ގެސްޓު ހައުސް ހުންނަ ރަށްރަށަށް ޒަރޫރީ ކަމަކު ދާ މީހުން ކަރަންޓީން ވާން ނުޖެހޭނެ

ގެސްޓޫ ހައުސްތައް ހިންގުމުގެ ހުއްދަ ދޭން ފެށިޔަސް އެމަޖެންސީ ހާލަތްތަކުގައި އެ ރަށްރަށަށް ދާ މީހުން އަނބުރާ ރަށަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އ...

29 Sep 2020 | 03:36

ގެސްޓޫ ހައުސްތައް ހިންގުމުގެ ހުއްދަ ދޭން ފެށިޔަސް އެމަޖެންސީ ހާލަތްތަކުގައި އެ ރަށްރަށަށް ދާ މީހުން އަނބުރާ ރަށަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ސިއްހީ ފަރުވާ ހޯދުމަށް، ނުވަތަ އެނޫންވެސް އެމަޖެންސީ ކަންކަމުގައި ގެސްޓު ހައުސް ހިންގާ ރަށްރަށަށް ދާން އާންމުންނަށް މަޖުބޫރުވާނެ ކަމަށެވެ. އެފަދަ ހާލަތްތަތުގައި ދާ މީހުން އެނބުރި ރަށަށް ގޮސް ކަރަންޓީން ވާން ޖެހޭނީ ހިދުމަތް ހޯދަން ދިޔަ ރަށުގެ ގެސްޓު ހައުސްއެއްގައި ހުރެއްޖެ ނަމަ ކަމަށެވެ.

އޭނާ ވިދާޅުވީ މަގުސަދަކީ އާންމުންނަށް ޓޫރިސްޓުންނާއި ބައްދަލުވެ މުއާމަލާތް ނުކުރެވޭނެ މަގު ފަހި ކުރުން ކަމަށެވެ. އެއީ ޓޫރިސްޓުންނަކީ މާލެއިން ނުވަތަ ރާއްޖެއިން ބޭރުން އެ ތަންތަނަށް ދާ މީހުންނަށްވެފައި ބަލި ޖެހިފައި ހުރުމުގެ ފުރުސަތު ބޮޑު ކަމުން ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

އެޗްއީއޭއިން އެކުލަވާލާފައިވާ ގަވައިދުގެ ތެރޭގައި ރަށްރަށުގައި ހިންގާ ދުވަހު ކުއްޔަށް ދޭ ކޮޓަރިތައް ނުހިމެނޭނެ ކަމަށާއި އެ ތަންތަނަކީ ޓޫރިސްޓުންދާ ތަންތަން ނޫން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެ ތަންތަނުގައި ތިބެފައި އެނބުރި ރަށަށް ދާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެ އެވެ.

ޑރ. ޝަހީދު އިތުރަށް ވިދާޅުވީ ގެސްޓު ހައުސްތައް ހިންގުމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ގަވައިދުގެ ދަށުން އެފަދަ ރަށްރަށުގައި އާންމު ތަންތަނުގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެކެވެ. އަދި ޓޫރިސްޓުން އުޅެންޖެހޭނީ އާންމުންނާއި ބައްދަލު ނުވާނެ ގޮތަކަށް ކަމަށާއި އާންމުންގެ ގޭގެއަށް ޓޫރިސްޓުން ވަނުމަކީ މަނާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް