ފިޔަވަޅުތައް ހަރުކަށި ކުރިޔަސް ކޭސްތައް މަދުވާނީ އަމަލު ކޮށްގެން: ޑރ. އަފްޒަލް

ކޯވިޑް-19ގެ ކޭސްތައް އިތުރުވާތީ ލުއި ދީފައިވާ ބައެއް ފިޔަވަޅުތައް ހަރުކަށި ކުރިނަމަވެސް މިހާތަނަށް ކޭސްތައް މަދުވާކަން ފާހަގަވެފައި ނުވާކަމަށް އެޗްއީއޯސީން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވ...

29 Aug 2020 | 17:45

ކޯވިޑް-19ގެ ކޭސްތައް އިތުރުވާތީ ލުއި ދީފައިވާ ބައެއް ފިޔަވަޅުތައް ހަރުކަށި ކުރިނަމަވެސް މިހާތަނަށް ކޭސްތައް މަދުވާކަން ފާހަގަވެފައި ނުވާކަމަށް އެޗްއީއޯސީން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ފިޔަވަޅުތައް ހަރުކަށި ކުރުމުން ނަތީޖާ ނުކުންނަށް ފަށަން ދެ ހަފްތާ ނަގާނެ ކަމަށެވެ. ކޯވިޑާއި ގުޅިގެން އަލުން ބައެއް ފިޔަވަޅުތައް ހަރުކަށި ކުރިތާ މިހާރު ދެ ހަފްތާވެފައިވާއިރު ކޭސްތައް މަދުވާތަން ނުފެންނަ މައިގަނޑު ސަބަބެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވީ ގަވައިދުތަކަށް އާންމުން އަމަލު ނުކުރުމެވެ.

އޭނާ ވިދާޅުވީ ފިޔަވަޅުތަކެއް އެޅި ނަމަވެސް ދެ ފަރާތުގެ އެއްބާރުލުމާއި އެކު ނޫނީ މިފަދަ ގައިންގަޔަށް އަރާ ވައިރަސްއެއް ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވީ މިދިޔަ ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ދިން ލުއިތަކާއި ގުޅިގެންނެވެ. އެހެންވެ މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ދީފައިވާ ލުއިތަކާއި ރަށްރަށަށް ކަރަންޓީންއަށް މީހުން ދިއުން ހަރުކަށު ކުރި އެެވެ.

އެގޮތުން މާލޭގައި މާސްކު އެޅުން މަޖުބޫރުކޮށް ރޭގަނޑު 10:00 ން ފަތިހު 5:00 އަށް ކާފިއު ހިންގަން ވަނީ ފަށާފައި އެވެ. އަދި ވަގުތީ ގޮތުން މާލެ އައިސް ތިބި މީހުންނާއި މާލޭގައި ދިރިއުޅޭ ތަން ދޫކޮށްލަން ޖެހިގެން ރަށްރަށަށް ދާން ޖެހޭ މީހުންނަށް ނޫނީ ހޯމް ކަރަންޓީނަށް އަތޮޅު ތެރެއަށް ނުދެވޭގޮތަށް ވަނީ ގަވައިދަށް ބަދަލު ގެނެސްފައި އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 7،578 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 28 މީހުން ވަނީ އެ ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް