖްތަކުގައި އެތައް ވާހަކައެއް އެކުލެވިގެންވާކަން ގައިމެވެ.
ޒާރާ އޮށޯވެލީ އިމްރާން ނިދާ ސޯފާގައެވެ. އެތަނުގައި ހިފާފައިހުރީ އިމްރާން ޖަހާ ސެންޓުގެ ވަހެވެ. އެވަހަކީ ޒާރާއަށް ވަރަށް ކަމުދާ ވަހަކަށް ވެއްޖެއެވެ. މަޑުމަޑުން އިމްރާންގެ ރަޖާގަނޑުގައި ނޭފަތް ޖައްސާ އެތެރެއަށް ދަމާލިއެވެ. ރަޖާގަނޑު މެޔާލާ ބޮނޑިކޮށްލެވުނީ ކީއްވެކަމެއް ޚުދު ޒާރާއަކަށްވެސް ނޭގެއެވެ. ކުރެވުނު މޮޔަކަންތަކުން ހިނިއަންނަގޮތްވިއެވެ. އިމްރާން ދެކެ ލޯބި ވެވެނީ ބާވައެވެ. ޒާރާ ހިތާހިތާ ކިޔާލިއެވެ. ޒާރާގެ ފޯނަށް ކޯލެއް އަންނަންފެށީ އެވަގުތުއެވެ.
އިމްރާންގެ ކޯލެއް ކަމަށް ހީކުރެވުނަސް ވީ އެހެނެއް ނޫނެވެ. ގުޅަނީ ޒާރާގެ ބައްޕައެވެ. ފޯނުނަގާ ބައްޕަގެ ހާލު ބަލާލުމަށްފަހު ފޯނުކޯލު ކުރުކޮށްލީ ވާހަކަ ދައްކަން ބޭނުން ނުވާތީއެއް ނޫނެވެ. އެހެންނަމަވެސް ޒާރާއަށް ކުރަންނުވާ ސުވާލެއް ކުރެވިދާނެތީއެވެ. ބައްޕަ އެކަނި ވިޔަ ނުދިނުމަށް އެތައްފަހަރަކު ޒައިދު ގާތުންވެސް ޒާރާ އެދުނެވެ. ބައްޕަ އާ މާ ގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް ޒައިދަށް ޒާރާ ގުޅާ ބައްޕަގެ ހާލު ބަލައެވެ. ޒާރާއަށް އެނގުނު ބޮޑު ހަގީގަތް ޒައިދަށް އަންގާކަށް ޒާރާ ބޭނުމެއް ނޫނެވެ. އެހެންކަމުން އެފަދަ އެއްވެސް ކަމެއް ޒައިދަށް ޝައްކުވާނޭފަދަ އެއްވެސް އެއްޗެއް ޒާރާ ނުބުނެއެވެ. ޒާރާ އިންތިޒާރު ކުރަމުންދިޔައީ ބައްޕައާއި އެކަނި ބައްދަލުކޮށްލާނެ ފުރުސަތަކަށެވެ. ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލެއް ބައްޕައާ ކުރަން އޭނާ ބޭނުމެވެ. އެވަރުގެ ކަމެއް ބައްޕަ ޒާރާއަށް ފޮރުވަން ޖެހުނު ސަބަބެއް ޒާރާ ހޯދަން ބޭނުމެވެ. ޒާރާގެ މަންމަ އަކީ ކާކުކަންވެސް އެނގެން ބޭނުމެވެ. އެ މަންމަ ޒާރާ ދޫކޮށްލި ސަބަބުވެސް ބަލަން ބޭނުމެވެ. އެ މަންމަ ހުރިތަނަކުން ހޯދަން ޒާރާ މަސައްކަތްކުރާނެއެވެ. ޒާރާ ފުރޮޅިލިއެވެ. ފާރުގައި ހުރި ގަޑިއަށް ނަޒަރު ހުއްޓާލިއެވެ.
ގަޑިން އެގާރަ ގަޑިބައިވަނީއެވެ. އަދިވެސް އިމްރާން ގެއަކަށް ނާދެއެވެ. އެންމެ ލަސްވިޔަސް އެގާރަ ގަޑި ފަނަރަ ހާއިރު ކޮންމެ ރެއަކުވެސް އިމްރާން ގެއަށް އާދެއެވެ. ޒާރާ ކަންބޮޑުވާން ފަށައިފިއެވެ. އެތައްފަހަރަކު ގަޑިއަށް ބެލިއްޖެއެވެ. ދުވަހަކުވެސް އިމްރާން މިހާލަހެއް ނުވެއެވެ. ޒާރާ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަންފެށިއެވެ. ވާރޭ ހައްތަހާ ދިޔައީ ބޯވަމުންނެވެ.
ގަޑިން ބާރަވެސް ޖަހައިފިއެވެ. ހިނގަމުންދާ ކޮންމެ މިނެޓަކާއެކު ޒާރާގެ ކަންބޮޑުވުން ދިޔައީ އިތުރުވަމުންނެވެ. މުޅި ގޭގައިވެސް ޒާރާ ނޫން މީހަކު ނެތްކަން ޒާރާއަށް އެނގެއެވެ. ހިތް ބިރުގަންނަންފަށައިފިއެވެ. އިމްރާން ލަސްވާނެކަން އެނގޭއިރު ގުޅާލާފަ ބުނެލިނަމަ ވީ ކިއްހެއްޔޭ ޒާރާގެ ހިތަށް އެރިއެވެ. މިހާ ވިއްސާރަ ރެއަކު މިހާލަސްވަންދެން ގޭން ބޭރުގައި އިމްރާން އެކުރަނީ ކީއްބާވައެވެ. ޒާރާ ބޭނުންވީ އިމްރާންނަށް ގުޅާލާށެވެ. އެނޫންގޮތެއް ނެތްކަމުން ހިތްވަރުކޮށްފައި އިމްރާނަށް ގުޅާލިއެވެ. އިމްރާން ފޯނެއް ނުނެގިއެވެ. ހިތަށް ވެރިވީ އިންތިހާ ދަރަޖައިގެ މާޔޫސްކަމެވެ. ދެން ހަދަންވީގޮތެއް ޒާރާއަކަށް ނޭނގުނެވެ. ޒައިދަށް ގުޅާލުމުން އެނގުނީ އިމްރާން އެގާރަޖެހިއިރު ފިހާރަ ބަންދުކޮށްފައި ގެއަށްދާން ނިކުތްކަމެވެ. ޒާރާ ހާސްވެއްޖެއެވެ.
ކޮޓަރިއަށް ނުވަދެ އިމްރާން ސިޓިން ރޫމުގައި އިނދެދާނެކަމުގައި ޒާރާގެ ހިތް ބުނަންފެށިއެވެ. ފުޓުބޯޅަ މެޗެއް އޮތިއްޔާ އިމްރާން މެޗްބަލަން އިނދެފާނެއެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކޮޓަރިތައް ފަސްދީ ސިޓިންރޫމަށް ޒާރާ ނިކުތެވެ. ސިޓިންރޫމުތެރޭގައި ވަނީ ފަނޑު އަލިކަމެކެވެ. ޓީވީ ހުރީ ނިވާލާފައެވެ. އެއްވެސް މީހަކު ނެތެވެ. ސިޓިންރޫމްތެރެއަށް ވެރިވެފައިވަނީ ފުން ހަމަހިމޭން ކަމެވެ. ރަސްކަން ކުރަމުންދަނީ ފަޅުކަމާ އެކަނިވެރިކަމެވެ. ބައެއް ދޮރުތަކުގެ ފޮތިތައްވަނީ ކަހާލާފައެވެ. އެހެންކަމުން ގަދަވަޔާއެކު ގޮތްގޮތަށް ހެލުވެމުންދާ ގަސްތަކާ ގޮފިތަކުގެ ހިޔަނި، ކުޑަދޮރުގެ ބިއްލޫރިތަކަށް އެޅިފައިވާއިރު ސިފަކުރެވެނީ ބިރުވެރި ގޮތަކަށެވެ. ޒާރާގެ ހިތުގެ ހިނގުން އިންތިހާއަށް އަވަސްވެއްޖެއެވެ. ކުއްލިއަކަށް ވިދާލައިފިއެވެ. ވިދުވަރުގެ އަލި ކުޑަދޮރުތަކުން އެރެތެއަށް ވަދެގެންދިޔައެވެ. މުޅިތަން ހިނދުކޮޅަކަށް އަލިވެގެން ދިޔައެވެ. ޒާރާ ގަނޑުވި ކަހަލައެވެ. ލޯމަރާލެވުނީ ބޭ އިޚްތިޔާރުގައެވެ. ދެން ޖަހާނީ ގުގުރިއެއްކަމާމެދު ޝައްކެއްކެތެވެ.
އެވަގުތު ސިޓިންރޫމުގެ ދޮރު ހުޅުވިއްޖެއެވެ. އެތެރެއަށް ވަން އިމްރާނަށް ދޮރު ލައްޕާނުލެވި އުޅެނިކޮށް ގުގުރާލައިފިއެވެ. ގުގުރާލީ ޒާރާ ހީވެސް ނުކުރާހާ ބާރަށެވެ. މުޅި ގެވެސް ތުރުތުރު އަޅައިގަތެވެ. ބިރުން ގަނޑުވެފައިހުރި ޒާރާ ދުވެފައިގޮސް އިމްރާނުގެ މޭގައި ތަތްވެގަތެވެ. ދެލޯމަރާ ބާރުކޮށްލެވުނީ ބިރުގަނެފައިވާވަރުންނެވެ. އިމްރާނަށް ލިބުނީ ކުއްލި ސިހުމެކެވެ. އެހެންނަމަވެސް އެ ދެއަތުގެ ހިމާޔަތުގައި ޒާރާގެ ނާޒުކު ހަށިގަނޑު ބަނދެލީ ނިކަން ލޯބިންނެވެ. ޒާރާގެ ހިތުގެ ތެޅުން އިމްރާނަށް އިހްސާސްކުރެވުނު ހިނދު، ޒާރާ ބިރުގެންފައިވާވަރު އެނގުނެވެ. އޭނާ މަޑުމަޑުން ޒާރާގެ ބޮލުގައި ފިރުމާލިއެވެ. ތެމިފައިވާ ފިނިފިނި ތުންފަތުން ޒާރާގެ ނިތްކުރީގައި ބޮސްދިނެވެ. ޒާރާ ހަމަ އެހުރިގޮތަށް ހުރީއެވެ.
''ޒާރާ......ބިރުގަތީދޯ......'' ޒާރާގެ ހަށިގަނޑު އަދިވެސް ބޮޑަށް ގަޔާލާ ފިއްތާލަމުން އިމްރާން ސުވާލު ކޮށްލިއެވެ. ޒާރާ މަޑުމަޑުން ބޯޖަހާލިއެވެ. އަދިވެސް އެ ދެލޯވަނީ މެރިފައެވެ. އެ ދެއަތުން އިމްރާނުގެ ހަށިގަޑު ވަށާލާފައިވާއިރު އެ ދެއަތުގައިވަނީ މަޑުމަޑު ތުރުތުރެއްގެ އަސަރެވެ.
''އެއްވެސް ކަމެއް ނޫން..... ސޮރީ .......ލަހުން އާދެވުނީތީ....... ކާރުގެ ފުރޮޅު ފަޅައިގެން ގޮސްގެން ލަސްވީ..... އެނގޭ ޒާރާ ވަރަށް އެކަނިވާނެކަންވެސް ..... އެންމެފަހުން ލަސްވާތީ ...... ރައްޓެއްސެއްގެ ކާރުގަ މިއައީ......'' އިމްރާން ވާހަކަދެއްކީ ނިކަން ލޯބިންނެވެ. އެހާ އޯގާތެރިކަމާއެކުގައެވެ. އެދެމެދުގައި އެއްވެސް ދުރުމިނެއް ނެތްކަހަލައެވެ. މަޑުމަޑުން ޒާރާގެ އަތުގައި ހިފައިގެން އިމްރާން ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް